ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ބާކީވެ، ނިކަމެތިވީ ސަބަބުތަކެއް އޮވެގެން: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކަމެތިވެ، ބާކީވާން ޖެހުނީ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދިން އެތައް ދެރައެއްގެ ނަތީޖާއެއްގެ ގޮތުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންތައް މާލެއާއި، އަތޮޅުތެރޭގައި ކުރިޔަށް ދާއިރު މި ދެ ދުވަހު ހއ، ހދ، އަދި ށ ގެ ރަށްތަކުގެ ހަރަކާތްތަކަށް ފަހު މިރޭ އޮތީ މާލޭގެ ބައްދަލުވުންތަކެވެ. މާފަންނުގެ ބައްދަލުުވުމުގައި ދެއްކެވި ވާހަކައިގައި ޝިޔާމް ދެއްކެވީ މި ސަރުކާރު ނިންމަން ޖެހޭ ސަބަބުތަކެވެ.

މި ގައުމު އަންނަން އޮތް ޖީލުތަކަށް މިނިވަންކަމާއި، ދިވެހިވަންތަ ގޮތުގައި ފޯރުކޮށްދިނުމަށް ކޮންމެހެން ވެސް މުއިއްޒަށް ވޯޓު ދިނުމަށް ގޮވާލައި ޝިޔާމް ވިދާޅުވީ ސަރުކާރަށް އިންތިހާބު ވަގަށް ނެގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އޭގެ ސަބަބަކީ ސަރުކާރުން ބޭނުންވާ ގޮތަށް، ގައުމުގެ މިނިވަންކަން ގެއްލުވާލައި ރައްޔިތުންނަށް އުނދަގޫ ވާ ގޮތަށް ކުރާ މިވެރިކަން ނިމުމަކަށް ގެންނަން ޖެހޭތީކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ބޭނުންފުޅުވީ ގޮތަށް، ސިޔާސީ އެހެން ބައެއް ޕާޓީތަކުން އެމަނިކުފާނާއި އެކު ކޯލިޝަން ނެހެދީ ސަބަބެއް އޮވެގެންކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެމަނިކުފާނު މި ފަސް އަހަރުގެ ތެރޭގައި ގައުމު ހިންގިގޮށް އޮތީ ސާފުކޮށް ފެންނަން ކަމަށެވެ. އެކި ހުށަހެޅުންތަކާއި، ޑިމާންޑުތައް ފުރިހަމަކޮށްދޭނެކަމުގެ ޔަގީނަކަން ދީ ސަރުކާރުން ބޭނުން ވީ އިންތިހާބު އޮޅުވާލައި ވައްކަން ކުރުމަށް ނަމަވެސް އެކަން އެގޮތަށްވުމުގެ ފުރުސަތު ރައްޔިތުން ނުދިންކަމަށާއި، ދެވަނަ ބުރެއްގައި ވެސް ސަރުކާރު ވާނީ ފެއިލްކަމަށް ޝިޔާމް ވިދާޅުވި އެވެ.

މި އިންތިހާބު ވަގަށް ނަގަން.. އެހެން ނަމަވެސް އެކަން ވާގޮތަކަށް ނޫން އޮތީ.. އަދި އަޅުގަނޑު ގަބޫލު ކުީ، އެއް ހޮރަކުން ދޭއް، ތިނެއް، ހަތަރު ފަހަރު.. ބައެއް ބޭފުޅުން ބައެއް ފަހަރު.. ބައެއް ސިޔާސީ ބޭފުޅުން، ކަށިޖަހަން ދެއްވިޔަސް ބައެއް ބޭފުޅުންނަކީ ވިދާޅުވާ ބަސްފުޅަށް އޮނާ ކުރައްވާނެ ބޭފުޅުން.. އެ ބަހުގައި ހިފައި ރައްޔިތުން އެބޭފުޅުންނަށް ކުރައްވާ އިތުބާރު ގެއްލޭ ކަންކަން ބައެއް ލީޑަރުން ނުކުރައްވާނެ

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މި ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވާކަމަށާއި، އެމްޑީޕީގައި ވެސް ރައީސް ސޯލިހު ނޫން ގޮތެއް ބޭނުންވާކަމަށް ގަބޫލު ކުރާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ވެރިނާއި ހިސާބުން ފެށެށިގެން ގްރާސްރޫޓް ލެވެލްއާއި އެކު މުޅި ރާއްޖެ ރައްޔިތުންގެ ގޮވާލުމަކީ ވެސް އެއީކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ޕާޓީއެއް ރައީސް ސޯލިހަށް ތާއީދު ކުރާނެކަމަށް ގަބޫލު ކުރެވޭ އެއްވެސް ސަބަބެއް ނެތްކަމަށް ފާހަގަކޮށް ޝިޔާމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ބާކީވެ އެކަނިވެރިވާން ޖެހުނީ ސަބަބެއް އޮވެގެން ކަމަށެވެ. އަދި އެމަނިކުފާނު އެ ހާލަތަށް ވެއްޓެން ޖެހުނީ ވެސް ޝިޔާމް ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ނިކަމެތިކަމުގެ ތެރެއަށް ވައްޓާލުމުންނެވެ.

ބާކީވާން ޖެހުނީ ސަބަބެއް އޮވެގެން.. އެކަނިވެރިވާން ޖެހުނީ ސަބަބެއް އޮވެގެން.. އެކަނިވެރިވާން ޖެހުނީ އެކަނިވެރިވާން ޖެހޭ ގޮތަށް އަމަލު ކުރެވިގެން ފަސް އަހަރުގެ ތެރޭގައި.. ރައްޔިތުން ނިކަމެތިކޮށް، އިންސާފު ގާއިމުކޮށް ނުދީގެން..

މިރޭގެ ޖަލްސާގައި ޝިޔާމް ގޮވާލީ، ސިޔާސީ ހިޔާލުތަފާތުވުން ދޫކޮށް ގައުމުގެ ވިސްނުން އިސް ކުރުމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސަރުކާރު ގޮތް ހުސްވެ، ދެވަނަ ބުރުގައި އޮޅުވާލައިގެން ރީރެޖިސްޓްރީ ކުރަމުން ގެންދާކަމުގެ ތުހުމަތު ތަކުރާރުކޮށް ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ނިގުޅައިގެނެވިގެން ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު އެބައޮތްކަމަށާއި، އުންމީދަކީ އެ އިތުބާރު އެގޮތުގައި މެމްބަރުން ދެމެހެއްޓުންކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރު މިދަނީ ނިމެންކަމަށްވުމާއި އެކު ދައްކާ ބިރަކަށް އެއްވެސް އިދާރާއެއް، މުވައްސަސާއެއް ފަސް ނުުޖެހުމަށެވެ.

ޝިޔާމް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމަށް ބަކީ އޮތް 12 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތް ގިނަކަމަށާއި، އެންމެން ގުޅިގެން ކުރާ މަސައްކަތާއި އެކު އުންމީދަކީ ރައްތިޔިތުންނަށް ދިވެހިންގެ ރާއްޖެ ލިބިގެން ދިއުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: