ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ކުރި ގިނަ އަދަދެއްގެ އިހުތިޖާޖުތައް ހުއްޓުވުމުގައި ފުލުހުންގެ މުއައްސަސާއިން ގާނޫނީ އިމުން ބޭރުން ބާރުގެ ބޭނުންކޮށްފައިވާކަމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.
އެމްނެސްޓީއިން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި އެ ޖަމާއަތުންވަނީ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތައް ކަށަވަރުކުރެވޭ މިންވަރަށް އަލިއަޅުވާފައެވެ. އެގޮތުން ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތް މިންވަރާއި ނުބެލި ދިޔަ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުންވެސް ރިޕޯޓުގައި މައުލޫމާތު ހިމަނާފައިވެއެވެ.
އެމްނެސްޓީއިން ބުނެފައިވާގޮތުން، ރާއްޖޭގެ ސަރުކާރުންވަނީ ހެއްކާއި ބެހޭ ގާނޫނެއް ފާސްކޮށްފައިކަމަށެވެ. ރިޕޯޓުގައިވާގޮތުން، އެ ގާނޫނޫގެ ދަށުން ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކޯޓު މެދުވެރިކޮށް މަޖުބޫރުކުރެވެއެވެ. އެމްނެސްޓީއިން ބުނެފައިވާގޮތުން ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ މަދަނީ ޖަމާއަތްތަކުވާނީ މީގެ ކުރިންވެސް އެ ބިލާއި ގުޅޭގޮތުން އިންޒާރުތަކެއް ދީފައެވެ. އެގޮތުން މީޑިއާތަކުގެ މިނިވަންކަމަށް ހުރަސްތަކެއް އެޅިގެންދާނެކަމުގެ އިންޒާރުތައް ދިންކަމަށް ބުނެފައިވެއެވެ.
އެމްނެސްޓީއިން ބުނެފައިވާގޮތުން، ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއިންވަނީ އެކި ފުރުސަތުތަކުގައި ގާނޫނާއި އެއްގޮތް ނުވާގޮތަކަށް ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުތަކަށް ހުރަސްއަޅައި ހުއްޓުވާފައެވެ. އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވަމުންދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖެއްގެ ބައިވެރިން ހައްޔަރު ކުރުމުގައި ފުލުހުންނަށް ނުކިޔަމަންތެރިވުން ފަދަ ސަބަބުތައް ބޭނުންކޮށްފައިވާކަންވެސް އެ ޖަމާއަތުގެ ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާގޮތުން ސުލްހަވެރިކަމާއިއެކު ކުރެވޭ އިހުތިޖާޖުތައް ހުއްޓުވުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކުން ބޭނުންކުރަމުންދަނީ 2013 ވަނަ އަހަރުގެ ތެރޭގައި ފާސްކުރެވުނު މިނިވަންކަމާއިއެކު އެއްވެ އުޅުމާއި ބެހޭ ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން ނުހައްގު ބާރެއް ނަމަވެސް ފުލުހުންނަށް އިހުތިޖާޖުތައް ކުރުމަށް ހުއްދަ ދިނުމުގެ ބާރު ލިބިގެންދާކަމަށާއި، އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި އުސޫލުތަކާއި ފުށުއަރާ ކަމެއްކަމަށް ބުނެފައިވެއެވެ.


ޖަލުގައި ގައިދީން މަރުވުމާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފަރާތްތަކުގެ މަރުގެ މައްސަލަތަކާއި ގުޅޭގޮތުންވެސް އެމްނެސްޓީގެ ރިޕޯޓުގައި މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވިކަމަށާއި އެހެންނަމަވެސް އަހަރު ނިމިގެންދިޔަ އިރުވެސް އެކަމާއި ގުޅޭ އެއްވެސް ތަހުގީގެއް ކުރިއަށް ދާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އެ ޖަމާއަތުން ބުނެފައިވާގޮތުން، 2021 ވަނަ އަހަރުގެ ތެރޭގައި ޖަލުގައި ހުއްޓާ މަރުވި މުހައްމަދު އަސްލަމްގެ މަރުގެ މައްސަލައިގައިވެސް އެއްވެސް ތަހުގީގެއް ކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ނޫސްވެރިޔާ ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް އުމުރަށް ހުކުމް ކުރެވުނު ކަމަށާއި އެ މައްސަލައިގައި މަދަނީ ޖަމިއްޔާތުންވަނީ ތަހުގީގުތަކާއި ތަންފީޒީ އިދާރާތަކުގެ އިންސާފުވެރިކަމާއިމެދު ސުވާލު އުފައްދާފައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

