ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ!

ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީ ތަކުގެ އެއްވުންތަކުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަޝްރަހުން މި ފެންނަނީ އާދައިގެ ކަންތައްތަކެއް ނޫނެވެ. ފެންނަ މަންޒަރުތަކާއި، ކަންހިނގާ މަގަށް ވިސްނާ ފިކުރުކުރާ މީހެއްގެ ސިކުނޑި ސުމަކަށް ދާ ވަރުވެއެވެ. ހަތުރުން މިތުރުންނަށްވެ، ދުޝްމަނުން ރަހުމަތްތެރިންނަށްވާތަންވެސް ފެނެއެވެ. އެކަމަކު މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހިނގާ ކަންކަމަކީ ހިތު ލަފަޔަކަށްވެސް އެއްޗެއް ބުނަންދަތި ކަންކަމެވެ. ދައްކާތީ އަޑުއިވެނީ އިންސާފު ޤާއިމްކުރަން ބަޔަކު މަސައްކަތްކުރާ ވާހަކައެވެ. އެކަމަކު އަމަލުން ފެންނަނީ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ބަޔަކު ހުދު ކަފަކޮޅަކަށް ބަދަލުވާތަނެވެ.

ޑިމޮކްރެޓިކް އުސޫލުން ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި އެންމެ ފަރަތަމަ ޤައިމްކުރެވިގެންދިޔައީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ރައްޔިތުން ވަރަށްވެސް ފޮނި އުއްމީދުގައި ވަނިކޮށް 2012 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ ވިންދާއެކު އެފެދިގެން އައި ސަރުކާރު ވައްޓާލިއެވެ. އޭރު ސަރުކާރު ހިންގި ޕާޓީ ފަހުން އިދިކޮޅު މައިޕާޓީ އެމްޑީޕީން ބުނަމުންދިޔައީ ބަޣާވާތެއް ކަމަށެވެ. ސަރުކާރު ވައްޓާލުމާއިއެކު އެކަމުގެ ފަހަތުގައި ތިބި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފެށިއެވެ. އިންސާފުގެ ދަތުރުގެ ގޮތުގައެވެ. ބަޣާވާތުގެ އެންމެ ކުރީގައި ތިބީ މީހުންގެ ލިސްޓެއް އާންމުކޮށް އެމީހުންގެ ނިތްކުރީގައި ބާޣީންގެ ލޭބަލް ތަތްކުރިއެވެ. ނަމަވެސް ފަހުން އެކަންވެސްވީ އަޖައިބެއްފަދަ ކަމަކަށެވެ.

އޭރު ބާޣީންގެ ލިސްޓު ވަރަށް ދިގެވެ. ޝޭޚް އިމްރާނާއި ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި،  އަބްދުﷲ ޝާހިދާއި، މިހެން ގޮސް ވަރަށް ދިގު ލިސްޓެކެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ހީނުކުރާފަދަ މަންޒަރުތަކެވެ. އިންސާފުގެ ދަތުރަށް ނުކުތް އޮޑީގެ ހުންގާނާއި ހަވާލުވެ ތިބީ އެއްކަލަ ލިސްޓުން ބައެކެވެ. ކުއްލިއަކަށް ބާޣީން ޣާޒީންނަށްވެ، ފަސްބައި ސާފުވިއެވެ. މާޒީ ފަހާ ދުވެގެން މުސްތަޤުބަލެއް ނުލިބޭނެ ކަމަށް ބުނަންފެށިއެވެ. މާޒީ ފަހާ ދުވެގެން މުސްތަޤުބަލެއް ނުލިބޭނެ ކަމަށްބުނާއިރު، އިންސާފު ވަކި ލިބޭނެ ހެއްޔެވެ. ވަރަށްވެސް ބޯޑު ޖޯކެކެވެ.

ދެން އޮތީ މިދާކަށް ދުވަހު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާދިޔަ އެފަދަ ކަމެކެވެ. މި ޤައުމުގައި ހުރި އެންމެ ކޮރަޕްޓް އެންމެ ނުރައްކާތެރި އެކަކަށް ވެގެން އުޅުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުދު ކަފަކޮޅަކަށް ވެގެންދިޔަތަނެވެ. ކޮރަޕްޝަނާއި ފަސާދައާއި ވައްކަމާއި، މިހެން ގޮސް އަދީބާއި ހަމައިން ނިމޭ އެތައް ކަމެއްގެ ވާހަކަތައް އިހަށް ދުވަހާއި ޖެހެންދެން އިވުނެވެ. ކޮންމެ ރެއަކު ކޮންމެވެސް ޓީވީއަކުން ނޫނީ ސިޔާސީ ޕޯޑިއަމަކުން އަދީބުގެ ވާހަކަ މެދުނުކެނޑި އިވިއިވި ހުއްޓެވެ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ގޮސް ނިމިފައި އޮތީ އަދީބާއި ހަމައިންނޭ ބުނެ ދެއްކި ވާހަކަތަކުގެ އަޑުތައް އަދި ވެސް ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ނަމަވެސް ކަންވެ ނިމިގެންދިޔައީ އެހެނެއް ނޫނެނެވެ.

ގައުމުގެ މުއައްސަސާތަކުން ލިބެން އޮތް ހުރިހައި ބާރެއް ލިބިވަޑައިގެން ރައްޔިތުންނަށް އިންސާފް ހޯދައިދީ ރައްޔިތުންގެ ބައިތުލް މާލުން ގެއްލުނު ފައިސާ ހޯދައިދޭން ވަޢުދުވި ޖަޒީރާ ރައީސް ދައުރު ނިންމަވާލެއްވީ ވަރަށް ވެސް މޮޅަށެވެ. ދައުލަތުގެ ބައިތުލް މާލުން އެންމެ ބޮޑެތި ވައްކަންކޮށް ޙިޔާނާތްތެރިވި މީހާގެ އަދަބު ލުއިކޮށްދީ ހުދުކަފަކޮޅަކަށް ހައްދަވާފައެވެ. ބަހާއި އަމަލު ދިމަލެއް ނުވިއެވެ.

ފަށަމުން ވެސް ފާހަގަކުރި ފަދައިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކަކީ އާދައިގެ ކަންތައްތަކެއް ނޫނެވެ. ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވަނީވެސް ހީނުކުރާ ފަދަ ބާރުމިނެއްގައެވެ. އެކަން މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުން ސާބިތުވާނެއެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނެ ރައީސް ނަޝީދުގެ ކަރުގައި ލާދީނީ ޓެގު އެޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއެވެ. ހަމަ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ރައީސް ސާލިޙް ޒިނޭ ކުރި ކަމުގެ ޓެގު އެޅުވީ ރައީސް ސާލިޙުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ކުރިން ހުންނެވި ރައީސް ނަޝީދު ކަމަށް ބުނާ މީހުން ވެސް ނުވަތަ ގަބޫލު ކުރާ މީހުން ވެސް މަދެއް ނޫނެވެ.

މިދެންނެވި ގޮތަށް ރައީސް އަބްދުﷲ ޔާމީންއަކީ ދިވެހިރާއްޖޭގެ ތާރީޙް ދެކެފައި ނުވާފަދަ ބޮޑެތި ވައްކަން ދިވެހި ދައުލަތުގެ ހަޒާނާއިން ކުރެއްވި ބޭފުޅެއް ކަމަށް ދިވެހިންނަށް ވިދާޅުވެ ދެއްވީ ރައީސް ޔާމީންގެ ފުރަތަމަ މިތުރު ޑރ މުހައްމަދު ޖަމީލް އަހުމަދުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑރ ޖަމީލް ރައީސް ޔާމީންއަށް ބޭވަފާތެރިވި ކަމަށް ނިންމައި އެކަހެރި ކޮށްލެއްވި ހިސާބަކީ ޑރ ޖަމީލްގެ ހަތުރަކަށް ރައީސް ޔާމީން ބަދަލުވި ހިސާބެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި ގުޅިގެން އެންމެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޑރ ޖަމީލްއެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އުފެއްދެވި ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކީ ޑރ ޖަމީލްއެވެ. މިއަދު ދައުލަތުން ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރ ކުރުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ތުހުމަތުކޮށް އުފުލި ދައުވާތައް ސާބިތުވެފައިވާއިރު އެ ތުހުމަތުތައް ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ކުރައްވާ ވާހަކަފުޅު ދެއްކެވީ ޑރ ޖަމީލްއެވެ. މިއަދު ރައީސް ޔާމީންގެ މިތުރެއްގެ ގޮތުގައި އިސް ވަކީލެއްގެ ގޮތުގައި އަދި ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ނަމަވެސް މިއީ ހަމަ ހަގީގަތެވެ.

ޑރ ޖަމީލް ރައީސް ޔާމީންގެ ހަތުރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވިދާޅުވެފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންއަށް މީހަކު ތާއިދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން ބާރުމިނެއްގައި ރާއްޖެއަށް ގެނެސްދިން ތަރައްގީއަކީ ފަސާދައާއި ކޮރަޕްޝަނެވެ. ވައްކަމާއި، އަނިޔާވެރިކަމެވެ. އަދި ރައީސް ޔާމީންގެ ވެރިކަމަކީ ދިވެހި ތާރީހް ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ގައުމަށް ބޭނުން ވަނީ ސާބިތު ކެރޭ ވެރިއެކެވެ. ނަމަވެސް ރައީސް ޔާމީންއަކީ އިންތިހާއަށް ފިނޑި ބޭފުޅެއް ކަމަށާއި، އެހެން ކަމުން ދިވެހި ރައްޔިތުން ވިސްނަންވީ ރައީސް ޔާމީންއަށް ދިވެހި ގައުމުގެ ހުންގާނު ހަވާލު ކޮށްގެން ތިބުމާއި މެދު ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް ސިފަ ކުރައްވާފައިވާ ގޮތުގައި ރައީސް ޔާމީން މަސައްކަތް ކުރެއްވީ ވަގު ބުޅާ ވަދެ މަސް ގަނޑު ޖަހައިގަންނަ އުސޫލުންނެވެ. އެއްވެސް މީހަކަށް ވާދަ ކުރުމުގެ ފުރުސަތު ނުދެއްވައެވެ. ހަމައެހެންމެ ރައީސް ޔާމީންގެ ދެކަނބަލުން ދިވެހި ދައުލަތުގެ ހަޒާނާއި ދިވެހި ތާރީޙް ދެކެފައި ނުވާފަދަ ބޮޑެތި ވައްކަން ކޮށް ދަބަސް ދަބަހުގައި ގެކޮޅަށް ފައިސާ ވެއްދި ވާހަކައާއި މި ނޫން އެތައް ބޮޑެތި ޖިނާއީ ކުށްތަކެއް ރައީސް ޔާމީން ކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ޙާއިނެއްގެ ލަގަބް ދެއްވީ ޑރ ޖަމީލްއެވެ.

ނަމަވެސް މިއަދު މަންޒަރު މުޅިން ތަފާތެވެ. މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ރައީސް ޔާމީނަށް ޣައްދާރުވި ބަޔަކަށް ވެއްޖެއެވެ. ރައީސް ޔާމީންއަކީ ތެދުވެރި އަމާނާތްތެރިއަކަށް ޑރ ޖަމީލްއަށް ވެއްޖެއެވެ. ޑރ ޖަމީލް ވަގެއް ކަމަށް ވިދާޅުވި ޔާމީން އަކީ ވަގެއް ނޫން ކަމަށް ވެސް ވިދާޅުވަނީ ހަމަ ޑރ ޖަމީލްއެވެ. ރައީސް ޔާމީންއަށް މިއަދު ޑރ ޖަމީލްހާ ތެދުވެރި އަމާނާތްތެރިއަކު ނެތެވެ. އަޖައިބެއް ފަދަ ކަމެކެވެ.

ހަގީގަތަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ސިޔާސީ ގޮތުން ވަކި ކަމެއްއް ހާސިލް ކުރަން ބޭނުންވީމާ ވައްކަން ވެސް އޯކޭއެވެ.  ޙިޔާނާތްތެރިޔާ އަމާނާތްތެރިއަކަށް ބަދަލުވެއެވެ. ބާޣީން ޣާޒީންނަށްވެ ޣާޒީން ބާޣީންނަށް ވެދެއެވެ. މުސްކުޅިން ބުނެއުޅޭ ފަދައިން ގެންދަވަނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: