ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރެއް ގުޑުވާލި ހަތް ޕަސަންޓުން، މަޖިލިސް ވެސް ގެއްލުވާލާނަން: ޝިއްޕެ

ޑިމޮކްރެޓްސްގެ ނައިބު ރައީީސް މުޙައްމަދު ޝިފާޒް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

މަލާމާތް ކުރުމުގެ ގޮތުން ހަތް ޕަސަންޓަށް ގޮވުމުން އެކަމާ ކަންބޮޑު ނުވާކަމަށާއި، ބޭނުންވި ގޮތަށް ސަރުކާރު ބަދަލު ކުރިކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ހަތް އިންސައްތައާއި އެކު، ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބުނީ 15،000 ވޯޓެވެ. ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ނުކުރެވޭތީ އާއި، އެމްޑީޕީގެ ކުރީގެ ރައީސް މުހްމަދު ނަޝީދަށް ތަކުރާރުކޮށް ޖެއްސުން ކުރަމުން ގެންދާކަމަށް ބުނެ އެ ޕާޓީ ދޫކޮށް އުފެއްދި ޑިމޮކްރެޓްސްގެ އަމާޒު މިވަގުތު ހުރީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށެވެ.

“އިބޫ ނޫން ގޮތެއް” ހޯދާނެކަމަށާއި، ބޭނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެނައުމަށްކަމަށް ބުނެ ޑިމޮކްރެޓްސް ކުރި މަސައްކަތަށް އެމްޑީޕީން ފާޑުކިއުން ވެސް އަމާޒު ކުރި އެވެ. އަދި ޒާތީ ގޮތުން ޖައްސާލައި ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ބުންޏެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސް ސޯލިހަށް އުންމީދު ކުރި އަދަދަށް ވޯޓު ނުލިބެ އެވެ. އަދި ދެވަނަ ބުރުން ލިބުނު ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ގަބޫލު ކުރާގޮތުގައި ރައީސް ނަޝީދެވެ.

އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، އެމްޑީޕީން މިހާރު ގަޮވަމުން ދަނީ “ނަޝީދު ނޫން ގޮތެއް” އެވެ. އެއަށް ރައްދު ދެއްވައި ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ޝިފާޒް ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ނާކާމިޔާބީއަކީ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހަދައި ގޮތް ދޫނުކުރުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޒާތީ ދިމާކުރުމުގެ ވިސްނުން ހުރީ ކޮންބައެއްގެކަން ސާފުވާކަމަށް ޝިފާޒް ވިދާޅުވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު އޭގެ މާގިނަ ދުވަހެއް ނުވެ އަނެއްކާ އަލުން މައްސަލަ ހުށަހަޅަން ނުވަތަ އިތުބާރު ގެއްލެން ހިނގި އެއްވެސް ކަމެއް ފެންނަން ނެތްކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެ މައްސަލަ އަނބުރާ ނަންގަވާފައި އިތުރަށް ކޮންކަމެއްތޯ އޭ ވީ، ރާއްޖޭގެ ނޫސްވެރިންނަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް އެފަދަކަމެއް ހިނގި ނަމަ ފާހަގަވާނެ… އެހެންވީމަ އިތުބާރު އޮތްކަމަށް ވިދާޅުވެފަ ހަމަ އެ ދައުުރުގެ ތެރޭގައި.. ދެން އަޅުގަނޑެއް ނުދަންނަން އެއީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްކަމަށް ދުނިޔެއަކު.. އިތުބާރު އޮތްކަމަށް ބުނެފަ، ހަމަ ޖެހިގެން އައި ދުވަހު އިތުބާރު ނެތޭ ބުނާކަށް.. އެހެންވީމަ ވެގެން އުޅޭގޮތް މި ދަންނަވަނީ.. އަމާޒެއް ނެތީ، ލީޑާޝިޕެއް ނެތީ.. މިވަގުތު އެމްޑީޕީ ހިންގަން ތިބީ ސިޔާސީ ވިސްނުމަށް ވުރެ ޖަޒުބާތުގައި ކަންކަން ކުރާ ބައެއް

ޝިފާޒް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕް ފެއިލްވެ މިވަގުތު މަސައްކަތް ކުރަމުން ދަނީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ.

ރޭ ވެސް ތަކުރާރުކޮށް ޝިފާޒް ވިދާޅުވީ ރައީސް ސޯލިހަށް 2018 ގައި ރިޔާސީ ޓިކެޓު ދިނުމަށް ނިންމެވީ ރައީސް ނަޝީދުކަމަށާއި، އެ ނިންމުމުގެ ސަބަބުން އޭރު އޮތް ގައުމީ މަޖިިލީސް ކެކިގެން އައި ގޮތް އެނގޭނެ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އަދި ދެވަނަ ދައުރެއް ދޭން ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި އެކު އެއާއި ދެކޮޅުވާން ވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

ނަތީޖާ ގަބޫލުނުކޮށް، ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ނަޝީދުކަމަށް ބުނުމަކީ އެއީ ހަގީގަތް ގަބޫލު ނުކުރުންކަމަށް ޝިފާޒް ވިދާޅުވި އެވެ.

ހަމަ ރައީސް ނަޝީދާ ހެދި އޯ ބަލިވީ… ރައީސް ނަޝީދާ ހެދި އޯ ބަލިވީ.. ރައީސް ނަޝީދޯ ވެރިކަން ގެއްލުވާލީ.. މިއީ ކޮން ވާހަކައެއް ތޯ.. ދެން އެ ރުޅިވެރިކަން ރައީސް ނަޝީދަށް ބާލުވަނީ.. މިއުޅެނީ ހަމަ ހިތާމައިން އަަރައިނުގަނެވިގެން

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް މެމްމަބުން ގޮވާލީ، ހަތް އިންސައްތައެއްގެ ތާއީދު ހޯދަން ޖެހޭ ސަބަބެއް ނެތްކަމަށާއި އެބޭފުޅުން ބޭނުންވާ ކަންކަމަށް ޖާގަ ނުދިނުމަށްކަމަށް ފާހަގަކުރުމުން ޝިފާޒް ވިދާޅުވީ ހަތް އިންސައްތައިގެ ވޯޓު ލިބުނު ވާހަކައަކީ ތެދެއް ކަމަށެވެ. އެންމެ ފުރަތަމަ ވެސް ޑިމޮކްރެޓްސް އުފައްދައި ދެއްކި ވާހަކައަކީ ސަރުކާރު ބަލި ކުރާނެކަމަށާއި، ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނާނެކަމުގެ ވާހަކަތައްކަމަށް ޝިފާޒް ވިދާޅުވި އެވެ. އެހެންކަމުން އެކަން ކާމިޔާބު ކުރިކަމަށާއި ދެން ވެސް އިތުރަށް ބަލިކަށިކޮށްލާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ތެދެއް… އެންމެ ހަތް ޕަސަންޓު ހަމަ.. އެ ހަތް ޕަސަންޓުން ޑިސައިޑު ކުރާނީ ހުރިހާ އިންތިހާބެއް ވެސް..

ޝިފާޒް ވިދާޅުވީ އެބޭފުޅުންގެ އަމާޒު ސާފުކަމަށާއި، މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ވެސް ނިންމާނީ ޑިމޮކްރެޓުން ކަމަށެވެ. އަދި އެމްޑީޕީއަށް ކާމިޔާބު ނުލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ޖަޒުބާތެއްގައި ޖެހި ކުރާ މަސައްކަތެއް ކާމިޔާބު ވާނެ ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒު ކުރާ ފާޑުކިއުންތަކަށާއި، ނަޝީދު ނޫން ގޮތެއްކަމަށް ގޮވާ މައްސަަލައިގައި ޝިފާޒް ވިދާޅުވީ އެމްޑީޕީގެ މުޅި ހަޔާތް ބިނާވަނީ ބަރުލަމާނީއެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން މިއަދު ވަކި ވާހަކައެއް ދެއްކުމުން ހަގީގަތް ބަދަލު ނުވާނެނެކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލި ގޮތަށް، މަޖިލީސް ގޮނޑިތައް ވެސް ގެއްލުވާލާނެކަމަށް ޝިފާޒް ވިދާޅުވި އިރު މަޖިލީހުގެ ގޮނޑިތައް އިތުރުވާ މައްސަލަ ޑިމޮކްރެޓުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އެބޭފުޅުންގެ ވިސްނުން ހުރީ އިންތިހާބީ ރައީސްގެ ސަރުކާރާއި އެކު ގުޅިގެން ކުރިޔަށް ދިއުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: