ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރާއްޖެތެރޭ މީހާ، މާލޭ މީހާ” ގޯއްޗާއި ފުލެޓަށް ސަލާން ޖެހުމުގައި!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓުތައް - ފޮޓޯ/ މިހާެރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުދި ޖަޒީރާ ރައްތަކުގެ ހިތްގައިމު ފަސޭހަ ދިރިއުޅުން ދޫކޮށްލާފައި މާލެ އަންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަމިއްލަ ރަށުގައި އަމައްލަ ގޭގައި، އާއިލާއާއިއެކު ދިރިއުޅުމަކީ ލިބޭނެ އުފަލެކެވެ. ތަނަވަސް ބޮޑު ގޯތީގައި އަރާމު ދިރުއުޅުމެއް އުޅުމަކީ އެއީ ކޮންމެ މީހެއްގެވެސް ހުވަފެނެވެ. އެކުގައި އުޅޭ ރައްޓެހިންނާއެކު ގަސްދޮށުގައި ހުންނަ ޖޯލިފަތިތަކުގައި ވާހަކަދައްކާލަން ތިބުމަކީ ހިތަށް ލިބިގެންދާނެ ހިތްހަމަ ޖެހުމެކެވެ. ހަވީރު ގަޑީގައި ނަލަ ހެދިލައިގެން ރަށުތެރޭގާހިނގާލަން ގޮސް އުޅުނު ހަނދާން ނެތޭނީ ކިހިނެއްތޯއެވެ؟ ބަންދު ދުވަހެއް އައިއްސިއްޔާ ހިސާބުގަނޑު އެންމެން ކައްކައިގެން ދަތުރުދާއިރު އާއިލާ މީހުން ނޫނަސް އެފަދަ ގާތް ގުޅުމެއް އޮންނަނީ އުފެދިފައެވެ. ނަމަވެސް މިހުރިހާކަމެއް ދޫކޮށް މާލެ އަންނަން ޖެހޭ ޖެހުމަށް އޭރުވެސް މިއަދު ބަދަލެއް ނާދެއެވެ. ދައުލަތުގެ ބަޖެޓު 50 ބިލިޔަނަށް އެރިއިރުވެސް ވީކަމެއް ހަމަ ހަރާމެވެ.

މިއުޅެނީ ދަރަނި ބޮޑު ބަޖެޓުގެ ވާހަކަ ދައްކާކަށް ނޫނެވެ. ދައްކަނަ މިއުޅެނީ ރާއްޖެތެރޭ މީހާ މާލެ އަންނަ ވާހަކައެވެ. “ރާއްޖެތެރޭ” މީހާ މާލެ އައުމަށް މަޖުބޫރުވަނީ ގިނަ ސަބަބުތަކާއި ހުރެއެވެ. އެންމެ އަސާސީ ބޭނުންތަށް ފުއްދުމަށް ޒަމާނުއްސުރެ މާލެ އައުމަށް ވަނީ މަޖުބޫރުވެފައެވެ. ބޭސްފަރުވާ އާއި ތައުލީމު އުނގެނުމަށެވެ. އަނބިދަރިންނަށް ކާން ދިނުމަށް ވަޒީފާއެއް އަދާ ކުރުމަށްޓަކައެވެ

ތައުލީމު ޙާސިލް ކުރަން މާލެއައިސް ނުވެސް ދަންނަ ބައެއްގެ ތެރޭގައި އުޅޭމީހުންވެސް އެބައުޅެވެ. ކުދިން ބަހައްޓާ ގެއެއްގައި 3000 ރުފިޔާ ދީގެން ކުދިން އެބައުޅެއެވެ. ލޯބިވާ މަންމަ އާއި ބައްޕައާއި އާއިލާ މީހުން ދުރުގައި އެކަނި ދިރިއުޅޭ ކުދިން މަދެއް ނޫނެވެ. މާލެ އައިސް އަލިފާންފޮއްޓެއްގައި ދިރިއުޅޭ މީހުންވެސް މަދެއް ނޫނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައަދަދަކަށް މާލެއަށް މީހުން އަންނަނީ ތައުލީމު ޙާސިލް ކުރާށެވެ. ސުވާލަކީ އެ ބުނާ “ރާއްޖެތެރޭގައި” އެ ފުރުސަތު ކުދިންނަށް ނެތީތޯއެވެ؟ ނުވަތަ އެ ފުރުސަތު ފަހިކޮށް ނުދެނީތޯއެވެ.

ކިޔަވަން ބަލާއިރު އާބާދީ ބޮޑު ރަށްރަށުގައި، މިސާލަކަށް އައްޑޫ ސިޓީ ފުވަމުލަށް، ލ.ގަން، ގދ. ތިނަދޫގައި ސާނަވީ ތައުލީމު މާލެއެކޭ އެއް ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މަތީ ތައުލީމު ޙާސިމް ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އެމްއެންޔޫއާއި އެކި އެކި ކޮލެޖުތަކުގެ ބްރާންޗްތަށް އެ ރަށްރަށުގައި އެބަހުއްޓެވެ. އަދި އެތަންތަނުގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންވެސް މަދެއް ނޫނެވެ. ނަމަވެސް އަދިވެސް އަތޮޅުތެރޭގައި ގްރޭޑް 7ގެ ފެންވަރާ ހަމައަށް ކިޔަވައިދޭ ރަށްރަށް އެބަހުއްޓެވެ. ސިޓީތަކުންނާއި ރަށްރަށުން މާލެ އަންނަނީ އެ ޔުނިވާސިޓީތަކުން އެންމެ ބޭނުންވާ ފެންވަރަށް ތައުލީމު ހާސިލް ނުކުރެވޭތީއެވެ. ރަށްރަށުގައި ގާއިމް ކޮށްފައިވާ ޔުނިވާސިޓީގެ ގޮފިތަކުގައި މާލެއާއި އެއްފެންވަރެއްގެ ވަސީލަތްތައް ގާއިމް ކޮށްފައި ނުވާތީއެވެ. މިއީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ހަމަހަގީގަތެވެ.

މާލެ އަންނަނީ ވީހާލެއްގެ ވާން ކޮންމެ ގޮތެއް ހެޔޮ ކަމަށް ހިތަށް އަރުވައިގެން ތައުލީމު ހާސިލް ކުރުމަށެވެ. ދަރިންނަށް އާއިލާއަށް ފަހި މުސްތަގުބަލެއް ހޯދުމަށެވެ. މައްސަލައެއް ނެތެވެ. ދެން އެހެންވީރު ކިޔަވައި ނިމުމަށްފަހު އެނބުރި ރަށަށް ނުދަނީ ކީއްެގެންތޯ މިއީ އުފެދޭ ސުވާލެކެވެ. މާލެއަށް އައީ ތައުލީމު ހާސިލްކުރަން ކަމަށްވާއިރު ކިޔަވާ ނިމުމުނު އިރުވެސް އަދިވެސް ރާއްޖެ ތެރޭ މީހާ އުޅެނީ މާލޭގައެވެ. ވަޒީފާވެސް މާލެގައެވެ.

ތެދެކެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅާ ހަމައަށް ދާންދެންވެސް އުގެނެންވާނެއެވެ. ހޯދުނު ތައުލީމެއް ހޯދަން ވާނެއެވެ. ނަމަވެސް އޭގެ މާނަ އަކީ އެކަން ހާސިލް ކުރުމަށްޓަކައި މާލޭގައި ވަޒަންވެރިވެގެން އުޅެންވީތޯއެވެ؟ އަމިއްލަ ރަށުގައި އަމިއްލަ ފަސްގަނޑުގައި އެ ފުރުސަތު ނޯންނަންވީ ކީއްވެތޯއެވެ؟ ޖަވާބު ވަރަށް ވެސް ސާފެވެ. “ރަށަށް ގޮސްގެން ވަކި ކީއްކުރާނީ؟” މިއީވެސް ބޮޑު ސުވާލެކެވެ. ރަށަށް ގޮސް އަދާކުރާނެ ވަޒީފާއެއް ނެތީތޯއެވެ؟. ރަށަށް ގޮސްގެން ކުރިމަގެއް ފެންނާކަށް ނެތީތޯއެވެ؟. ކުރިމަގު ހޯދޭނެ ގޮތެއް ވެސް ހަމަ ނެތީތޯއެވެ. ޖަވާބު ވަރަށް ވެސް ސާފެވެ. ނެތީއެއް ނޫނެވެ.

ރަށް ރަށުގެ އޮފީސްތަކުގައާއި ކައުންސިލް އިދާރާތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ބްރާންޗް ތަކުގައި ވަޒީފާގެ ފުރުސަތުތަށް ބައިވަރެވެ. ސިޓީތަކުގައި އެތަށް ވިޔަފާރިތަކެއް ފުޅާވެގެން އަންނައިރު ޒުވާނުންނަށް އެތަށް ފުރުސަތުތަކެއްގެ ދޮރު ވަނީ ހުޅުވިފައެވެ. ޒުވާނުންގެ އެންމެ ބޮޑު ހިިއްސާއެއް އޮންނަ ޓުއަރިޒަމް ދާއިރާ ކުރިއަރާ ލޯކަލް ޓުއަރިޒަމް އަތޮޅުތެރެއަށް ފުޅާވެގެން އަންނައިރު މިހާރުވެސް އެތަށް ޒުވާނުންނެއް އަމިއްލަ ރަށުގައި ކުދި ވިޔަފާރިތަށް ކުރަމުން އެބަ އާދެއެވެ. މިހެން ބުނާއިރު މިފަދަ ކަމެއް ފެށުމަކީ ފަސޭހަ ކަމެއް ނޫންކަން ވެސް އެނގެއެވެ. ހަމަ ހުރެލާފައި ވަޒީފާއެއްވެސް ނުލިބޭނެއެވެ. އަދި ވިޔަފާރިއެއްވެސް ނުފެށޭނެއެވެ. ނަމަވެސް މި ބޮޑު މާލޭގައި އެކަން ކުރުމަށް ރަށްރަށުގައި މަސައްކަތް ފެށުން މާ ބުއްދިވެރިއެވެ.

މާލެއިން ވަޒީފާއެއް ހޯދުމުގެ ބަދަލުގައި ތިމާ އަމިއްލަ ރަށަށް ޚިދުމަތް ކޮށްދިނުމަށް މަސައްކަތް ފަށަމާތޯއެވެ؟ ވަޒީފާއަށް ގޮސްގެން ލިބޭ މަދު ލާރިކޮޅު ކުއްޔަށާއި ބިލުތަކަށް ތަޅާ ހުސްކުރަން މާލޭގައި ތިބެން ވީތޯއެވެ؟ ފުރުސަތު ލިބޭނީ ފުރުސަތެއް ހޯދީމައެވެ. އޭރުން ހަމަ ގައިމުވެސް މާލެ މީހާއާއި ރާއްޖެތެރެ މީހާގެ ޒުވާބަށް ނިމުމެއް އައިއިސް ރާއްޖެތެރޭ މީހާ މާލެ މީހާ ފުލެޓަށް، ގޯއްޗަށް ސަލާން ޖަހަން ޖެހޭ ޖެހުމަށް ވެސް ނިމުން އައުގާތެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 14%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: