2023ގެ ރިޔާސީ އިންތިހާބަކީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއިއެކު ބޭއްވިގެންދާނެ އިންތިހާބެއް ކަމަށް ގަބޫލުކުރަން ދަތިކަމަށް އެމްއެންޕީގެ ނައިބުރައީސް އަދި ރިޔާސީ ކެމްޕެއިންގެ މެނޭޖަރު ހުސައިން އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ފަރާތުން ޕާޓީގެ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕެއިން ހަރަކާތްތަކާއި ގައުމުގެ ކަންކަން ހިނގަމުންދާގޮތާއިމެދު މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިންވަނީ އިންތިހާބުގެ މިނިވަންކަމާއިމެދު ޝައްކުތަކެއް ހުރިކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ޝައްކުތައް އުފެދިގެން އަންނަނީ ސަރުކާރުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން މަސައްކަތްކުރަމުންއައީ ޕާޓީގެ މެނިފެސްޓޯ އަދި ސިޔާސަތުތައް ވިއްކައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށްކަމަށާއި އެހެންނަމަވެސް ސަރުކާރުން އަމަލުކުރަނީ އެ އުސޫލާއި ހިލާފަށްކަމަށެވެ.
ހުސައިން ވިދާޅުވީ، އިންތިހާބު ކާމިޔާބުކުރުމުގެ މަގުސަދުގައި ރޯމާ ދުވާލު އެންމެނަށް ފެންނަހެން ސަރުކާރުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާކަމަށާއި ވަޒީފާތައް އުފައްދައިގެންނާއި ކުންފުނިތަކުގެ ނަހަމަ ބޭނުންތައް ކޮށްގެން ކޮރަޕްޝަންގެ އަމަލުތަކަށްވެސް އަރައިގަންނަމުންދާކަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގެ ތެރެއިން އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ މިފަދަ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވާ މުއައްސަސާތަކުން ޒިންމާ އަދާނުކުރާތީކަމަށެވެ. އަދި އެ މުއައްސަސާތަކުން ހިނގަމުންދާ ކަންކަމާއިމެދު ހަނު ހުންނަމުންދިއުމަކީވެސް އިންތިހާބާއިމެދު ޝައްކު އުފެދޭ ހިސާބަށް ކަން ކަން ގޯސްވެފައިވާކަމަށް ފެނިގެންދާކަމެއްކަމަށް ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިނގާނެކަމަށް އެމްއެންޕީއިން ގަބޫލުނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން މެނިފެސްޓޯއެއް އެކުލަވާލައިގެން ސިޔާސަތުތައް ވިއްކައިގެން ތާއީދު ހޯދުމަށް މަސައްކަތްކުރަމުންދިޔައީ އެ ސަބަބާއި ގުޅިގެންކަމަށެވެ. ހުސައިން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް ބުނާކަމަށާއި 59 އިންސައްތައިގެ ވާހަކަތައްވެސް އިވެމުންދާކަމަށްވީ ނަމަވެސް ފެނިގެންދާ މަންޒަރު ވަރަށްވެސް ތަފާތުކަމަށެވެ. އޭނާ ވިދާޅުވީ ބަހާއި އަމަލާއި ދިމާ ނުވާކަމަށެވެ. އެގޮތުން ފެނިގެންދަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެތައް އަމަލެއް ހިންގަމުންދާ މަންޒަރުކަމަށް ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، ކުދި ޕާޓީތަކަށް އަމާޒުކޮށް އެ ޕާޓީތައް ނެތިކޮށްލައި ނިޒާމުން ގެއްލުވާލުމަށް މަސައްކަތްކުރަމުންދާކަން ހާއްސަ ގޮތެއްގައި ފާހަގަކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ގައުމެއްގައި އެ ގައުމަކާއި ހަވާލުވެގެން ތިބި ބަޔަކު ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބު ސައްހަ އިންތިހާބަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވަން ދަތިކަން ތަކުރާރުކޮށް ދަންނަވާކަމަށް ހުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވެރިކަން ލިބިއްޖެ ނަމަ ޓްރެފިކް ސްޓިކާރތައް މާފުކުރާނެކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ވިދާޅުވިކަމަށާއި އެހެންނަމަވެސް ޖެހިގެން އައި ދުވަހު ސަރުކާރުންވަނީ އެ ޖޫރިމަނާތައް މާފުކޮށްފައިކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ސުވާލުތަކެއް އުފެދިގެންދާކަމަށާއި ކަން ހިނގަމުންދަނީ އެންމެ އިންސާފުވެރި ގޮތުގެ މަތިންކަމާއިމެދުވެސް ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވިއެވެ. ހުސައިން ވިދާޅުވީ، ގާނުނާއި ގަވާއިދާއި ހިލާފުވެގެން ޖޫރިމަނާކުރި ބައެއްގެ ސްޓީކާރތައް މާފުކުރިއިރު، ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތުގެ މަތިން އެ ޖޫރިމަނާތައް ދެއްކި މީހުންނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ފާހަގަކުރެވެނީ އެ މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވި ސިފައިންނާއި ފުލުހުންގެ މޫނުގައި ޖެހި އެތިފަހަރެއްގެ ގޮތުގައިކަމަށާއި އެ މީހުންނަށް އެ މަސައްކަތްތައް ކުރުމުގެ ތެރެއިން ހިތްހަމަނުޖެހުންތަކާއި ފުރައްސާރަތައް ކުރިމަތިވެފައިވާނެކަމަށް ފާހަގަކުރެއްވިއެވެ.

