އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ”ޕްރޯ-މޯލްޑިވްސް“ ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާއިން ތަޢުރީފުކުރައްވައިފިއެވެ.
އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިއަދު ވަނީ އިޙުތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ.
މި ބައްދަލުވުމުގައި އޮސްޓްރޭލިއާ ސަފީރު ވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ”ޕްރޯ-މޯލްޑިވްސް“ ޚާރިޖީ ސިޔާސަތަށް ތަޢުރީފުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އޮސްޓްރޭލިއާއިން ދިވެހި ދަރިވަރުންނަށް ތަޢުލީމީ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދެއްވައި، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފެށިގެންދާ އާ ދައުރުގައި މި ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި އޮސްޓްރޭލިއާ އާއި ރާއްޖެއާއި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް މަޝްވަރާތައް ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

