އެމްޑީޕީ ރޫޅާލެވިފައިވާކަމަށާއި އެކަމާއިމެދު އެއްވެސް ސުވާލެއް ނެތްކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސްވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރަން ނުކުތް ކަންކޮށް މަގުސަދު ހާސިލުކޮށްފައިކަމާއިމެދު ދިވެހި ރައްޔިތުން ހެކިވާކަމަށެވެ. އަދި ރައީސް ނަޝީދުވެސް އެމްޑީޕީ ރޫޅާލައްވާނެކަމަށް ވިދާޅުވިކަމަށާއި އެކަމާއިމެދުވެސް ސުވާލު އުފެއްދުމަށް ޖާގައެއް ނެތްކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ، ހަގީގަތުގައިވެސް ރޫޅާލެވިއްޖެކަމަށެވެ.
އީވާ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ނިންމުމަކީ މުހިންމު ނިންމުމެއްކަމަށްވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގައި ހުންނެވިއިރު ރައީސް ސާލިހަށް ތާއީދުކުރައްވާ މެމްބަރުން ކުރަމުންދިޔަ ފުރައްސާރަ އަދި މަލާމާތްތަކާއި ޑިމޮކްރެޓުންނަށް ކުރި މަލާމާތާއި ވިޔަފާރިވެރިންނަށް ދައްކަމުންދިޔަ ބިރާއި ލިބެމުންދިޔަ އަނިޔާތަކަށް ނޫނެކޭ ބުނެ ނުކުމެގެން އައި ޑިމޮކްރެޓުންނަށް މަރުހަބާ ދަންނަވާކަމަަށެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ، މުޅި ރާއްޖެއަށް ބަލާއިރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް އެންމެ ގިނަ ވޯޓު ލިބުނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާއިންކަމަށެވެ. އެހެންކަމުން އެ ދާއިރާގެ މެމްބަރުންނަށް ޝުކުރު ދަންނަވަން ބޭނުންވާކަމަށެވެ.

