ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޗޯރު އިބޫއަށް“ ގޮވާތީ އަސްލަމްގެ ނުރުހުން؛ ”އަސްލު ޗޯރު އޮތީ ޖަލުގަ، ޗޯރު ދެން ވެސް އޮންނާނީ ޖަލުގަ“!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު މުހައްމަދު އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރާއްޖޭގައި އިންޑިއާގެ ސިފައިންނަށް ހަތިޔާރާއި އެކު ތިބުމަށް ފުރުސަތު ދީފައިވާކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތެއް ނެތްވާހަކަތަކެއްކަމަށާއި، އެމަނިކުފާނަކީ ޗޯރެއްކަމަށް ގޮވާއިރު އަސްލު ވަގު އޮތީ ޖަލު ގޮޅީގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބު އެއްބުރުން 56 އިންސައްތައަށް ވުރެ މަތިން ކާމިޔާބު ކުރާނެކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށް، ދެވަނަ ބުރަކަށް ރައީސް ސޯލިހު ދިޔައީ 38 އިންސައްތަ ވޯޓުންނެވެ. އިންތިހާބުގައި އެއްލައްކައަށް ވުރެ ގިނަ ވޯޓާއި އެކު އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު 46 އިންސައްތަ ކާމިޔާބު ކުރެއްވި އެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަނާއި އެކު ނިކުމެ ލިބުނު ނަތީޖާއަށް ރައީސް ސޯލިހު ވިދާޅުވީ ގޯސްތަކެއް ހެދުނުކަން ގަބޫލު ކުރާކަމަށާއި، އެކަންކަން ބަލައި ދެނެގަނެ ދެވަނަ ބުރު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އިތުރު އެހެން ބައެއް ޕާޓީތަކާއި އެކު ދެވަނަ ބުރުގެ މަޝްވަރާއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، ޑިމޮކްރެޓްސް ފިޔަވައި ރިޔާސީ އިންތިހާބުގައި ވާދަ ކުރި އެހެން ޕާޓީތައް ލިބިފައި ވަނީ ވަރަށް ދަށް ނަތީޖާއެކެވެ.

ރޭގެ ޖަލްސާގައި އަސްލަމް ވިދާޅުވީ އެމްޑީޕީ ބަލިވީކަމަށް ނުވަތަ، ދެން ޖެހޭނީ ނާކާމިޔާބީއާއި އެކު ގެއަށްދާންކަމަށް ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވުނު ނަމަވެސް އެއީ ކުށްހީއެކެވެ. އަސްލަމް ވިދާޅުވީ ސަރުކާރާއި އެމްޑީޕީ ބަލިވާން ގާތް ވެސް ނުވާކަމަށާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށެވެ.

އަސްލަމް ވިދާޅުވީ ބައެއް ވޯޓުތައް މަދުވާން ޖެހެނު ސަބަބުތަކެއް ހުންނާނެކަމަށާއި އޭގެ ތެރޭގައި އުންމީދުތައް މާ މަތިވެ އޯވަކޮންފިޑެންޓްވުމުގެ މައްސަލަތަކެއް އޭގެ އަސްލަށް ވެދާނެ ކަމަށެވެ. ނުވަތަ ބައެއް އަދަދުތަކަށް އަޅާނުލެވި ދޫކޮށްލެވުނީކަމަށާއި، އޭގެ މާނައަކީ ބޮޑު ބައްޔަކުން ބަލިވުން ނޫންކަމަށް އަސްލަމް ވިދާޅުވި އެވެ.

ގައުމު ހަމަޖެހުމުގެ މަގަށް ގެނައުމަށާއި، ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަން ބޭނުން ނުވާނަމަ އޮތް ހަމައެކަނި ގޮތަކީ ރައީސް ސޯލިހަށް ވޯޓުދީ ދެވަނަ ދައުރެއް ހޯދައިދިނުންކަމަށާއި އެ ނޫންނަމަ ދެން ލީޑަރުން އަނެއްކާވެސް އިތުރު ފަސް އަހަރު ހޭދަ ކުރަން ޖެހޭނީ ގަލު ގޮޅިތަކުގައިކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ސިޔާސީ ބަހެއް ބުނާ ކޮންމެ މީހަކީ އެއީ އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ހެދަން ނެތްކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، 2018 ފެބްރުއަރީ 01 ގެ އަމުރުގެ ދުވަސްވަރުގައި ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އަލުން އިޔާދަވާން ބޭނުން ނުވާކަމަށާއި، މުޒާހަރާތައް ހުއްޓުވައި މުވައްސަސާތަކާއި އިދާރާތަކުގެ ދޮރުގައި ތަޅު އެޅުވި ވެރިންގެ ބާރު ގަދަވާ މަންޒަރު ބަލަން މިއަދު ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި ސިޔާސީ މަސްރަހު ހަލަބޮލިވެ، ގައުމުގެ ހައްގުގައި ނިކުމެ މުޒާހަރާތައް ކުރުމާއި، ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލަން ނިކުންނާން ޖެހޭ ހާލަތެއް އައުމުގެ ބަދަލުގައި ދިވެހިން ބޭނުން ވަނީ އެއަށްވުރެ އަމާން ރާއްޖެއަށް ގާއިމުވެފައި އޮތުންކަމަށް އަސްލަމް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި… މުޅި ރާއްޖެއާ މާލޭގެ އެތަން މިތަން ބަންދުކޮށްގެން މުޒާހަރާތަކާ.. މުޒަހަރާއަކަށް ފަހު، މުޒާހަރާއެއް ކުރަން ތިބެވޭކަށް އަޅުގަނޑުމެންނަކަށް ނެތް.. ވިޔަފާރިތައް ހުއްޓިދެވޭކަށް ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަކަށް ނެތް.. އަސަސީ އެތައް ހައްގެއް، ހަނިކޮށް ހުއްޓުވާފައި ބޭއްވޭކަށް ހަމަ އެއްގޮތަކަށް ވެސް ނެތީ.. އަޅުގަނޑުމެންނާ ދެކޮޅަށް ހަމަ ހަގީގަތުގައި ވެސް އެ ފަތުރަނީ ދޮގު ބުހުތާން

އަސްލަމް ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި، އަމާންކަމަށް ބޭނުން ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވެރިކަމަށް ގެނައުމަށް ކަމަށެވެ. އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމްވެ ގެއްލުން ލިބެން ބޭނުން ނުވާކަމަށާއި، އަނިޔާވެރިކަން ދެވަނަ ފަހަރަށް އިޔާދަވުމަށް ރައްޔިތުން ބޭނުން ނުވާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމާއި އެކުވެފައިވާ އެކި އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް އަދި އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ގާއިމުވެ ތިބިކަމަށް ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް “ޗޯރަށް” ގޮވާތީ އެކަމަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ އަސްލު ހަގީގީ “ޗޯރު” އޮތީ ޖަލުގައި ކަމަށެވެ. އަސްލަމް އަސްލު ޗޯރުކަމަށް ވިދާޅުވެފައި ވަނީ، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށެވެ.

އަޅުގަނޑުމެންނާ ދެކޮޅަށް ހަމަ ހަގީގަތުގައި ވެސް އެ ފަތުރަނީ ދޮގު ބުހުތާން.. ހަމަ ބޮޑެތި ދޮގު.. ތަކުރާރުކޮށް.. ކޮން ޗޯރު އިބޫއެއް.. ޗޯރު އެއިނީ ޖަލުގަ.. ޗޯރު އެއިނީ ޖަލުގަ.. ޗޯރު އެއިނީ ޖަލުގަ.. ޗޯރުން އަދިވެސް ތިބޭނީ ޖަލުގަ.. ޗޯރަށް އެގޮވަނީ އަސްލު ޗޯރުން.. އެއީ އަސްލު ޗޯރުންނަކީ..

ރޭގެ ޖަލްސާގައި އަސްލަމް ވިދާޅުވީ އަވައްޓެރި އެއްވެސް ގައުމަކާ ޖައްސާލައި، ނަފްރަތު އުފެދޭ ވާހަކަތައް ދެއްކުމުގެ ޖާގައެއް ދެވިގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް އިންޑިއާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ހަތިޔާރުތައް ހިފައިގެން އެއް ގައުމުގައި އަރާ ތިބޭ ޒަމާނެއް ނޫންކަމަށާއި، މިއީ ގުޅުން ބަދަހިކޮށް އެ ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޒަމާންކަމަށް އަސްލަމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު ނިކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ރައީސް ސޯލިހު ވިދާޅުވީ ކުރެވުނު ބުރަ މަސައްކަތަށް ފަހު ނިކުތީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ. އެހެންވެ ޓީމުތަކާއި އެކު އައު މަސައްކަތެއް ފަށައި އެ ހެދުނު ގޯސްތަކަކީ ކޮބައިކަން ބަލައި ދެނެގަނެވިފައި ވާތީ އުނދަގޫ މަސައްކަތެއް ކުރަން އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ ރޭވުންތެރިކަމާއެކު ކެމްޕޭން ކުރާ ޕާޓީއެއް ކަމަށާއި ފުރަތަމަ ބުރުގައި އަތުން ކައްސާލައިގެންދިޔަ ކަންކަން ބަދަލުކުރެވިއްޖެ ނަމަ ނަތީޖާ އަނބުރާލުމަކީ ދަތި ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކެމްޕޭނުގެ ކަންކަން ފަސޭހަކުރުމަށްޓަކާ ބައެއް ކަންކަމަށް ބަދަލުތައް ގެނެސްފައިވާ ކަމަށާއި މަސައްކަތްތައް މިރެއިން ފެށިގެން ބާރަށް ކުރިއަށް ގެންދަން ރައީސް އެދިވަޑައިގެންނެވި އެވެ.

ޗާނދަނީ މަގުގައި ހުންނަ ހަރުގޭގައި އެމްޑީޕީން ”އާ ޖޯޝަކާއި އެކީ ކުރިޔަށް“ ނަމުގައި ޖަލްސާއެއް ބާއްވާފައި ވަނީ ރައީސް ސޯލިހާއި އެކު ޕާޓީގެ ލީޑާޝިޕް އަދި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ފަހު އެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: