ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަމަ މަގަށް އަޅުވަން ޖެހޭ، އިސް ކުރަންވީ މިނިވަންކަން: މުއިއްޒު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހެޔޮ މަގަށް އެޅުވުމުގެ ޒިންމާ ހަވާލުކޮށްފި ނަމަ، ރާއްޖޭގެ އަތުން ކައްސާލައިގެން ގޮސްފައިވާ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަން ކުރާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުފުލަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ.

ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް އިބްރާހިމް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. އެކަމަށް އިދިކޮޅުން، އަބަދުވެސް ނުރުހުން އަމާޒު ކުރެ އެވެ.

ރިޔާސީ ކެމްޕެއިންގައި މުއިއްޒު އެންމެ ބޮޑަށް ފާހަގަކުރައްވަނީ ވެސް ގައުމުގެ މިނިވަންކަމާއި ގުޅޭގޮތުންނެވެ. މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއީ ރައްޔިތުންނަށް ގައުމުގެ ބަސް ބުނުމަށް ފުރުސަތު ލިބޭ އެންމެ ފަހު ފަހަރުކަމަށް ދެކި ވޯޓުލުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖޭން އިންޑިއާ ސިފައިން ބޭލުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިދުމަތް ދިނުމުގައި އަބަދުވެސް ހަމަހަމަކަން އިސްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވުން މުހިންމު ކަމަށެވެ. އަދި ރައްޔިތުން އިތުބާރުކޮށް ގައުމު ހަވާލުކުރުމާއި އެކު އެންމެ ފުރަތަމަ ވެސް އަދާކުރާނެ ޒިންމާއަކީ މުއިއްޒު ވިދާޅުވި ގޮތުގައި ޚާރިޖީ ސިޔާސަތު ރަނގަޅު ކުރުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޚާރިޖީ ސިޔާސަތުތަކާއި، ދާއިރާއާއި ގުޅުން ހުރި ގިނަކަންކަން ހުރީ އަތުން ކައްސާލައިގެން ދާ ހިސާބުގައި ކަމަށެވެ. އަދި ރާއްޖެއަކީ ނަމުން މިނިވަން، އަދި ރަސްމީކޮށް މިނިވަން ގައުމެއް ނަމަވެސް މުއިއްޒު ވިދާޅުވީ އަމަލީ ގޮތުން ގައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން ކަނޑު ވިއްކާލުމާއި، އެކި ސަރަހައްދުތައް އެގްރިމަންޓުތަކުގެ ތެރެއިން ދޫކޮށްފައިވާއިރު ވާނުވާ އެގްރިމަންޓުތަކާއި އެކު ގައުމަށް ވާނެ ގެއްލުންތަކާއި މެދު އުފެދޭ ކަންބޮޑުވުންތައް އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށެވެ.

ވާނުވާއެއް ނޭނގޭ.. އެކި ނަންނަމުގަ، އެކިއެކި ވަރުވަރުގެ ދަރަނިތައް ނަގަމުން އެބަދޭ.. ނަގާ ނިންމައިފި.. އަޅުގަނޑުމެންގެ ބޮލުގައި 114 ބިލިއަންގެ ދަރަނި އަރުވާފައި އޮތް އިރުގަ، އޭގެ ފަންސާސް އިންސައްތައަކީ މި ފަސް އަހަރުގައި އެއް ގައުމަކުން ނެގި ދަރަނި

މުއިއްޒު ވިދާޅުވީ ދައުލަތުގެ ޖުމްލަ ދަރަނި 114 ބިލިއަނަށް އަރާއިރު އޭގެ ތެރެއިން 50 އިންސައްތަ ލޯނަކީ އެއް ގައުމުން ނެގި ލޯނުތައް ކަމަށެވެ. އަދި އެ ތަފްސީލުތައް ހާމަ ކުރުމަށް ވެސް ސަރުކާރުން ދެކޮޅު ހަދަމުން ގެންދާކަމަށް ވިދާޅުވި އެވެ.

މިއީ އެއްވެސް ރައްޔިތަކު ގައުމުގެ ހާލަތު އޮތުމަށް ބޭނުންވާނެ ހިސާބެއް ނޫންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ގައުމުގައި މިއަށްވުރެ އިންސާފުވެރި އަދި އަދުލުވެރި ވެރިކަމެއް ކުރެވެން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސީރިއަސް ސިފައެއްގައި ގައުމާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ވެރިކަން ވެސް ހަވާލު ކުރަން ވާނީ، ގައުމު ދެކެ ލޯބިވާ ގައުމާއި މެދު ވިސްނާ ބަޔަކަށްކަމަށް ވެސް ވިދާޅުވި އެވެ.

ގަބޫލު ކުރަނީ ކޮންމެ ރައްޔިތަކީ ސިޔާސީ ފިކުރު އެއްކިބާކޮށް، ދިވެއްސަކަށް ވީތީ އެ މަސްލަހަތު އިސް ކުރާނެކަމަށް.. ރައްޔިތުން ވިސްނުން އިސް ކުރާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށްކަމުގައި އުންމީދު ކުރަ

އިންޑިއާއާއި ދެކޮޅަށް އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފެށުމުން، ސަރުކާރުން ވަނީ ހާއްސަ ގަރާރެއްގެ ދަށުން އިންޑިއާ އައުޓްގެ އެއްވުންތަކަކީ ނަފްރަތު އުފެއްދުމުގެ ހަރަކާތެއްކަމަށް ކަނޑައަޅައި އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގާފަ އެވެ.

ގަރާރާއި އެކު ސީދާ އެނަމުގައި ހިންގި ހަރަކާތްތަކަށް މަޑުޖެހުމެއް އައި ނަމަވެސް ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ އުފުލާ އަޑުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: