ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސިއްހަތަށް، ނަޝީދު ކުރި ފުރައްސާރަ ގޯސް ނޫން ތޯ ކުރި ސުވާލަށް ޑިމޮކްރެޓްސްގެ ޖަވާބެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިތުގެ އާލާސްކަން ހުންނަ ބޭފުޅަކަށް ވާތީ ކޮންމެ ދުވަހެއް ވެސް ފަށައިގަންނަން ޖެހެނީ ގިނަ އަދަދެއްގެ ބޭހާއި އެކުކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް އަމާޒުވާ ފާޑުކިއުންތަކަށް ޖަވާބެއް ދެއްވުމަށް ޑިމޮކްރެޓްސް ދެކޮޅު ހަދައިފި އެވެ.

ގާތް އެކުވެރިންގެ ގޮތުގައި އެތައް އަހަރުތަކެއް ހޭދަ ކުރެއްވުމަށް ފަހު ރައީސް ސޯލިހާއި، ރައީސް ނަޝީދު ދެމެދު ސިޔާސީ ގޮތުން މައްސަލަތައް ޖެހި ދެ ބޭފުޅުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ މިސްރާބަކަށެވެ. އެކި ގޮތްގޮތުން އަމާޒު ކުރާ ފާޑުކިއުންތަކުގައި ސަރުކާރުގެ އެތެރޭގައި ހުރި ކަންތަކާއި، ކުރީގައި ކުރެއްވިކަމަށް ގަބޫލު ކުރެވޭ އެކި ގޯސްތަކުގެ ވާހަކަތައް ވެސް ޖަލްސާތަކުގައި ދަނީ ދެކެވެމުންނެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށް ނިންމައި، ޕާޓީގެ ހަރުގޭގައި ކުރިޔަށް ގެންދިޔަ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހުގެ ސިއްހީ ހާލުކޮޅާއި އުމުރަށް ފުރައްސާރަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. ރައީސް ސޯލިހުގެ ދުވަސްވީ އުމުރާއި، އެމަނިކުފާނު ކޮންމެ ދުވަހަކު ބޭސްތަކެއް ކާންޖެހޭ ޖެހުމަކީ އެއީ ރައްޔިތުން ވިސްނާލުން މުހިންމުކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހަކީ ހިތުގެ އާލާސްކަން ހުރި އެތައް ބޭހެއް ކާން ޖެހޭ ބޭފުޅަކަށްވާއިރު އުމުރުން 56 އަހަރުގައި ވެސް އެމަނިކުފާނަކީ ބޭސްކާން ޖެހޭ ބޭފުޅެއް ނޫނެވެ. ރައީސް ސޯލިހަށް އަމާޒުކޮށް، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހިތަށް ހަތަރު ސްޓަންޓް ލައްވާފައި ނެތް ކަމަށެވެ.

އަޅުގަނޑުގެ އުމުރުން 56 އަހަރު، ރައީސުލްޖުމްހޫރިއްޔާ އެ ވަޑައިގަންނަވަނީ 60 އާއި ގާތަށް.. މާތްރަސްކަލާންގެ އިރާދަފުޅުން އަޅުގަނޑު މުށެއް ފުރާ ބޭސް ހެނދުނު ކާކަށް ނުޖެހޭ، މާތް ރަސްކަލާންގެ އިރާދަފުޅުން އަޅުގަނޑުގެ ހިތުގައި ހަތަރު ސްޓަންޓް ލައްވާފައެއް ނެތް.. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދަންނަވަން އޮތީ މަނިކުފާނު ވެސް މުސްކުޅިވި ވާހަކައޭ މި ދަންވަނީ..

ރައީސް ނަޝީދުގެ އެވާހަކަފުޅަށް އެވަގުތު ހަރުގޭގައި ތިބި ގިނަ ބަޔަކު ބާރަށް އަތް ޖައްސަވަމުން ގެންދެވި އެވެ. އެއާއި އެކު އަނެއްކާވެސް ރައީސް ނަޝީދު ހަމަ އެ މައުޟޫއުގެ ތެރެއިން ވިދާޅުވީ ކޮންމެ ދުވަހަކު ބޭސް ކާން ޖެހޭ ކެނޑިޑޭޓެއް ހުރުމާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ މެންބަރުންނަށް ދަންނަވަން، ތިބޭފުޅުންގެ ރައީސްތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ. ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް

މިއީ ސިޔާސީ ގޮތުން ބަޔަކާއި ދިމާކުރުމުގައި ބަސް މަގު ގެންގުޅެންޖެހޭ ގޮތެއް ނޫންކަމާއި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެގޮތަށް ފާޑުކިއުމަކީ ގޯސްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުން ގެންދާތީ އެ ސުވާލު ކުރުމުން ހަސަން ލަތީފް މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ތަޖުރިބާގައި ކަންކަން އޮންނާނެ ގޮތުގެ ވާހަކަ އެމަނިކުފާނު އަބަދުވެސް ދައްކަވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ގޯހުން ހިނގާފައި ހުރި، އަދި ގޯހުން ހިނގާފާނެކަމަށް ބެލެވޭ އެތައްކަމެއްގެ ވާހަކަ ރައީސް ނަޝީދު ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދަވާއިރު ކުރިޔަށް އޮތް ތަނުގައި ވެސް ހަމަ އެ ވާހަކަތައް ދައްކަވާނެކަމަށެވެ.

ހަސަން ލަތީފް މިގޮތަށް ވިދާޅުވި ނަމަވެސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ސިއްހަތާއި ގުޅުވައި ބައެއް މީހުން ވާހަކަ ދެއްކުމުން އެއީ ސިޔާސީ ގޮތުން ހަމަލާ ދޭން ޖެހޭފަދަ ވާހަކަތަކެއް ނޫންކަމަށް އޭރު އެބޭފުޅުން ދެއްކެވި ނޫން ތޯ “ސަންގު” އިން ސުވާލު ކުރުމުން ހަސަން ލަތީފް އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ. ނޫސްވެރިޔާގެ ނަން ދެންނެވުމަށް ފަހު، އޭނާ ވަނީ އެ ހިޔާލަށް ފުރިހަމައަށް އިހުތިރާމު ކުރާކަމަށް ވިދާޅުވެ އެހެން މީޑިއާއަކަށް ސުވާލު ކުރުމަށް ފުރުސަތު ދެއްވާފަ އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައީސް ސޯލިހުގެ ގާތް ބޭފުޅުންނާއި، އަދި ސަރުކާރުގެ އިސް މީހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މި މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޕްރައިމެރީގެ ނާކާމިޔާބީއަށް ފަހު، ކެނޑިޑޭޓުގެ ފަހަތަށް ނާރަން އެކި ބަހަނާތައް ދެއްކެވި ބޭފުޅަކު އަނެއްކާވެސް އިތުރު ފިތުނަތަކެއް އުފައްދަވަނީ ކަމަށެވެ.

ރައީސް ނަޝީދު އެ ލެވެލްއަށް ވެއްޓުމަކީ ހައިރާންވާ ވަރުގެކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް މީހުން ވަނީ ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން ގެއްލިގެން ދަނީ، އާންމުން އެމަނިކުފާނަށް ކުރަމުން އައި އިހުތިރާމްކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: