ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 އަހަރު ކުރި ސިޔާސީ މަސައްކަތުގެ ތަޖުރިބާއާއި އެކު، ހަސަންގެ އަމާޒު ޑިމޮކްރެޓްސްގެ ރައީސްކަމަށް!

ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ހުށަހެޅުމަށް ފަހު ހަސަން ލަތީފް އިލެކްޝަންސް ކޮމިޝަނުގައި/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސް އަކީ ކުރިމަގު އުޖާލާ، ދިވެހި ރައްޔިތުންނަށް ބަދަލެއް ދައްކާނެ ޕާޓީއެއްކަމަށާއި ބޭނުން ވަނީ އެ މަސައްކަތުގައި ކާމިޔާބު ހޯދައިދޭންކަމަށް ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރި ހަސަން އަކީ، ޕާޓީގެ އެތެރޭގައި ދެ ރައީސުންގެ ދެމެދު ޖެހުނު މައްސަލައިގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ ހަސަން އަކީ އެ ޕާޓީގެ އިންޓަރިމް ޗެއާ އެވެ.

އަންނަ ހޮނިހިރު ދުވަހު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އޮތް އިރު، އިންތިހާބު ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ސަބަބާއި، ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން ހަސަން ލަތީފް ވަނީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވާފަ އެވެ.

2005 ވަނަ އަހަރު ވަރަށް ގިނަ އުންމީދުތަކާއި އެކު، ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދޭނެކަމުގެ ވައުދާއި އެކު އުފެދިގެން އައި އެމްޑީޕީގެ އަސްލު ގެއްލިގެން ދިއުމަކީ ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އުފައްދަން ޖެހުނު ސަބެބެވެ. ޕާޓީ އުފެއްދި އަސްލު މަގްސަދާއި ދުރަށް މަސައްކަތް ކުރަމުން ދާތީއާއި، ކުރިން ހިފެހެއްޓި އަސާސްތަކާއި ހަމަތައް ނުހިފެހެއްޓުމުގެ ނަތީޖާއަކީ މަދު މެމްބަރެއް ވެގެން އެހެން ސިޔާސީ ދައުރެއްގެ މަސައްކަތް ފެށުންކަމަށް ހަސަން ވިދާޅުވި އެވެ. އެހެންކަމުން ޑިމޮކްރެޓްސް އުފެއްދުމުގެ ބޭނުމަކީ ދިވެހި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެސްދީ، ޑިމޮކްރަސީގެ މަގުން ހިނގުންކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒު ކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ޑިމޮކްރެޓްސް އުފައްދައި ރަށްތަކުގެ ރައްޔިތުން ބާރުވެރި ކުރުވައި، ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ހޯދައިދިނުމަކީ އެއީ ޕާޓީގެ އެންމެ މުހިންމު މަގްސަދުކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންކަމުން މި ވިސްނުން ދަމަހައްޓައި ކުރިއެރުވުމުގައި ދެމި ހުންނަވަން ބޭނުން ވާތީ އާއި، އެކަން ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހުރުމަށް އޭނާއަކީ މިވަގުތު ހުރި އެންމެ ރަނގަޅު އެކަކުކަމަށް ގަބޫލު ކުރައްވާކަމަށް ހަސަން ވިދާޅުވި އެވެ.

ޑިމޮިކްރެޓްސްގެ ރައީސްގެ މަގާމަށް ހަސަން އާއި އެކު ވާދަކުރައްވައި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އެހެންކަމުން ހަމައެކަނި އެ ވިސްނުމަށް ބަލައި ވެސް އެއީ ދިމާވެދާނެ ގޮންޖެހުމެއްތޯ ސުވާލު ކުރުން ހަސަން ވިދާޅުވީ އެއީ އާންމުންގެ ހިޔާލަށް އަންނާނެ ސުވާލެއް ކަމަށެވެ. އެކަމަކު ޕާޓީއެއްގެ ހިންގުމުގެ ގޮތުން ބަލާއިރު އޭނާއަކީ އެ ތަޖުރިބާ ހުރި މީހަކަށް ވުމުން ޑިމޮކްރެޓްސްއަށް އެކަން މުހިންމުވާނެކަމަށް ދެކޭކަމަށް ހަސަން ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ތެރޭގައި ހަމަ އެންމެ ބޭފުޅެއް ވެސް ޝައްކު ކުރަައްވާނެކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.. މިވަގުތު ޕާޓީ ހިންގަން އެންމެ އިސްކޮށް ހުންނަން ވާނީ ސިޔާސީ ޕާޓީއެއް ހިންގުމުގެ.. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އުޅެފައި ހުރި.. ސިޔާސީ ތަޖުރިބާ ލިބިފައި ހުރި މީހަކަށް.. ދެން ސުވާލަކީ އެއީ ކާކުހެއްޔޭ.. ދެން އަޅުގަނޑަށް ޔަގީނަށް ދަންނަން ކެރޭ.. ރައީސް ނަޝީދު ނަންގަވާފަ.. މި ޕާޓީގެ ތެރޭގައި އަޅުގަނޑަށް ވުރެ ގިނައިން ސިޔާސީ މަސައްކަތެއްގައި ދެމި ހުރި މީހަކު މި ޕާޓީގެ ތެރެއަކު މަދުވާނެ.. ހިންގުމުގަ ވެސް.. 15 އަހަރު.. އެއީ 2008 ވަނަ އަހަރުން ފެށިގެން، އެހެން އެއްވެސް މަސައްކަތެއް ނުކޮށް.. މި ދެންނެވީ ސިޔާސީ ޕާޓީގެ މަސައްކަތެއް ނޫން މަސައްކަތެއް ނުކޮށް.. 15 އަހަރު ވަންދެން މި މަސައްކަތް ކުރި އެހެން މީހެއް ނުހުންނާނެ.. ދެން ވާދަކުރައްވާ ބޭފުޅާގެ ވާހަކަ އެހެން ދައްކަން ރަނގަޅެއް ވެސް ނުވާނެ.. އެހެންވީމަ އަޅުގަނޑު ބޭނުން ހަމަ އަޅުގަނޑުގެ ވާހަކަ ދައްކާލަން..

ހަސަން ވިދާޅުވީ ޕާޓީ ހިންގުމުގެ ތަޖުރިބާގެ އަލީގައި އޭނާއަށް ރަނގަޅު މަސައްކަތެއް ކުރެވޭނެކަމަށް ގަބޫލު ކުރާކަމަށެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި އިރު ވެސް އަބަދުވެސް ބެލީ ރައްޔިތުންނާއި އާންމު މެމްބަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށްކަމަށާއި، ޕާޓީއަށް ވެސް ކުރިއެރުންތައް ހޯދުމަށް ކަމަށެވެ. ޑިމޮކްރެޓްސްގެ ކުރިމަގު ވަރަށް އުޖާލާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، ސިޔާސީ މައިދާނަށް ވަކި ޕާޓީއެއްގެ ގޮތުގައި ނިކުތްތާ މާގިނަ ދުވަހެއް ނުވެ ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީ ގޯސްކަމަށް ބުނެވެން ނެތްކަމަށެވެ.

އެގޮތަށް ގަބޫލު ކުރާ ސަބަބެއްކަމަށް ހަސަން ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށްވެފައި ދެން ޑިމޮކްރެޓްސް އެހެން ޕާޓީތަކާއި ވާދަކުރުމެވެ. އެހެންކަމުން ރާއްޖޭގައި ސިޔާސީ ގޮތުން ތާއީދު ބޮޑުކަމަށް ނުވަތަ އެއީ ގޮތް ނިންމާ ޕާޓީތައްކަމަށް ދެކެމުން އައި ބައެއްގެ މަައްޗަށް ކުރި ހޯދީ ވެސް ޑިމޮކްރެޓްސްކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ މުޅި އިންތިހާބުގެ ނަތީޖާގެ ޖުމްލަ ވޯޓަކީ އެއީ އުންމީދު ކުރި އަދަދު ނޫންކަމަށާއި އެހެން ނަމަވެސް އެކަމަށް ހިތްހަމަނުޖެހުމެއް ވެސް ނެތްކަމަށެވެ.

އުންމިދު އޮތް ޕާޓީއެއް ކުރިއެރުވުމަށް ބޭނުންވާތީ، ހަސަން އެދިވަޑައިގަތީ ޕާޓީގެ މެމްބަރުން އޭނާއަށް ވޯޓު ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޕާޓީގެ ދުވަސްތިދިޔައީ. ފަނަރައަހަރު ކޮންކަމެއްކުރި ވާހަކަ މިކިޔަނީ. ކީއްވެ އެސްއެލްޕީ ކިޔުނުޕާޓީއަށް ވީގޮތް ނުޖެހީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: