ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރުވާހަކަ: ހަގީގަތް

ފޮޓޯ ހަގީގަތް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވާކައަކީ 1803 ވަނަ އަހަރުންފެށިގެން ދެކުނު ރަށެއްގައި ދިރިއުޅެމުންދިޔަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި، އަދި އެއްޖީިލުން އަނެއްޖީލަށް އެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތުގެ މައްޗަށް ލިޔެވޭ ހަގީގީ ވާހަކައެކެވެ. މި ވާހަކަ ލިޔުމަށް ގެންނައިރު، އެ ދިރުއުޅުމުގެ ބައެއްކަންތައްކާއި، އަދި އިބާރާތްތައް އެތުރުމުގައި، ދިރިއުޅުމާއި ގުޅުންހުރި ބައެއް ކަންތައްތަކަށް ބަދަލުގެނެވިފައިވާނެއެވެ. ނަމަވެސް މުޅިވާހަކައިގެ 95 އިންސައްތައަކީ އެ ދިރުއުޅުމާއިގުޅޭ ހަގީގީ ހާދިސާއެވެ.

…………………………………………………………………………………….

  ………ހަގީގަތް………….

ޒުލޭހާގެ ތިބީ ދެކުދިންނެވެ. އެއީ މަރުޔަމްއާއި، މުހައްމަދެވެ. މަރުޔަމްގެ އުމުރުން 15 އަހަރެވެ. ޒުލޭހާއަށް މެދަށް ކުއްޖަކު ލިބުނެވެ. ނަމަވެސް އެކުއްޖާ މަރުވީއެވެ. ދެކުދިންނާއިއެކު ހުސެއިން އާއި ދެމީހުން ދިޔައީ ދިރިއުޅެމުންނެވެ. ހުވަދު އަތޮޅު ކަނޑުހުޅުދޫގައި ދިރިއުޅެމުންދިޔަ މި ދެމެފިރިންނަކީ އުފަލާއި ހިންހަމަޖެހިގެން އުޅެމުން އައި ދެމީހުންނެވެ. ދަރިންލިބި ދިރިއުޅެމުން ދިޔައީ އުފަލުގައެވެ. މުސްކުޅިވެ ގައިބާރުދެރަވެ މަރުދުވަހާއި ޖެހެންދެންވެސް އުލެމުން ދިޔައީ އެކުއެކީގައެވެ. މި ދެމެފިރިންނަށް ލިބުނީ 3 ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު މަރުވި ނަމަވެސް ލިބުނު ހަމައެކަނި އަންހެން ކުއްޖާ އަށްޓަކާއި އެ ތަދު ޒަމާނުގައި އުޅުނީީވެސް އެކުއްޖާ މީހަކަށް ހެދުމުގައެވެ. ކައިވެޏާ ހަމަޔަށް އެ ކުއްޖާ ގެންގޮސް ރަނގަޅު ދިރިއުޅުމެއް ހޯދުމަކީ މި ދެމެފިރިންގެ އެންމެ ބޮޑު ހުވަފެނެވެ.

*******************************************

ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިން އަސުރު ނަމާދުން ފައިބާ މަރިޔަމް އޭނަގެ އެކުވެރިންނާއިއެކު ކުޅެންދެއެެވެ. އެކި ދުވަހުގައި އެކި ކުޅިވަރުތައް ކުޅެއެވެ. މިއީ މަރުޔަމްގެ އުފަލެވެ. އުމުރުގެ ޅަ ކަމާއިއެކު އޭނާގެ އުފަލަކީ ރަހުމެތްތެރިންނާއި އެކު ކުޅެ ސަކަރާތްޖެހުމެވެ. އެކަމުން މަރުޔަމްއަށް ލިބެނީ އުފަލެވެ، ހިންހަމަޖެހުމެވެ.

ނަމަވެސް ކޮންމެ ދުވަހަކު އެގޮތަށް ކުޅެންގޮސް ޒުވާބުގަނޑުވެސް ހިންގާލާ ދުވަސް އާދެއެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ގެއަށް އަންނަނީ ރޮމުންނެވެ. ކުޅިވަރު ކުޅެމުން ހިންގާ ޒުވާބުގައި ވެއްޓި އަނިޔާވެސް ލިބެއެވެ. އެކަމަކު މަރުރަމަކަށް ތަދެއްނުވެއެވެ. އޭނާ އަށް އެއީ ބޮޑުކަމެއްވެސް ނޫނެވެ. އެއީ އާދައިގެން މަތިން ކޮންމެދުވަހަކު ކުރެވޭ ކަންތައްތައް ކަމަށްވާތީއެވެ. މަރުޔަމް އަށް ކަމެއް ވެއްޖިއްޔާ އެއީ އޭނާގެ މަންމަޔަށް ވަރަށް ބޮޑު ކަމެކެވެ. އެއީ ޒުލޭހާގެ ހުރި ހަމައެކަނި އަންހެން ދަރިއަށްވާތީއެވެ.

**********************

މަރުޔަމް އެންމެ ކަންބޮޑުވާނީ އެގޮތަށް ޖެހޭ މައްސަލަތައް އޭނާގެ މަންމަ ޒުލޭޙާއަށް އެގޭ ހިސާބުންނެވެ. މަންމަ ކިތަންމެ ލޯބިވިޔަސް، ކަމެއް ވެއްޖިއްޔާ އަޑުލާ ހަނދާނެތީއެވެ. އަދި އެކަހަލަ ކަމެއް ވެެއްޖިއްޔާ މަންމަ ޒުލޭޙާއަކީ ރުޅިގަދަަ އަޑުގަދަ އަގަގަދަ މިހަކަށްވެސް ވާތީއެވެ. ގޭތެރޭގައި އެ އަޑު ގަދަވެ ބައްޕަ ހުސެއިނަށް އަޑު އިވިދާނެތީއެވެ. ނަމަވެސް މަންމަގެ ކިބައިން މަރުޔަމް އަށް ސަލާމަތްވެވެނީ މަދުފަހަރަކުއެވެ. ގެއަށް އަންނަގޮތަށް މަންމަ ހުންނަނީ ރުޅިގަދަވެފައެވެ. އެއްވެސް ކަމެއް މަންމަ އަކަށް ސިއްރެއް ނުކުރެވެއެވެ. އާދައިގެ މަތިން ކުޅެން ގޮއްސްފަ މަރުޔަމް ގެއަށް އައެވެ. މުޅި ގައިގައި ހުރި ހުސް ވެއްޔެވެ.

“މިއަދުވެސް ކުދިންނާއި ތޮޅިލާފައިދޯ ތި އައީ. ހުވާ މިބުނީ ކޮންމެ ދުަވަހަކު މިސަކަރާތެއް މި މަންޖެ އެބަ ޖަހާ. މަށަކަށް ނޭގޭ އާމިނާގެ ދަރިންނާއި އެކު މި ޖަހާ ސަކަރާތެއް. ދެން ނިކަންދޭބަލަ ބުނާ ގޮތަށް ނަހަދާ ކުޅެން. ގޮއްސިޔާ ކުޅި ދައްކާލާނަން.” ޒުލޭހާ ރުޅިގަދަވެފައި ބުންޏެވެ.

މަރިޔަމް. ނޫން ނޫން ކިޔަމުން ގައިގައިތިބި ވެލިތައް ފޮހަމުން ސިއްރު ސިއްރުން ގިފިއްޔަށްވަދެ ފެންވަރާލާއިގެން ނޫން ކަމަށް ހެދިގެން ގޭގެ ބަދަގިޔާވީ ފަޅީގައި ހުންނަ ޖޯލީގައި އިށީދެއިނެވެ. އަނެއްކާވެސް ޒުލޭހާ މަރުޔަމް އަށް ގޮވަންފެށިއެވެ.

“ދަރިފުޅާ…. ދަރިފުޅާ…. މިހާރުތީ ކުޑަކުއްޖެއް ނޫނެއްނޫން. ނިކަން މަންމައަށް އެހީވެބަލަ” ޒުލޭހާ މަރުޔަމްއަށް ގޮވަމުން ބުންޏެވެ. ކުދި ބަސްކިޔަމުން އަމުނަމުން ޒުލޭހާ މަރުޔަމް އަށް ނަސޭހަތް ދެމުން ދިޔައެވެ.

” ބަލަ މަރުޔަމް ކުޅެން ދެވުނީމަ ނިމުނީތަ. މިގޭގޭ ކުރަން ކަންތައްތައް އެބަހުއްޓޭ. ތީވެސް ބޮޑުވަމުން އަންނަ އަންހެން ކުއްޖެއް. މަސައްކަތް ވެސް ކުރަން ޖެހޭނެ. ކަމެއް ކުރަންޏާ ނިކަން މިތިބަ ފުޅި ބައްތިތައް ސާފްކުރަން ދޭބަލަ. އަވަހަށް ނިންމާތި.  ނިންމާލާފަ ދާނީ ނަމާދު ކޮށްގެން ކިޔަވަން”…………

ކުދި ބަސް ފައްޗަަކަށް އަމުނަމުން ކެޔޮފީނިދަށުގައި ރޯކޮށްފައި ހުރި އަނގުރު ތެލިން އަގުރު ނަގާ އިސްތިރި ތެރެއަށް އަޅާލިއެވެ. ހޫނުކަމުން އަތަށް ފުމަން ފެށިއެވެ. ފުމަމުން ފުމަމުން ހިނގައިގަތެވެ. އަތަށް ކަނި ކޮޅެއް ވެއްޓުނެވެ. އަތްދިއްޔޯއި…. ޒުލޭހާ އަށް ހަޅޭ ލައްވައިގަނެވުނެވެ.

އިސްތިރި އަތުން ދޫވިއެވެ. އިސްތިރި ބިން މައްޗަށް ވެއްޓުނު ބޮޑީގައި ކަނިތައް ބުރައިގެން އައިސް އަނދެގެން ހުރި ކަނޑިކީގައި ޖެހި ބާތަކެއް އެޅުނެވެ. އިސްތިރި ކުރާ ދުވަހެއް ވެއްޖެއްޔާ ޒުލޭހާ އުޅެނީ މި ހާލުގައެވެ.

ކަނޑިކަ ހީވަނީ ހަމަ ފުރޭނައެެއް ހެނެވެ. ހުސޭނު ކުރިމައްޗަށް އަރާހުރެ ލާނެއް ގޮތަކަށް ބުނެލިއެވެ. މަށަށް ކަމެއް ވެއްޖިއްޔާ މި ހުސޭނަށް މިނޫން ވަރެއް ނުވާނެ ޒުލޭހާ ބޯ ވަތަށް ޖަހައިގެން ފިސް ޖަހާލާފަ ހިނގައިގަތެވެ. ހުސޭނެ ކަކަކަކަ ޖަހާ ހޭން ފެށިއެވެ. ޒުލޭހާ އެއަޑެއް ނޭހިއެވެ. އަވަސްވެގަތީ އިރު އޮއްސުމުގެ ކުރިން އިސްތިރި ކޮށް ނިންމާށެވެ.

*************************************

ބަދިގެޔާއި ކާގެޔާއި، އެތެރޭގޭގެ ތިބި ފުޅިބައްތިތައް ގެނެސް ގޭގެ ދޮރުމަތީގެ ކަށި ވެލިގަނޑު މަތީގައި މަރުޔަމް ބޭތިއްބިއެވެ. މަރިޔަމް އަވަސްވެގަތީ އަވަހަށް އެ މަސައްކަތް ކުރުމަށެވެ. އިރު އޭގެ ވާޖިބަށް އޮއްސެންމުދެއެވެ. މަރުޔަމް ދިޔައީ ބައްތިތައް ވަކިވަކިން ސާފް ކުރަމުންނެވެ. ސާފް ތެޔޮއަޅާ ފޮތިކޮޅު ރޯކޮށްލިއެވެ. ރަތް ވިލާ ތިރިވެ ދުނިޔޭގެ ކުަލަ ބަދަލުވަމުންގޮސް އަނދިރިވާން ފެށިއެވެ. ދުވާލުގެ ގަދަ އަލީގައި ދުނިޔެމަތީގައި އިންސާނުން އުޅުނު ގަދަބާރާއި، އުޅުނު މޮޅުކަން ބަލަން އިރަކަށް ކެތެއް ނުވިއެވެ. އިރު އޭގެ ވާޖިބު އަދާކޮށްފިއެވެ.

އިރު އޮއްސިއްޖެއެވެ.

**********************************

ބައްތިތައް ރޯކޮށް ބަދިގެޔާއި ކާގެޔާއި، އެތެރެގެއަށް އެ ބައްތިތައް ވައްދާ މަރިޔަމް އަވަސްވެގަތީ މަޢްރިބް ނަމާދަށެެވެ. މަޑުމަޑުން ހުންނަ މަރުޔަމް އަކީ މަންމައަށް ކިޔަމަންތެރި ކުއްޖެކެވެ. މަންމަ ޒުލޭހާ ކަމެއް ބުނފިއްޔާ އެކަން ނުކޮށް ދޫކޮށެއް ނުލާނެއެވެ. މަންމަ ޒުލޭޙާވެސް ނަމާދުކުރުމަށްޓަކާއި، ވުޟޫ ކުރަން ވަނީ ގިފިއްޔަވަދެއެވެ.

މަންމަ ނިމެދެން އެެތެރެ، ގޭގެ ކުޑަ ގޮނޑީގައި މަރިޔަމް އިށީނެއެވެ. ކުއްލި އަކަށް މަރުޔަމްގެ ކަންފަތުގައި ޖެހުނީ މައުރިބް ނަމާދުގެ ބަންގީގެ އަޑެވެ. ކުޑަދޮރުން މަރުޔަމް ބޭރު ބަލާލިއެވެ. މަންމަ ގިފިލިން ނުކުންނަތޯއެވެ. ޒުލޭހާ ވުޟޫ ދުއާ ކިޔަމުން ގިފިލިން ނުކުމެގެން ގެއާ ދިމާލަށް ހިގައިގަތެވެ.

މަރުޔަމް އަވަސް އަވަހަށް ނުކުތީ ބޭރަށެެވެ. ވުޟޫ ކުރަން ގިފިއްޔަށް ވަންނާށެވެ. ބޮލުން ފެން ތިކި ތަޅަމުން ސިމިސިމި ކިޔަމުން ތުބުން ދުޢާ ކިޔަމުން އައި، ޒުލޭހާ މޫނުގައި އަތް އެޅިއެވެ.

ގެއަށް ވަންނަ ދުޢާ ކިޔާ، ގެއަށްވަނެވެ.

********************************

މަރުޔަމް ދިޔައީ ވުޟޫ ކުރާށެވެ. އަވަސްއަވަހަށް ވުޟޫ ކޮށްގެން މަރުޔަމްވެސް ގެއަށްވަނެވެ. އަދި ނަމާދު ކުރަން ފެށިއެވެ. ތިން ރަކުއަތުގެ ނަމާދަށްފަހު ސަލާމްދީ މަރުޔަމް ތެދުވިއެވެ. ނަމަވެސް ޒުލޭހާ ނަމާދުން ފައިބާނީ، އިޝާ ކޮށް ވިތުރުވެސް ކޮށްގެނެވެ.

އެއީ ކޮންމެ ދުވަހެއްގައިވެސް އޭނާގެ އާދެއެެވެ. ހުދު ނަމާދު ދޮޅީގައި މަންމަ ކައިރީގައި މަރުޔަމް އިން އިރުވެސް އޭނާ އިނީ އިދެވިގެން ނޫނެވެ. ވެފައި ހުރި ވަރުބަލި ކަަމާއެކު ތާއްޔާ ޖެހި ޖެހިއެވެ. ނަމަަވެސް ނިދޭނީ އިޝާ ކޮށްގެން ކައިގެން ކަމަށްވާތީ ތެދުވެގެން ދިޔައީއެވެ.

“ދަރިފުޅާ ދެން ދޭ ޤުރުއާން ކިޔަވަން. އަދި ބައްޕަ އަންނާނެ އިރުކޮޅަކުން. ހުންނާނެ މަންމަ ކައްކާފައި ހުރި ބައްޕެން ފޮދެއްވެސް ބަދިގެއަށްވަދެ ބިއްލޫރި ބޯތައްޓެއް ނަގާ އެއިން ފޮދެއް ބައްޕަ އަށް ދޭތި.” ޒުލޭހާ ބުންޏެވެ.

” އާ މަންމާ މިދަނީ.” މަރުޔަމް ބުންޏެވެ.

ކުޑަ އިރުކޮޅެއްވިތަނާ ހުސޭނު ގެއަށް އައެވެ. މުހައްމަދާއި ދެމީހުން ގެއަށް އައީ މަޢްރިބަށް ގޮސްފައެވެ. މަންމަ ބުނިގޮތަށް މަރުޔަމް ބައްޕަ އަށް ބައްޕެން ތައްޓެއް ގެނެއެވެ. މުހައްމަދު އިނީ ކުނި މޫނު ދައްކައިގެންނެވެ. މުހައްމަދު ބުންޏެވެ. (އައްޗާ) /ހުވަދޫ ބަހުން ބޮޑު ދައްތަ/

“ކީއްވެ މަށަށް ނުގެނެއީ. ވަރަށް ބަނޑުހައި ވެފައި މިއިނީ” މުހައްމަދު ބުންޏެވެ.

“ނޫން މުހަަމަދާ އެބަގެންނަން.” މަރުޔަމް ހިނގައިގަތެވެ.

ބޯތައްޓަކަށް އަޅައިގެން ބައްޕެން ފޮދެއް މުަހައްމަދަށްވެސް ގެނެސް ދިނެވެ. އެތެރެގޭގެ ހުރި އުނދޯލީގައި ހުސޭނު ޖައްސާލީއެވެ. މުހައްމަދާއި މަރުޔަމް ޙަތިމް ނަގާ ގުރުއާން ކިޔަވަންފެށިއެވެ. އެހެންތިބވެސް ދެމީހުން ދިޔައީ ސަކަރާތް ޖަހަމުންނެވެ. ކޮއްޕާފަހަރުވެސް އާދެއެވެ. ދެކުންދިންގެ އާދަޔަށްވާތީ ހުސޭނު އެއީ މާބޮޑު ކަމަކަށް ނަހަދައެވެ.

“ބައްޕާ ބަލާ އައްޗާ މަށަށް ތަދު ކުރަނީ “މުހައްމަދު ގޮވަންފެށިއެވެ. މިއީ އާދައިގެ މަތިން ކޮންމެ ރެއެއްގަވެސް އެ ކުދިންގެ އާދައެވެ. ހުސޭނެ އަޅާ ނުލާ އިނީ އެހެންވެގެންނެވެ. އިޝާ ގޮވަންދެން ބޮޑު އުނދޯލީގައި ދުއްވަމުންދިޔަ ހުސޭނެ އިނީ ދުފާށެވެ. އަގަ ރަށް ކޮށްލައިގެންނެވެ. މީރު ދުފުން ގަޑެކެވެ. އާންމުކޮށް ރޭގަނޑު ހުސޭނު ދުފަނީ ދެމަނާދު ދޭރޭގައެވެ. މަޢްރިބަށްފަހު ގެއަށް އައިސް ލިބޭ ކުޑަވަގުތ ކޮޅު ތެރޭގައެވެ.

އިޝާ އަށް ގޮވިއެވެ. ބަންގީގެ އެއަޑާއެކު މަރުޔަމް ނަމާދު ގެއަށް ދިމާލަށް ހިގައިގަތެވެ. މުހައްމަދު ގޮވައިގެން ހުސޭނު މިސްރާބު ޖެހީ މިސްކިތަށެވެ. ފަސް މިނެޓުން ދެވޭ މިސްކިތަށް އެ ދެބެފައިން ދިޔައެވެ. މަރުޔަމް މަންމަޔާއެކު ނާމާދު ކުރަން ފެށިއެވެ. ނަމާދަށް ހަށަންބަނުމާއެކު މަރުޔަމް ތާއްޔާ ޖެހެން ފެށިއެވެ.

ނަމަވެސް ހިތްވަރު ކޮށްލާފައި ހަތަރު ރަކުއަތް ކޮށްލިއެވެ. އަވަސް އަވަހަށް ބުރުގާދޮޅި ބާލާ ނިދާ އެދާއި ދިމާލަށް މަރުޔަމް ހިނގައިގަތެވެ.

*********************************************

ނިދާގޭގެ ފޮތިގަނޑު ހިއްލާ އެނދަށް އެރީ އަވަހަށް ފަތިހު ހޭލާށެވެ. މަރުޔަމްގެ ކުޅޭ ގުރޫޕް އޮތީ ހެނދުނު ހޭލާ ގޮތަށް އެމީހުން ކުރާން ކަންތައްތައް ރާވާފައެވެ. ފައިގަތަޅާ އެެއީ އެމީހުން އެންމެ ފޯރީގައި ކުޅޭ ކުޅިވަރެވެ. ޒުލޭހާ ނަމާދުން ފައިބާއިގެން އައެވެ.

“ދަރިފުޅާ މަރުޔަމޫ. ނިދަން އެރީތަ. އެއްވެސް އެއްޗެއް ކައިފިންތަ. ކައިގެން އޮތިއްޔާ ނިދާނީ ޝަހާދަތް ކިޔައިގެން.” ޒުލޭހާ ބުންޏެވެ.

މަރުޔަމް މަންމަ އަށް ޖަވާބު ދިނެވެ. “އާ މަންމާ. ބައްޕަމެންނާއެކު ބައްޕެން ބުއީ ދެން ކާހިތެއްނެތް.”

މަރުޔަމް އަވަސް އަވަހަށް އުޅުނީ ނިދޭތޯއެވެ.

ހެނދުނު ހެނދުނާއި ކުޅެންދާށެވެ. ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮތް މަރުޔަމް ނުނިދުނެވެ. ހޫނު ގަދަ ކަމުންނެވެ. މަދިރިވެސް ހަފައެވެ. ނަމަވެސް ކުޅެންދާން ފޯރީގައި އޮތް މަރުޔަމް ދެ ލޯ ގަދަޔަށް ލައްޕާ ފިއްތާލިއެެވެ. ހަމަހިމޭންކަމާއިއެކު މަރުޔަމް އަށް ނިދުނެވެ. ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮތް އިރު ގޭތެރޭން އެއް އަޑަކަށް އިވެމުން ދިޔައީ ގުގުރީގެ އަޑެވެ.

ބައްޕަ ހުސޭނު ގުގުރި ދަމާ ނިމޭ އިރަށް މަންމަ ޒުލެހާ ކުކުރާލައެވެ. ހަމަ އެއިރަށް މުހައްމަދު ކެއްސާލައެވެ. މިއަޑުތައް ވެސް އެއް އަޑަކަށްހުރި މިގޭ ތެރޭގައި ނިދަން އޮތް މަރިޔަމް އިރުއިރުކޮޅާ ހޭލައެވެ.

ނިދީގައި އޮތް މަރުޔަމް ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. ބައްޕަގެ ބާރުގެ ގުގުރީގެ އަޑަކަށް ނޫނެވެ. …………………………………..

ނުނިމޭ……….

އަންނަ ހަފްތާ އަށް އިންތިޒާރު ކޮށްލައްވާ، ބާކީ ބައި…………………..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: