ރައީސް އިބްރާހިމް މުހައްމަދު ސާލިހު މާލިއްޔާތުން ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާކަމަށް އެމަނިކުފާނުގެ ރަނިންގމޭޓު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވުމާއިއެކު ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޖަގައެއް ހުޅުމާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަނިންގް މޭޓު އަސްލަމްވަނީ ރައީސް ސާލިހަށް ތައުރީފު ކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އެމަނިކުފާނަކީ ރައްޔިތުން ދެކެ ލޯބިވާ ތެދުވެރި ރައީސްއެއްކަމަށް އަސްލަމްވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ކޮވިޑްގެ ވަބާގެ ސަބަބުން ދިމާވެގެންދިޔަ ދަތިތަކުން ރައްޔިތުން ރައްކައުތެރިކޮށްދެއްވި މޮޅި އިގްތިސާދީ މާހިރެއްގެ ގޮތުގައިވެސް އަސްލަމްވަނީ ރައީސް ސާލިހު ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އުޅުއްވާނީ ލިބިވަޑައިގަންނަވާ އެއްޗަކުން ހަރަދުތައް ހަމަޖައްސަވައިގެންކަމަށާއި އެމަނިކުފާނަކީ ދައުލަތުގެ މާލިއްޔާތުން ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންވާ ބޭފުޅެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވައި ވަހީދު ވަނީ ސޯޝަލްމީޑިއާގައި ފާޑުވިދާޅުވެފައެވެ. އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް ސާލިހުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ދައުލަތުގެ ހަރަދުތައްވަނީ 190 ބިލިއަނުން މައްޗަށް ގޮސްފައިވާކަމަށެވެ. އެހެންނަމަވެސް އެ އަދަދާއި ގާތް ކުރާ މިންވަރަށްވެސް ކަންކަން ކުރެވިފައިވާ މަންޒަރުތައް ފެންނަން ނެތްކަަމަށްވެސް ވަހީދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހަރަދާއި އެއް މިންވަރަށް މަސައްކަތްތައް ކުރެވިފައި ނެތުމަކީ ދައުލަތުގެ ފައިސާގައި ބަޔަކު މީހުން ”ބޮޑުކޮށް““ ޖެހިފައިވާކަމުގެ ހެއްކެއްކަމަށެވެ. ވަހީދު ވިދާޅުވީ، ހިޔާނާތްތައް ނުބަލާކަމަށެވެ. އަދި އެ މައްސަލަތައް ނުބެއްލެވުމަކީ އެ އަމަލުތަކުގައި ރައީސް ސާލިހު ބައިވެރިވެވަޑައިގެންނެވިކަމަށް ބެލުމަށް ޖާގަ އޮތް ކަމެއްކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ރައީސް ސާލިހު ދައުލަތުގެ މާލިއްޔާތުގައި ޖެހިވަޑައިނުގަންނަވާނެކަމަށް އަސްލަމް ވިދާޅުވުމުން ވަހީދު އެކަމަށް ރައްދު ދެއްވާފައިވާއިރު، ދާދި ފަހާއި ޖެހެންދެން އެމްޑީޕީގައި ހުރުމަށްފަހު ވަކިވެވަޑައިގެންފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރުގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ދަރަނި ދެއްކުމަށް ދަރަނި ނަގާފައިވާކަމަށާއި އެކަން ކޮށްފައިވަނީ އެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ އަމަލުތަކެއް ހިމެނޭތީކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

