ތަކުރާރުކޮށް މިނިވަން މުވައްސަސާތަކަށް މައްސަލަތައް ހުށަހަޅައި، މުޅި ދުވަސް ތަނުގައި ހޭދަކުރި އިރު ޖަވާބު ނުދީ ތިއްބެވުމަށް ފަހު އިންތިގާލީ މި މުއްދަތުގައި ބަޔާނެއް ނެރުމުގެ ބޭނުމެއް ނެތްކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ހާއްސަ ކޮމިޓީތަކުން ދަނީ ކުންފުނިތަކާއި، އިދާރާތައް އަދި މުވައްސާސަތާއި ބައްދަލުކޮށް މައުލޫމާތުތައް އެއްކުރަމުންނެވެ. މި ކޮމިޓީތަކުގެ ހޯދުންތަކުގެ ރިޕޯޓުތައް އަދި އާންމު ނުކުރި ނަމަވެސް ދައުލަތުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އެކުލެވޭކަމަށް ކުރެވޭ ތުހުމަތު ވަނީ ތަކުރާރުކޮށްފަ އެވެ.
ފެނަކައިގެ މައްސަލަ ގޯސްވެފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބަޔާނެއް އާންމުކޮށް އެ ކުންފުންޏާއި ގުޅުން ހުރި 70 އަށް ވުރެ ގިނަ މައްސަލަ ބަލަމުންދާކަމަށް ބުންޏެވެ. އަދި އިންތިގާލީ މި މުއްދަތުގައި އެ ބަޔާން ނެރުމުން އެކަމަށް ބައެއް ބޭފުޅުންގެ ފަޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ސަންގުޓީވީގެ ”2023 ގެ ރައީސްގެ ރައީސް – ޑރ. މުހައްމަދު މުއިއްޒު“ ޕްރޮގްރާމުގައި ހުސެއިން ޝަރީފް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭ ކޮމިޝަންތައް އޮތީ ސިޔާސީ ނުފޫޒެއްގެ ތެރޭގައި ފިތި ބާރުވެފައި ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ގުނާ އަދަދު ނުކުރެވޭ ވަރަށް މިނިވަން މުވައްސަސާތަކަށް އެކި ޝަކުވާތަކާއި މައްސަލަ ހުށަހެޅިއިރު ހަނު އޮތްތަން ފެނުނުކަމަށް ހުސެއިން ޝަރީފް ވިދާޅުވި އެވެ. ތަކުރާރުކޮށް އެ މައްސަލައިގައި ފިޔަވަޅު ނާޅަނީ ކީއްވެގެން ތޯ ކުރަމުން އައި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ތިއްބެވުމަށް ފަހު މިއަދު ކުއްލިއަކަށް ހޭއަރައި ބަޔާންތައް ނެރުން ހުސެއިން ޝަރީފް ސިފަ ކުރެއްވީ ވަރަށް ބޭކާރު މަސައްކަތެއްގެ ގޮތުގަ އެވެ.
ޕީޕީއެމް/ޕީއެންސީގެ އެއްވުންތަކުގައި ގަވައިދާއި ހިލާފަށް ބައިވެރިން ހައްޔަރުކޮށް ދިން އަނިޔާތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ވަކި ބަޔަކަށް ޓާގެޓުކޮށްގެން ހައްޔަރުކުރާ މައްސަލަތައް ވެސް ބަލައިދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދުނުކަން ހުސެއިން ޝަރީފް ފާހަގަކުރި އެވެ.
ހުސެއިން ޝަރީފް ވިދާޅުވީ މިނިވަން މުވައްސަސާތައް އެއީ މުސްތަގިއްލު ގޮތުގައި މަސައްކަތް ކުރުމަށް ޖާގަދިނުމުގެ ބަދަލުގައި ސަރުކާރުން އެ ކޮމިޝަންތަކާއި މެދު އަމަލު ކުރީ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ކަމަށެވެ.
އޭސީސީ ވިޔަސް، އެޗްއާރުސީއެމް ވިޔަސް.. އިންތިހާބުގައި ރައްޔިތުން ގޮތެއް ނިންމަންދެކަށް އަޅުގަނޑުމެން ދެއްކި ވާހަކަތައް އަޑުއެހި ބައެއް ނޫން… ސަރުކާރުގެ ވުޒާރާއެއްގެ ގޮތުގައި ހިންގި ތަންތަން އެއީ
ހުސެއިން ޝަރީފް ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އޮތް ކޮމިޝަނަށް އިދާރާތަކުގެ އެތެރޭގައި ހުރި އެފަދަ މައްސަލަތައް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ސޯޝަލް މީޑިއާއާއި، ރާއްޖޭގެ މީޑިއާތަކުން ލައިވްކޮށް ގެނެސްދޭ މަންޒަރާއި އޭގެ ވީޑިއޯ އެޗްއާރުސީއެމަށް ފެންނާނެ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ހުސެއިން ފާހަގަކުރެއްވީ ޖުމްހޫރީ މައިދާނުގައި ޕީޕީއެމް/ޕީއެންސީގެ ހަރަކާތެއް ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނަށް ލިބުނު އަނިޔާ އެވެ. އަދި ސަރުކާރުގެ އެސްއޯއީތަކުގެ އެތެރޭގައި ހިޔާނާތްތައް ގިނަކަމަށް ތަކުރާރުކޮށް ރިޕޯޓުކޮށް ފެނަކައާއި ގުޅުން ހުރި އެތައް މައްސަލައެއް ފެންމަތިވެފައި ވުމެވެ.
ދެން މިއަދު ކުއްލިއަކަށް އެބޭފުޅުން އެ ފެނިގެން.. ކުއްލިއަކަށް ނިކުމެ ބަޔާންތައް ނެރެ… ތަހުގީގު ކުރާ ވާހަކަތައް ދެއްކީމަ އަޖައިބު ހުރި..
ފެނަކައިގެ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށް އޭސީސީން އިއްޔެ ބަޔާން ނެރުން ހުސެއިން ޝަރީފް ސިފަ ކުރެއްވީ އެއްވެސް އިހުލާސްތެރިކަމެއް ނެތް ބަޔާނެއްގެ ގޮތުގަ އެވެ.
މީގެއިތުރުން ހުސެއިން ޝަރީފް ވިދާޅުވީ ކޮމިޝަންތަކަށް އެތައް މިލިއަނެއް ހަރަދު ކުރާއިރު މިވީ ފަސް އަހަރުގެ ތެރޭގައި ނެރެވުނު ނަތީޖާއެއް ނެތް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ނޫނީ ހައްގު މުސާރައަކާއި އެކު އިސް އުފުލާލައި ރައްޔިތުންނާ ވާހަކަ ދެއްކޭނެ އެއްވެސް އިތުރު މެމްބަރެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

