ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފެހި ފޮތުން” ލިބުނު އެއްވެސް ފެހިކަމެއް ހަމަ ނެތެވެ!

ދިވެހި ރާއްޖޭގެ ފެހި ގާނޫނު އަސާސީ، ތަސްދީގުކުރެވުނީ 7 އޮގަސްޓް 2008 ގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރާ މި ދަތުރުގައި ދިވެހިންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ މިހާރު އަމަލު ކުރަމުންމިދާ ފެހި ގާނޫނުއަސާސީއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިދެންނެވި އަގުބޮޑު ހަދިޔާ ދިވެހިންނަށް ލިބިގެންދިޔައީ މީގެ 15 އަހަރު ކުރިން އާދެ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ދުވަހުއެވެ. އެ ދުވަހަކީ  ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް މުޅިން އަލަށް ގެނެވުނު ގިނަ ބަދަލުތަކަކާއެކު، ޤާނޫނުއަސާސީ ތަސްދީގު ކުރެވުނު ދުވަހެވެ. އެއްބަޔަކުގެ ވާހަކައިން މިއީ އިސްލާހުކުރެވުނު ގާނޫނުއަސާސީ އެވެ. އަނެއްބައެއްގެ ވާހަކައިން މިއީ އާ ގާނޫނުއަސާސީ އެވެ.

މިއަދު އަމަލު ކުރަމުން މިދާ ފެހި ގާނޫނުއަސާސީއަށް 15 އަހަރު ފުރި 16 ވަނަ އަހަރު ގުނަމުންދާއިރު މި ފެހި ފޮތުގެ ހިޔާވަހިކަން ހޯދުމަށް ފަސް ވެރިން އިންތިހާބުކޮށްފިއެވެ. މިއަދު އަޅުގަނޑުމެން 2023 ވަނަ އަހަރަށް އަލްވަދާޢު ކިޔައި 2024 ވަނަ އަހަރަށް މަރުހަބާ މިކިޔަނީ މި ފެހި ފޮތުގެ ހިޔާވަހިކަމުން އިންތިހާބު ކުރި އައު ވެރިއެއްގެ އަތުގައި ހިފައިގެން އައު އުންމީދުތަކަކާއިއެކުގައެވެ.

ފެހި ފޮތުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފަސް ވަނަ ވެރިއެއްގެ އަތުގައި ހިފައިގެން އަޅުގަނޑުމެން ހިނގަން ފަށާފައިވާއިރު މި ގާނޫނުއަސާސީ ތަސްދީގް ކުރައްވައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅަށް ބަލާލުމަކީ ކޮންމެހެން ކުރާން ޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ.

ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ދަރުބާރަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން ތިއްބެވީ، ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ ބަލައިގަތުމަށް ކަމަށެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން، ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް އުފަންކުރުމަށް ކަމަށެވެ. ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ މުޅިން އާ ދައުރަކަށް ފަށާފެށުމަށް އިސްތިޤްބާލު ކުރުމަށް ކަމުގައެވެ.

ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ މުޅިން އާ ދައުރެއް ފެށުމަށްޓަކައި ގާނޫނު އަސާސީ އިސްލާހުކުރެވި، ތަސްދީގުކުރެވި 15 އަހަރުވެ ފެހި ގާނޫނުއަސާސީގެ ދަށުން ފަސް ވަނަ ވެރިއެއް އިންތިހާބު ކޮށްގެން ތިބިއިރު ދައުލަތް ހިންގުމުގައި ނުވަތަ ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތީ ކިހާމިންވަރަކަށްކަން މިއީ މިއަދު ކުރާން ޖެހިފައިވާ ބަހުސެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ރައްޔިތުންނަށް ލިބިފައިވަނީ ކިހާ މިންވަރަކަށްތޯ މިއީ ވެސް މިއަދު ކުރާން ޖެހޭ ބަހުސްއެއް ކަމަށް އަޅުގަނޑު ދެކެމެވެ.

2008 ވަނަ އަހަރު ތަސްދީގުކުރެވުނު  “ފެހި” ގާނޫނުއަސާސީގެ ސަބަބުން ސިޔާސީގޮތުން އައި އެންމެ ބޮޑު އެއް ބަދަލަކީ ވެރިކަން ހިންގުމާއި، ދައުލަތުގެ އަދި ގައުމުގެ ކަންކަން ނިންމުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާބަޔަކަށް ދިވެހި ރައްޔިތުން ވެގެންދިއުމެވެ. ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ސަރީހަ އިބާރާތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިންކަމަށާއި އެންމެހާ ބާރުތައް ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ ކިބައިގާކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ މާނައަކީ ދައުލަތުގެ ކަންކަން ހިންގުމަށް ރައްޔިތުން މަތިކޮށްފައިވާ ފަރާތްތަކަކީ ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ބައިވެރިވުން އޮވެގެން މެނުވީ ކަންކަން ނިންމުމުގެ ބާރު އޮތް ބައެއް ނޫންކަމެވެ. ސިޔާސީ، އިޖްތިމާޢީ އަދި އިގްތިސާދީގޮތުން ގައުމުގެ ކަންކަން ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެންމެހާ ފަރާތްތަކަކީ ރައްޔިތުންގެ ހާދިމުންނެވެ. އެއީ ހުރިހާ ރައްޔިތުން ހިމެނޭގޮތަށް ގާނޫނުއަސާސީގެ ބާރު ލިބިގެން އުފައްދާފައިވާ ދިވެހި ދައުލަތުގެ ރައުސުލްމާލުން މުސާރަދީ، ހުރިހާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު، ރައްޔިތުންނަށް އެންމެ މަންފާކުރާނޭގޮތަށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކެވެ.

މިއަދު ދިވެހި ދައުލަތުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ދައުލަތުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ދައުރުގެ މުހިންމުކަމުގެ ވާހަކަ ގާނޫނުއަސާސީގައި ކަޅާއިހުދުން ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް، ސުވާލަކީ ހަގީގަތުގައިވެސް ދިވެހި ދައުލަތުގެ ކަންކަން ނިންމުމުގައި ރައްޔިތުންނަކީ އެހާ މުހިންމު ބައެއްގެ ގޮތުގައި ދެކޭތޯ ކުރެވޭ ސުވާލެވެ؟ ނުވަތަ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އެވާ މަފްހޫމަކީ ވެރިކަމުގައި ތިބި ފަރާތްތަކުން ގަބޫލުކުރާ ކަމެއްތޯ ކުރެވޭ ސުވާލެވެ؟ މި ސުވާލުތަކަށް ވަކި ޖަވާބެއް ދިނުމުގެ ބަދަލުގައި ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ މަސްރަހުން ފާހަގަކޮށްލެވުނު ބައެއް ކަންކަމަށް އަލިއަޅުވާލުމަކީ ކޮންމެހެން ވެސް ކުރާން ޖެހޭނެ ކަމެކެވެ.

2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގުކުރެއްވި މިހާރު އުވާލެވިފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގިނަބައެއް އެގާނޫނަކާމެދު ނުހަނު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރި ގާނޫނެކެވެ. މަޖިލީހުން މިގާނޫނާ މެދު ބަހުސްކުރަމުން ދިޔަ ވަގުތުގަޔާ ގާނޫނު މުރާޖާކުރުމަށް ކޮމިޓީއަށް ފޮނުވި ހިސާބުންވެސް، އާންމު ރައްޔިތުންނާއި، ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުން ދިޔައީ މިގާނޫނުގެ ސަބަބުން ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި މީޑިއާގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއްކުރިމަތި ކުރުވާނެ ކަމުގައި ބުނަމުންނެވެ.

ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އެނގިތިބެމެ، ދިވެހި ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލުމުގެ މަސްއޫލިއްޔަތު މަތިކޮށް މަޖިލީހަށް އިންތިހާބުކޮށްފައިތިބި މެމްބަރުން މިކަމުގައި ރައްޔިތުންނާ ނުވަތަ މަދަނީ ޖަމިއްޔާތަކާވެސް އެއްވެސް މިންވަރެއްގެ މަޝްވަރާއެއް ކުރުމެއްނެތި މި ހުރި ކަންބޮޑުވާކަންކަން ހަމަ އެގޮތަށް ބޭއްވުމަށްފަހުވަނީ ބިލް މަޖިލީހުން ފާސްކޮށްފައެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ. ލިބުނު ގެއްލުމުގެ ބަދަލެއް ވެސް ލިބުނީއެއް ނޫނެވެ.

ފެހި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި  މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ހަގީގަތަކީ މިއީ ހަމައެކަނި ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ބަސްކޮޅެއް ކަމެވެ. މި ހައްގު ދިވެހިންނަށް ލިބެނީ އެކިއިރު އެކިވަރަށެވެ. މި ހައްގު ލިބުން ގުޅިފައި ވަނީ އެ ވަގުތެއްގައި ރާއްޖޭގައި ވެރިކަން ކުރަމުންދާ ސަރުކާރަކާއިއޭ ބުނުން ގޯހަކަށް ނުވާނެއެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ހަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ. ނަމަވެސް މިއީ ވެސް މަދުން ނޫނީ ކަށަވަރު ނުކުރެވޭ ހައްގެކެވެ. މި ހައްގުގެ ބޭނުން ކޮށްގެން ޖަލުގެ ގޮޅިއަށް ދާން ޖެހުނު މީހުން މަދެއް ނޫނެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި އިހްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތްހުއްޓައިލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވެއެވެ. ނަމަވެސް މި ހައްގަކީ ވަަރަށް ބޮޑަށް ހަނިކޮށްފައިވާ ހައްގަކަށްވާއިރު ގިނަފަހަރަށް މި ހައްގުގެ ބޭނުން ކުރުމުން ވަޒީފާ ގެއްލޭ ކަމީ މިއަދުގެ ހަގީގަތެވެ. ހަމައެހެންމެ  ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް އެ ހައްގު މިހާރު އޮތީ ކުޑަ ގޮޅިއެއްގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

މުޅި ދިވެހި ގައުމާއި ދިވެހި ހުރިހާ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން ނިންމިއިރު ހޭވެސް އަހާލާފައެއް ނުވެއެވެ. ދިވެހި ކަނޑުން ބައެއް ގެއްލުނުއިރު ދިވެހިން ތިބީ ވާނުވާގައެވެ. ދިވެހި ބިން ދިވެހީންގެ ހުއްދަ އެއް ނެތި އުމުރަށް ބިދޭސީންނަށް ދެމުންދާއިރު ދިވެހިން ތިބެނީ ވާނުވާގައެވެ. ނަމަވެސް ފެހި ގާނޫނުއަސާސީ ބުނާ ގޮތުން ދައުލަތުގެ ކަންކަން ނިމިގެންދާއިރު އެކަން ހިނގާދިޔަ ގޮތް އެއީ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމެކެވެ. އެއީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރެއިން މަދު ހައްގެއް ނޫނީ ލިބިފައިނުވާކަމެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ފުރިހަމައަށް ރައްޔިތު މީހާއަށް ލިބިދެވޭތޯ ކަށަވަރު ކުރަން ޖެހޭ ފަރާތަކީ އެ ވަގުތެއްގައި ދިވެހި ދައުލަތް ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރީއްޔާއެވެ.

ނަމަވެސް ހިތާމައާއިއެކު ދަންނަވަން ޖެހެނީ ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ގާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަން ކުރެވިފައި ނުވާ ކަމެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގު އެއްވެސް ވެރިއަކަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމެވެ. ހަގީގަތަކީ ފެހިކަން ހޯދުމުގެ އުންމީދުގައި ހޯދި ފެހި ފޮތުން ލިބުނު އެއްވެސް ފެހި ކަމެއް ހަމަ ނެތެވެ. ކުރެވެން އޮތް ހަމައެކަނި ކަމަކީ އުންމީދު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: