ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައިގެ ވާނުވާ ނޭނގި، އަހަރުތަކެއް ބަންދުގައި ހުރުމަކީ ދެވޭ އަނިޔާއެއް: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ނޭނގި އަހަރުތަކެއް ވަންދެން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރުމަކީ ދެވޭ އަނިޔާއެއްކަމަށާއި، ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނެސްދޭނެކަމުގެ ޔަގީނަކަން ދެއްވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެކަމަކު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ނުގެންދެވޭއިރު، ގާނޫނުގައި ބުނާ ގޮތަށް ބަންދު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ބުނެފައި ނެތެވެ. އެހެންވެ ވާނުވާ ބަންދު ރިވިއުގެ މައްސަލައެއް ދެގޮތަކަށް ހައިކޯޓުގައި ނިމި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ.

ވާނުވާ ބަންދަށް ނިމުމެއް ގެނައުމަކީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވި ރިޔާސީ ވައުދެކެވެ. ގިނަ އަދަދެއްގެ ބަޔަކު ހުކުމެއް ނެތި ބަންދުގައި ތިބި އިރު، އެ މީހުން ކުރި ކުށް ސާބިތުވާ ހާލަތެއްގައި އަންނަ އަދަބަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރަމުންދާ އަދި ހޭދަ ކުރި މީހުން ވެސް އެބަތިއްބެވެ. އަދި އެއްވެސް ވަރަކަށް ކޯޓަށް ހާޒިރު ކުރުމެއް ނެތި ބައެއް ކުށުގެ ތުހުމަތުގައި ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވެސް އެބަތިއްބެވެ.

ވާނުވާގެ މައްސަލައިގެ ބަންދުގައި އެތައް ބަޔަކު ތިބިއިރު، މިކަން ހައްލުވާން ޖެހޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި ގާނޫނު އިތުރަށް ހަރުދަނާކޮށް ގެންނަން ޖެހޭ ބަދަލުތައް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ކުށެއްގެ ތުހުމަތަށް ބަންދު ކުރެވޭ މީހާގެ ޝަރީއަތްތައް ވީހާވެސް އަވަހަށް ކުރިޔަށް ގެންގޮސް، މައްސަލައިގެ ގޮތެއް ނިންމި ހުކުމަކާއި ހަމައަށް ދެވެން ޖެހޭ ކަމަށެވެ.

އާންމުކޮށް ތުހުމަތުގެ ބަންދުގައި ހުންނަ މީހާއަށް ވާނުވާ ނޭނގި އަހަރުތަކެއް ޖަލުގައި ހޭދަ ކުރުމަށް ފަހު ވެސް އެއީ ކުށެއް ނެތް މައުސޫމް މީހެއްގެ ގޮތުގައި ކޯޓުން ކަނޑައެޅުމާއި އެކު އެއީ ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަން މުއިއްޒު ފާހަގަކުރި އެވެ. އަދި ވިދާޅުވީ ބައެއް މައްސަލަތަކުގައި ކުށް ސާބިތުވެ އަންނަ ހުކުމަށް ވުރެ ދިގު މުއްދަތެއް އެ މީހަކު ބަންދުގައި ހޭދަ ކުރާ ފަހަރު ވެސް އަންނަ ކަމަށެވެ.

މައްސަލަ ނުނިމި ވާގޮތެއް ނޭނގި، އަހަރެއް.. ދެ އަހަރު.. ތިން އަހަރު ހުރީމަ، ހާދަ ބޮޑު އަނިޔާއެކޭ އެ ދެވެނީ.. އެހެންވީމަ އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިމުމަކަށް ގެނެސްދޭނަމޭ… އެއީ ހާދަ މުހިންމުކަމެކޭ.. ނިމޭއިރުގަ، އެތައް އަހަރެއްފަހުން ނިމޭއިރުގަ، ކުށެއް ވެސް ނެތްކޮށްފަ މިސާލަކަށް.. އެހެންވީމަ ކިހާ ބޮޑު އަނިޔާއެއްތޯ.. އެހެންވީމަ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުއްޓަސް.. ބޮޑަށް އުސޫލީ ކަންކަން ހުރީ.. ހައްލުކޮށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވާނުވާގެ މައްސަލަތައް އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެންނާނަން..

މި މައްސަލަ ހައްލު ކުރުމަށް ގާނޫނުތަކާއި، އުސޫލަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަމަށާއި އާއިލާތަކާއި ބައްދަލުވުމުން ވާނުވާ ބަންދުގައި ތިބި އެތައް ބައެއްގެ ޝަކުވާތައް ލިބޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވުނާވާގެ މައްސަލަތަކާއި ގުޅޭގޮތުން ވަރަށް ބޮޑެތި ބަހުސްތައް ކުރެވެ އެވެ. އަދި ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ގެންގޮސް ޕްރޮސެކިއުޓާރ ޖެނެރަލް ވެސް ކޮމިޓީތަކަށް ހާޒިރު ކުރެ އެވެ. ގިނަ ދުވަސްވެ ކޯޓުތަކުގައި ތާށިވެފައި ހުރި ވަރަށް ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އަދި ގިނަ ފަހަރަށް އެ މައްސަލަތަކުގެ ހެއްކާއި ބެހޭ މަރުހަލާއަށް ދާއިރު، ހެކިވެރިން އެ ހާދިސާއެއް ސީދާ ހިނގައިދިޔަ ގޮތް ހަނދާނުގައި ނުހުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: