ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ގައުމަކަށް ރާއްޖޭގެ މައްޗަށް ބަސް ނުބުނެވޭނެ؛ ސިފައިންނަށް ވެސް ނުތިބެވޭނެ

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ރާއްޖޭގައި، އެހެން އެއްވެސް ގައުމެއްގެ ބާރާއި ނުފޫޒު ހިނގައިގެން ނުވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުފުލަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.

ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް އިބްރާހިމް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. އެކަމަށް އިދިކޮޅުން، އަބަދުވެސް ނުރުހުން އަމާޒު ކުރެ އެވެ.

ރިޔާސީ ކެމްޕެއިނަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭގެ ފުވައްމުލަކުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއީ ރައްޔިތުންނަށް ގައުމުގެ ބަސް ބުނުމަށް ފުރުސަތު ލިބޭ އެންމެ ފަހު ފަހަރުކަމަށް ދެކި ވޯޓުލުން މުހިންމު ކަމަށެވެ.

ދިވެހިންގެ މި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރާ ހީވާގި ބަޔަކު ތިބި ގައުމަކަށްވާއިރު އެއްވެސް އިތުރު ގައުމަކަށް އޭގެ މައްޗަށް ނުފޫޒު ފޯރުވައި ބަސް ބުނުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަކި ގައުމަކަށް ދޭ ހާއްސަ ސަމާލުކަމެއް، ނޯންނާނެ ކަމަށެވެ. އަދި ވަކި ކޮޅަކަށް ބުރެވެފައިވާ ހާރިޖީ ސިޔާސަތު ގަބޫލު ނުކުރައްވާކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބޭރުގެ ކޮންމެ ގައުމަކާއި ވެސް ގުޅުން އޮންނާނީ ހަމަހަމަ އުސޫލުން ކަމަށެވެ. އަދި އެއީ ދިވެހި ގައުމުގެ ފުރިހަމަ މިނިވަންކަން ޔަގީންވާ ގޮތަށްކަމުގައި ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ހާލަތަށް އެއްވެސް ދެވަނަ ގައުމަކަށް ބަސް ބުނުމުގެ ހައްގު ނެތުމުންކަމަށާއި، މި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ތިބުމުގެ ފުރުސަތެއް ވެސް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެން ގައުމަކަށް ރާއްޖެއަށް ބަސް ބުނުމުގެ ޖާގަ ނުދޭން ގޮވާލައި މުއިއްޒު ވިދާޅުވީ، މިއީ ތަރައްގީއާއި މަޝްރޫއުތައް ހިންގުމަށް ވުރެ ވެސް މާ މުހިންމުކަމެއް ކަމަށެވެ. އަދި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ، ގައުމު އިސް ކުރުމަށް ވެސް މުއިއްޒު ގޮވާލެއްވި އެވެ.

މުއިއްޒު ވިދާޅުވީ ސީރިއަސް ސިފައެއްގައި ގައުމާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ވެރިކަން ވެސް ހަވާލު ކުރަން ވާނީ، ގައުމު ދެކެ ލޯބިވާ ގައުމާއި މެދު ވިސްނާ ބަޔަކަށްކަމަށް ވެސް ވިދާޅުވި އެވެ.

ގަބޫލު ކުރަނީ ކޮންމެ ރައްޔިތަކީ ސިޔާސީ ފިކުރު އެއްކިބާކޮށް، ދިވެއްސަކަށް ވީތީ އެ މަސްލަހަތު އިސް ކުރާނެކަމަށް.. ރައްޔިތުން ވިސްނުން އިސް ކުރާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށްކަމުގައި އުންމީދު ކުރަ

އިންޑިއާއާއި ދެކޮޅަށް އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފެށުމުން، ސަރުކާރުން ވަނީ ހާއްސަ ގަރާރެއްގެ ދަށުން އިންޑިއާ އައުޓްގެ އެއްވުންތަކަކީ ނަފްރަތު އުފެއްދުމުގެ ހަރަކާތެއްކަމަށް ކަނޑައަޅައި އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގާފަ އެވެ.

ގަރާރާއި އެކު ސީދާ އެނަމުގައި ހިންގި ހަރަކާތްތަކަށް މަޑުޖެހުމެއް އައި ނަމަވެސް ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ އުފުލާ އަޑުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: