ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބައެއް އިންޑިއާއަށް ދޫކޮށްލާކަމުގެ ނުރައްކާތެރި ލިޔުމެއް! 

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ، ނުރައްކާތެރި ބިރުވެރި އެތައް ވާހަކައެއް ހިމެނޭ ސިޓީއެއް “ދިޔަރެސް” ނޫހުން އާއްމު ކޮށްފިއެވެ. އެ ސިޓީގައި ރާއްޖޭގެ ތިން ސަރަހައްދަކުން އިންޑިއާއަށް ބިންތަކެއް ދިނުމުގެ ކަންކަން ހަމަޖެއްސުމަށް ވަނީ އެއްބަސްވާ ކަންތައްތަކެއް ހުށަހަޅާފައެވެ.

ޑރ.ޖައިޝަންކަރުގެ މި ސިޓީއަކީ ޝާހިދު ޖުލައި މަހުގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު، އެ ދަތުރުފުޅުގައި ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅިގެން ޝާހިދަށް ފޮނުއްވި ސިޓީއެކެވެ. އެ ދަތުރުފުޅުގައި އުތުރުތިލަފަޅު އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ޝާހިދު ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވައި ޖައިޝަންކަރު ފޮނުއްވި ސިޓީގައި ބިރުވެރި އެތައް ކަމެއް ފާހަގަވެފައިވެއެވެ. ޝާހިދު ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ޝާހިދުގެ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އޭނާ ސުވާލުކުރައްވާފައިވަނީ އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުންނެވެ. އެ އެއްބަސްވުމަށް އިންޑިއާއިން ގެނައުމަށް ހުށަހެޅި ބަދަލުތަކާ ގުޅޭ ގޮތުންނެވެ.

ޖައިޝަންކަރުގެ ސިޓީގައި ބަޔާންކުރައްވާފައި ނެތް ނަމަވެސް އުތުރުތިލަފަޅު އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރުކުރާ ބަދަލެއް އެ އެއްބަސްވުމަށް އިންޑިއާއިން އެދިގެން ގެނެސްފައިވެއެވެ. އަދި އެ މަޝްރޫޢު ކުރިއަށްދާ ގޮތް ވިލަރެސްކުރުމަށް އެކުލަވައިލާފައިވާ ޖޮއިންޓް މޮނީޓަރިން ކޮމިޓީއަށް އިތުރު ބައެއް ބަދަލުތައްވެސް ގެނެސްފައިވާކަން އެ ސިޓީން އެނގެއެވެ.

ޖައިޝަންކަރުގެ ސިޓީގައި ފާހަގަކުރައްވާފައިވަނީ އެ އެއްބަސްވުމުގެ މާއްދާތައް އިތުރަށް ވަރުގަދަކުރީ ދެ ޤައުމަށް ފައިދާވާ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކަމުގައެވެ. އަދި އެ ގެނައި ބަދަލާއެކު 4 ތާރީޚެއްގައި ސޮއިކޮށްފައިވާ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލައިން އޮފް ކްރެޑިޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމުގައިވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިހާރު ރާއްޖެއަށް އެއް އަންމޭންޑް އެއިރިއަލް ވެހިކަލް ނުވަތަ ޑްރޯނެއް ދިނުމަށް އިންޑިއާއިން ރާއްޖެއާއެކު އެއްބަސްވެފައިވާކަމަށް މި ސިޓީގައި ޖައިޝަންކަރު ވިދާޅުވެފައިވެއެވެ. މިފަދަ އެއްބަސްވުމެއް ހެދިކަން ކުރިން ދިވެހި ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

މި ޑްރޯނުގެ އިތުރަށް އިތުރު 11 ޑްރޯނެއް ދިވެހި ސަރުކާރަށް ދިނުމުގެ ގޮތުން 550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމުގައިވެސް އެ އެއްބަސްވުމުގައި ބުނެފައިވެއެވެ. އެ ޑްރޯނުތައް އޮޕަރޭޓުކުރާނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ބުނެފައިވާ އުސޫލުގެ މަތިން އެމްއެންޑީއެފްގެ އޮފިސަރުންކަމަށް ޖައިޝަންކަރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ކުރިން ހުންނެވި ހައިކޮމިޝަނަރު ސަންޖޭ ސުދީރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ފޮނުއްވި ސިޓީއެއްގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވާލާއެކު ބޭއްވި މަޝްވަރާާތަކެއްގައި ޑްރޯން ޓެކްނޮލޮޖީ އެމްއެންޑީއެފްއަށް ފޯރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ސިޓީގައި ހަވާލާދީފައިވާ އެއްބަސްވުމުގައި އެމްއެންޑީއެފްގެ އޮފިސަރުން ޑްރޯނު އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވަނީ ކިހިނެއްކަން ބަޔާންކޮށްފައިނުވާއިރު، ދިވެހި ސިފައިންނަށް ހެލިކޮޕްޓަރާއި ޑޯނިއާ ނުދުއްވޭނެކަމަށް ބުނެ އެ އުޅަނދުތަކާއެކު އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބެއެވެ.

ޖައިޝަންކަރުގެ ސިޓީގައި ވިދާޅުވެފައިވަނީ ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން އެމްއެންޑީއެފްއަށް ފޯރުކޮށްދީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރަންވާނެ ކަމަށެވެ.

ސިޓީގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި މި ބިން ދޫކުރަންޖެހެނީ 99 އަހަރުގެ މުއްދަތަށެވެ. އެ ބިންތައް މިސިޓީގައި އިންޑިއާގެ ޚާރިޖީވަޒީރު ސިފަކުރައްވާފައިވަނީ “Our Sovereign domain” ނުވަތަ އަހަރުމެންގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައިކަން ފާހަގަކުރެވެއެވެ.

ޖައިޝަންކަރުގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ މިހާރު ދީފައިވާ އަދި ދިނުމަށް ހުށަހަޅާފައިވާ 1،940،000،000 (އެއް ބިލިއަން ނުވަސަތޭކަ ސާޅީސް މިލިއަން) ޑޮލަރު ނުވަތަ 29.9 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޕޭމަންޓެއް ހެދުމުން، އެ ބިންތައް ފުރަތަމަ ދޭ 99 އަހަރު ހަމަވަމުން އިތުރު މުއްދަތަށްވެސް އެ ބިންތައް އިންޑިއާއަށް ލިބޭނެއެވެ. ކްރެޑިޓް ލައިނު އެއްބަސްވުމުގެ ދަށުން ޕޭމެންޓު ހަދާ ގޮތެއްކަމަށް މި ސިޓީން ފެންނަނީ ރާއްޖެއިން ދައްކަންޖެހޭ ފައިސާއިން މިންވަރެއް އިންޑިއާއިން މައާފުކޮށްދެނީއެވެ.

އެކަމަށް އިޝާރާތްކުރައްވާ ޖައިޝަންކަރު ވިދާޅުވެފައިވަނީ މިއީ ކުރިން ދުވަހަކުވެސް ދައުލަތުގެ ދަރަނި މައާފުނުކުރާ މިންވަރުގެ މައާފުކުރުމެއް ކަމުގައިވާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނާއި ދައުލަތަށް އޮތް ބޮޑު ބުރައެއް ފިލުވައިދިނުންކަމަށާއި، ދެ ޤައުމު އެކީގައި ކުރާ ދަތުރުގައި ތާރީޚީ މުހިއްމު ފިޔަވަޅަކަށް އެކަން ވާނެކަމަށް ޖައިޝަންކަރު ވިދާޅުވެފައިވެއެވެ.

މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން ހަނިމާދޫއާއި ގަމުން އިންޑިއާއަށް ދޫކުރާ 15 ހެކްޓަރަށްވުރެ ބޮޑުނޫން ބިމަކީ އިންޑިއާގެ ފުރިހަމަ ބާރު ހިނގާ، އިންޑިއާގެ ސިޔާދަތީ ސަރަހައްދެކެވެ.

އެމްއެންޑީއެފް, އަދި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނަށް މި ސިޓީގެ ކޮޕީ ދެއްކުމުން, އެ އޮފިޝަލުން ވަނީ ސިޓީގެ ސައްހަކަން ޔަގީންކޮށްދެއްވާފައި ކަމަށް ދިޔަރެސްގައި ބުނެފައި ވެއެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެއީ ސައްހަ ސިޓީއެއް ނޫން ކަމަށް ވިދާޅުވެ، ސިޓީގައި ހުރި ކަންކަން ދޮގުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: