ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލަފާއި، ހަރުކަށި ފިކުރަށް ގޮވާތީ ސާޖިދާގެ ރައްދު؛ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން!

ނިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް އަމާޒުކޮށް ހަރުކަށި ފިކުރުގެ ލޭބަލް އަޅުވައި ދައްކާ ވާހަކަތަކަށް އަނބިކަބަލުން ސާޖިދާ އަހުމަދު ރައްދު ދެއްވައިފި އެވެ.

ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ސާޖިދާއާއި އޭނާގެ އާއިލާއަށް ނިސްބަތްކޮށް ހަރުކަށި ފިކުރުގެ ތުހުމަތުކޮށްފަ އެވެ. މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ، މަލާމާތުގެ ރާގެއްގައި ސާޖިދާއަށް ވިދާޅުވީ އެއީ “ސަޕްރައިޒް” ދޭ އަންބެއް ކަމަށެވެ.

މާރިޔާ ވިދާޅުވެފައި ވަނީ މުއިއްޒާއި، ސާޖިދާ ވެސް ނިސްބަތް ވަނީ ސަލަފް އާއިލާއަށް ކަމަށެވެ. އަދި ސަލަފުން މުއިއްޒަށް ތާއީދު ކުރަމުންދާ ދިއުމަކީ ބިރުވެރިކަމެއްގެ ގޮތުގައި ސިފަ ކުރި އެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާގައި އެ އަޑުތައް ގަދަވެ، މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެ ހަރުކަށި ފިކުރުގެ ހަބަކަށް ބަދަލުވާނެކަމަށް އެމްޑީޕީގެ މެމްބަރުން އައީ ބުނަމުންނެވެ.

އެގޮތުން ދާދިފަހުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ޓުވީޓެއް ކުރައްވާ މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގައި އަންހެނުންގެ ހައްގުތައް ގެއްލި ވަޒީފާއަށް ގޮސް، ތައުލީމު ހާސިލު ނުކުރެވި އަފްގާނިސްތާނުގެ ހާލަތަށް ވެއްޓިދާނެކަމަށް ވިދާޅުވި އެވެ. އެ ޓުވީޓުގައި ދިޔާނާ ގޮވާލީ އެކަންކަމާއި މެދު ވިސްނައި ސަލަފްގެ ވެރިކަމަކަށް ޖާގަ ނުދިނުމަށެވެ.

މި ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި މުއިއްޒުގެ އަނބިކަބަލުން ސާޖިދާ ވިދާޅުވީ އޭނާއާއި މުއިއްޒު ދެ މީހުނަކީ ވެސް އެގޮތަށް ވާހަކަ ފަތުރާ މީހުން ގަބޫލު ކުރާ ހަރުކަށި ނޫން ގައުމުތަކުން ކިޔަވައިގެން ކަމަށެވެ. އަދި މުއިއްޒަކީ ފިރިހެނަކަށް ވީތީ، އެކަމުގައި ހިފައި އެއްވެސް މަސައްކަތެއް ހުއްޓުވާ ބޭފުޅެއް ނޫންކަމަށާއި ދިރިއުޅުމުގެ ކޮންމެ ކަމަކަށް އެހީވީ މުއިއްޒުކަމަށް ސާޖިދާ ވިދާޅުވި އެވެ. އަދި ޔޫކޭގައި ތައުލީމު ފުރިހަމަ ކުރި ދުވަސްވަރު އެކަމަށް ހަރައްދު ކުރެއްވީ މުއިއްޒުކަން ފާހަގަކުރި އެވެ.

ސާޖިދާ ވިދާޅުވީ ހެލްތް މިނިސްޓްރީގައި މަސައްކަތް ކުރާރާ 23 އަހަރުވެފައިވާކަމަށާއި، މާސްޓަސް ފުރިހަމަ ކުރީވެސް ރާއްޖެއިން ބޭރުގައި ޔޫކޭއިން ކަމަށެވެ.

އިސްލާމް ދީނަށް ވުރެ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރެވިފައި އޮތް އެއްވެސް ދީނެއް ނޯންނާނެ.. އެއީ މަތީން ބާއްވާލެއްވި ދީން.. އެ ދީން އެންމެ ފުރިހަމަ ދީން.. އަޅުގަނޑު 23 އަހަރު މިވަނީ މިނިސްޓްރީ އޮފް ހެލްތްގައި މަސައްކަތް ކުރާތާ.. އަޅުގަނޑާ މުއިއްޒު ދެ މީހުންނަކީ ވެސް ހަމަ ކިޔަވައިގެން ތިބި، ތިބޭފުޅުން ތި ވިދާޅުވާ ހަމަ އެކްސްޓްރީމް ނޫން ގައުމުތަކުން ކިޔަވައިގެން ތިބި ދެ މީހުން ހަމަ.. އަޅުގަނޑުގެ ފިރިމީހާއަކީ އަޅުގަނޑު ކުރާ ކޮންމެ މަސައްކަތެއްގެ އެއްބައިގައި ހިފަހައްޓާ މީހެއް.. ފިރިހެނަކަށް ވީތީ ފިރިހެނެއްގެ ގޮތުގައި ހުންނަ މީހެއް ނޫން.. އަޅުގަނޑުގެ ދަރިފުޅުގެ ނެޕީ ވެސް ބަދަލު ކުރައްވާނެ ބޭފުޅެއް އެއީ.. އެހެންވީމަ އެ ދައްކަނީ ދޮގު ވާހަކަތައް.. އަޅުގަނޑު މާސްޓަސް ހެދީ ފިރިމީހާގެ އެހީގައި، އެބޭފުޅާ ސްޕެންޑުކޮށްގެން ޔޫކޭގައި.. އެވަރުގެ ރަނގަޅު، ދަރިންދެކެ ލޯބިވާ، އަންބިމީހާއަށް ތެދުވެރި ވަފާތެރި ކެންޑިޑޭޓެއް ނުލިބޭނެ..

ސާޖިދާއަކީ މިވަގުތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އަދި ދާއިރާގެ ގޮތުން ފުޑް ބައޮލަޖިސްޓްއެކެވެ.

ސާޖިދާއަށް ފާޑުވިދާޅުވެ ޕްރެސްތަކުގައި މާރިޔާ ވާހަކަ ދައްކަވާފައި ވާތީ އެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ރައްދު ދެއްވި އެވެ. ޝަހީމް ވިދާޅުވީ ސާޖިދާއަށް އަމާޒުކޮށް އެއީ ސަޕްރައިޒް ވައިފްކަމަށާއި، ދީނީ އެކި ޖަމާއަތްތަކާއި ގުޅުވައި ވާހަކަ ދެއްކުން ކުށްވެރި ކުރާކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ސާޖިދާއަކީ ތައުލީމީ ގޮތުން ގާބިލު، ވަޒީފާގެ މަތީ މަގާމެއްގައި ހުރި އަހުލާގު ރަނގަޅު ކަނބަލެއް ކަމަށެވެ. އެހެންކަމުން މާރިޔާއަށް ސާޖިދާއާއި ގުޅުވައި ވާހަކަ ދެއްކުމުގެ އެއްވެސް ހައިސިއްޔަތެއް އަދި ހައްގެއް ވެސް ނޯންނާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: