2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ކެމްޕެއިންތައް ފަށާފައިވާއިރު، އެމްޑީޕީއަކީ އެންމެ ފާހަގަކޮށްލެވޭ ޕާޓީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ށ އަތޮޅު ފޯކައިދޫއިން ފެށީ ކެމްޕެއިންގައި، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހު މިހާރު ވަނީ 70 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ.
ދ ކުޑަހުވަދޫގައި އޮތް ޖަލްސާއެއްގައި އެމަނިކުފާނުގެ މެނިފެސްޓޯގެ ފުރަތަމަ ބައި ”އުފާވެރި ދިރިއުޅުން އިފްތިތާހުކޮށްފައިވާއިރު، ރޭ ނ ވެލިދޫގައި ބޭއްވި ޖަޖްލސާގައި ވަނީ މެނިފެސްޓޯގެ ދެވަނަ ބައި ”އާ ޒުވާން ޖީލު“ އިފްތިތާހުކޮށްފައެވެ.
މިކަން ހާސިލްކުރުމަށް މިހާރު މި ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ތަންފީޒުކޮށްފައިވާ އެއް ސިޔާސަތުގެ ތެރޭގައި ހިމެނެނީ، ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 18،000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދީފައިވުމެވެ. ދަރިވަރުންނަށް ތަކުލީފު ކުޑަކުރުމަށްޓަކައި، މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެޑްމިނިސްޓްރޭޓިވް ޗާޖުވާނީ 5 އިންސައްތައިން 1 އިންސައްތައަށް ކުޑަކޮށްފައެވެ. ވޭތުވެދިޔަ 5 އަހަރުތެރޭގައި 3000 އަށްވުރެ ގިނަ ދަރިވަރުންނަށް މި ލޯނު ސްކީމުން ކިޔެވުމަށްވަނީ ފުރުސަތުދީފައެވެ. ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި 1200 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޮލަރޝިޕްތަކުން ކިޔެވުމަށްވަނީ ފުރުސަތުދީފައެވެ.
ޒުވާނުންގެ ބޭނުންތައް ތައުލީމާއި ތަމްރީނާ ހަމައިން ނިންމާނުލެވޭނެކަން ދަނެ، ވަޒީފާއަށް އަހުލުވެރިކުރުވުމަށްވެސް ގިނަ ފުރުސަތުތަކެއް ސަރުކާރުންވާނީ ހޯދައިދީފައިވާކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ. މިގޮތުން، ސްކިލްސް ފޮރ އަ ރެޒިލިއަންޓް ވޯރކްފޯސްއިން 2915 ފުރުސަތު، ނެޝެނަލް އެޕްރެންޓިސްޝިޕުން 500 އަށްވުރެ ގިނަ ފުރުސަތު، މޯލްޑިވްސް ޕޮލިޓެކްނިކުން 1200 އަށްވުރެ ގިނަ ފުރުސަތު އަދި ކޮވިޑް 19 އިމަރޖަންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން 800 އަށްވުރެ ގިނަ ފުރުސަތު ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށްވަނީ ހޯދައިދީފައިކަން މެނިފެސްޓޯގައި ފާހަގަކޮށްފައިވެއެވެ.
އިގްތިސާދީ ތަރައްގީއާއެކު، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދިއުމަކީ ޒުވާނުންގެ ފުދުންތެރިކަން އިތުރުވުމަށް ލިބިގެންދާ ބާރެއްކަމަށް ފާހަގަކޮށް މެނިފެސްޓޯގައިވާ ގޮތުގައި މިއަހަރުގެ ޖޫންއާ ހަމައަށް އައިއިރު ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަފާސްހިސާބަށް ބަލޢިރު، 20،000 އަށްވުރެ ގިނަ ވަޒީފާވަނީ އުފައްދާފައިވާކަމެވެ.
ހުނަރާއި ފަންނުވެރިކަމުން މުއްސަނދިވެފައިވާ ހަމަކޮންމެ ޒުވާނަކަށްވެސް އާމްދަނީ ހޯދުމުގެ ގިނަ މަގުތައްވާނީ ފަހިކޮށްދީފައިކަމަށް ސަރުކާރުން ދެކޭއިރު، މިގޮތުން، 1600 އަށްވުރެ ގިނަ ފަރާތަށް އެސްއެމްއީ ލޯނު ފުރުސަތު ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 13 ބިޒްނަސް ސެންޓަރު ގާއިމުކުރުމާއި، އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރި ފުޅާކުރުމާއި، އެސްއެމްއީ ހަބް މެދުވެރިކޮށް ވިޔަފާރިން ނަފާ ހޯދޭނެ މަގުވާނީ ޒުވާނުންނަށް ތަނަވަސްކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.
ހަމަމިއާއެކު، ފަންނުވެރިންނަށް އެމީހުންގެ ފަންނުވެރިކަމާއި ހުނަރު ހުށަހަޅައިދިނުމުގެ އެންމެ މުހިއްމު ދެ ވަސީލަތްކަމުގައިވާ އޮލިމްޕަހާއި ނޭޝަނަލް އާޓް ގެލެރީވާނީ މި ދައުރުގައި އަޕްގްރޭޑްކޮށްފައިވާކަން މެނިފެސްޓޯގައި ފާހަގަކުރެއެވެ. އަދި ޒުވާނުންގެ އާބާދީގެ ތެރެއިން ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑު، ފުޓްސެލް ދަނޑު، ވޮލީ ކޯޓު، އައުޓްޑޯ ޖިމް، ބެޑްމިންޓަން ކޯޓު، ޓޭބަލް ޓެނިސް އަދި މިނޫންވެސް ކުޅިވަރު ވަސީލަތްތައްވާނީ ގާއިމުކޮށްފައިވާކަން ފާހަގަކުރެއެވެ.
އުމްރާނީ، އިގްތިސާދީ އަދި އިޖްތިމާއީ ކޮންމެ ތަރައްގީއެއްގެވެސް އެންމެ ބޮޑު ފައިދާ ލިބޭ ފަރާތަކީ ގައުމުގެ ޒުވާނުންކަމަށް އެމްޑީޕީއިން ދެކޭއިރު، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމަށްކުރާ މަސައްކަތާއި، އާރް.ޓީ.އެލް އިން މުޅި ރާއްޖެ ގުޅާލުމާއި، ޓަރޝަރީ ހޮސްޕިޓަލް ފެންވަރުގެ ހިދުމަތް ގާއިމުކުރުމާއި، މެންޓަލް ހެލްތް ފަރުވާ ހޯދައިދިނުމާއި، ލަފާފުރުމުގެ ދަތިކަން ނައްތާލުމާއި، ކަރަންޓު ޔަގީންކޮށްދިނުމާއި، ފެނާ ނަރުދަމާ ގާއިމުކޮށްދިނުމާއި އަދި ބޯހިޔާވަހިކަން ކަށަވަރުކުރުން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ބޮޑެތި މަޝްރޫއުތަކުން އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކީ ޒުވާނުންކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.
މިކަންކަން އިތުރަށް ހަރުދަނާކޮށް، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށް އޮތް ދައުރަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހެދުން ހިމެނެއެވެ. ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފައްދާނެކަމަށް ވައުދުވެފައިވާއިރު، މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތުދޭނެކަމަށްވެސް ވައުދުވެފައިވެއެވެ.

