ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް ނިމިދިޔަ ދައުރުގައި ޕްރޮޖެކްޓުތައް އެޕްރޫވް ކުރަމުންދިޔަކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ މަދަނީ ޖަމާއަތް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ނިމިދިޔަ އަހަރުގައި ރާއްޖޭގެ ކަންކަން ހުރި ގޮތް ބަޔާންކޮށް ރިޕޯޓެއް އާންމުކޮށްފައެވެ. ރިޕޯޓުގައި އެކި ދާއިރާތަކަށް އަލިއަޅުވާލާފައިވާއިރު މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ އަސާސީ މިނިވަންކަމާއި ގުޅޭ މައްސަލަތައް ކަން ފެނިގެންދެއެވެ.
އެގޮތުން ރިޔާސީ އިންތިހާބާއި ގާތްވަމުން ދިޔަ ދުވަސްވަރު ރާއްޖޭގެ ސަރުކާރުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމާއި ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް އިހުތިރާމް ކުރާ މިންވަރު ދަަށަށް ދިޔަކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކުގެ ބައިވެރިންގެ އިތުރުން މަންޒަރުތައް ގެނެސްދިނުމަށްޓަކައި ހަރަކާތްތެރިވަމުން އައި ނޫސްވެރިންނާއި ދެކޮޅަށްވެސް ފުލުހުންގެ މުއައްސަސާއިން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިކަމަށް ރިޕޯޓުގައިވެ އެވެ.
އެމްނެސްޓީއިން ބުނެފައިވާގޮތުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް އެކަށީގެންވާ އަހައްމިއްޔަތުކަމެއް ނުދީ ނިމިދިޔަ ދައުރުގައި ބިން ހިއްކުން ފަދަ މަސައްކަތްތައް އެޕްރޫވް ކުރަމުންދިޔަކަމަށާއި އެކަމުގެ ސަބަބުން ރަށްތަކުގެ ރައްޔިތުންނަށް ވަނީ ފެންބޮޑުވުމާއި މުދަލަށް ގެއްލުން ލިބުން ފަދަ ދަތިތަކާއި ކުރިމަތިލާންޖެހިފައިކަމަށްވެސް ބުނެފައިވެ އެވެ.
2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން ވަނީ އދ. ގެ އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފރޮމް އެންފޯސްޑް ޑިސަޕިއަރެންސް ނުވަތަ މީހުން ގަދަކަމުން ގެއްލުވާލުމާއި ދެކޮޅަށް ރައްކައުތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ސަރުކާރުންވަނީ ރާއްޖޭގައި އެ މުއާހަދާގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާނެ އިސްލާހުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ސަރުކާރުންވަނީ ފެއިލްވެފައިކަމަށްވެސް ރިޕޯޓުގައިވެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވުމާއިއެކު ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ކޮރަޕްޝަންގެ މައްސަލައިގައި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުންގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުން ދޫކުރައްވާފައިކަމަށްވެސް އަލިއަޅުވާލާފައިވާއިރު، ޝަރީއަތްތައް ލަސްވުމާއި ސިޔާސީ ނުފޫޒުތައް ފޯރާކަމުގެ ތުހުމަތުތައް ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދަނިކޮށް ނޫސްވެރިންނަށް ހަމަލާދިން މައްސަލައެއްގައި ތުހުމަތުކުރެވޭ ދެ މީހަކު ކްރިމިނަލް ކޯޓުން މިނިވަންކުރިކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

