ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ އިންވެސްޓަށް ކަޑެވާރެހާ ބަދަލު ކުރުމާއި އެކު މުއިއްޒުގެ ވައުދުތައް ހޯނޑެއްދޫއަށް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ އިންވެސްޓަށް ކަޑެވާރެހާ ބަދަލު ކުރުމާއި އެކު ގދ. ހޯނޑެއްދޫއަށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުވެވަޑައިގެންފި އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިވަގުތު ހުންނެވީ ގއ، ގދ އަތޮޅުގެ ކެމްޕެއިނުގަ އެވެ. ރަށްތަކުގެ ރައްޔިތުން އެދޭ ތަރައްގީ އާއި، ބަދަލު ގެނެސްދޭނެކަމުގެ ޔަގީންކަމާއި އެކު ކޮންމެ ރަށެއްގައި ވެސް މުއިއްޒު އެދިވަޑައިގަތީ ރައްޔިތުން އިތުބާރު ކުރުމަށެވެ.

ހޯނޑެއްދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން އެދޭ ތަރައްގީ ސަރުކާރަށް ފޯރުުކޮށްދެވިފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ. ކޮންމެ ރަށެއްގެ ރައްޔިތެއް ވެސް، އެ ބަޔަކު ދިރިއުޅޭ އަމިއްލަ ވަޒަނަށް ކުރިއެރުންތައް އައިސް ތަރައްގީ ވާން ބޭނުންވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ފަސް އަހަރަށް އައްޔަނު ކުރާ ވެރިއަކަށް އެ އުންމީދުތަކުގައި ކުލަ ނުޖެއްސުމުން ދެން އޮންނަ ގޮތަކީ ބަދަލަކަށް މަސައްކަތް ކުރުން ކަމަށެވެ.

ރައްޔިތުންގެ ފަރާތުން ލިބުނު ހުށަހެޅުންތަކާއި އެއްގޮތަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ހިމެނޭ ގޮތަށް އިންޑޯ އައުޓް ޑޯ ފެސިލިޓީއެއް ގާއިމު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. ފަތުރުވެރިކަން އިންވެސްޓު ކުރާނެތަނަކަށް ކަޑެވާރެހާ ބަދަލުކޮށް، ގާނޫނަށް ގެނަން ޖެހޭ އިސްލާހުތައް ގެންނާނެކަަށް ވިދާޅުވި އެވެ. ކޮންމެ ރަށަކުން ވެސް އަންނަ ކަންބޮޑުވުންތަކުގެ ތެރޭގައި ދޯޙަޅި ސިއްހީ ނިޒާމެއް އޮތުމާއި ރަނގަޅު ބޭސްފަރުވާއެއް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހިމެނޭއިރު މުއިއްޒު ވިދާޅުވީ ސިއްހީ ހިދުމަތް، ލެބޯޓްރީ ހިދުމަތާއި އެކު ތަރައްގީ ކުރުމަށް ވައުދުވާ ކަމަށެވެ.

މީގެއިތުރުން ރަށަށް ރާއަރައި ގެއްލުންވާއިރު، މި މައްސަލަ ހައްލުވާން އޮތީ ރަނގަޅު ގޮތުގައި ރިވެޓްމަންޓު ޖަހަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މީގެ ކުރިން މަޑަވެލި އާއި، ހޯނޑެއްދޫގެ ކޯޒްވޭގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު އެ މައްސަލަ ފާހަގަކުރެވިފައި އޮތުމާއި އެކު އެ މައްސަލަ ރަނގަޅު ޕްލޭނެއްގެ ދަށުން ހައްލު ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ރަށަކުން ވެސް ކްލާސް ރޫމް އިތުރު ކުރުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާތައް ލިބިފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިިދިޔަ ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން މި ދާއިރާއަށް ކުރެވުނީ ކޮން މަސައްކަތެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

މި ހުރިހާ ހުށަހެޅުމެއް ވެސް ހައްލުކޮށް، ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނެކަމުގެ ޔަގީންކަމާއި އެކު މުއިއްޒު އެދިވަޑައިގަތީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަށެވެ. ގައުމާއި މެދު ވިސްނައި ކުރިޔަށް ދިއުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ މިއީ މާބޮޑު ވިސްނުމެއް ވިސްނަން އޮތް ނިންމުމެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމަށް ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު މުއިއްޒު ވިދާޅުވީ މިއީ ކުޑަ ރަށެއްގެ ބަނދަރު ނިންމާލެވޭނެހާ އަގު ކަމަށެވެ. އެހެންކަމުން ގައުމެއް ހިންގުމުގެ ގާބިލު ކުރަން ހުރި ކެންޑިޑޭޓަކު ސެޕްޓެމްބަރު 09 ގައި ނިންމައި، އެއް ބުރުން މި އިންތިހާބު ނިންމާލުމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހިން އަމިއްލަ ގައުމާއި މެދު ވިސްނަން ޖެހޭކަމަށާއި، ގައުމުގެ ޅަ ދަރީންނަށް އިސްލާމް ކިޔަވަދޭނީ އިނގިރޭސި ބަހުންކަމަށް ނިންމާފައިވާ ކަމަށެވެ. މިއީ ދިވެހި ބަސް ފޮހެލުމަށް ބަޔަކު ކުރާ މަސައްކަތެއްކަމަށް ތުހުމަތު ކުރައްވައި މުއިއްޒު ވިދާޅުވީ އުންމީދު ކުރަނީ ހެޔޮ ވިސްނުން އިސްކޮށް، ފާގަތި މުސްތަގުބަލެއް ދިވެހިން ނިންމުން ކަމަށެވެ.

ރިޔާސީ ކެމްޕެއިނަށް ބާކީ 12 ދުވަސް އޮތް އިރު، މުއިއްޒު ދެއްކެވި ބައެއް ވާހަކަތަކަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރަށްތަކަށް ދެން ވާން ޖެހޭނެ ވައުދެއް ނެތްކަމަށެވެ. އެއީ އެ ރަށްތަކަށް ތަރައްގީ ގެނެސްދެވިފައިވާކަމަށް ވިދާޅުވެ އެވެ.

ތަރައްގީއާއި ގުޅޭގޮތުން މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ، ނަތީޖާ ނެރެވޭނެ ބަޔަކަށް ފުރުސަތު ދޭންށެެވެ. އެކަމަށް އޭނާ މިސާލު ދައްކަވަނީ މާލެ، ހުޅުމާޅެ، އެއާޕޯޓު ގުޅުވާފައިވާ ބްރިޖާއި މި ސަރުކާރަށް ފަސް އަހަރުގެ ތެރޭގައި ވެސް އެއްވެސް ތަނބެއްގެ މަސައްކަތް ވެސް ނިންމާލެވިފައި ނުވާ ބްރިޖުގެ މަސައްކަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: