ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ތުހުމަތުގައި ތިބި މީހުންގެ ޝަރީއަތްތައް ނިމި ހުކުމެއް ނުކުރެވި؛ އެމީހުންގެ ހައްގު ކޮބާ؟

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީ ތަސައްވަރު ކުރަނީ ކޮންމެ މީހަކީވެސް ހަމަހަމަ މީހެއްކަމަށާއި އަދި ކޮންމެ މީހަކަށްވެސް ހައްގުތަކެއް ލިބިދޭކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާން ކުރަނީ ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށެވެ. އަދި ގާނޫނުގެ ރައްކާރެތިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ.

ކޮންމެ މީހަކީ ހަމަހަމަ މީހެއްކަމަށް ބުނެ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކުގެ އިތުރުން ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކާއި، ބަންދެއްގައި ހުންނަ މީހަކާއި އަދި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށްވެސް ގާނޫނު އަސާސީން ހައްގުތަކެއް ކަނޑައަޅައިފައިވެއެވެ. އަދި ކޯޓު އަމުރަކުން ހުއްދަ ލިބިގެން މެނުވީ މީހަކު ހައްޔަރުކޮށް ނުވަތަ ބަންދު ކޮށްގެން ނުވާނެ ކަމަށާއި ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނާ ކަންކަން ފިޔަވާ އިތުރު ގޮތަކަށް މީހަކު ހިފާ ހައްޔަރު ނުކުރެވޭކަމަށް އެ މާއްދާގައި ބުނެއެވެ.

އެހެންކަމުން އަދުލު އިންސާފު ގާމު ކުރުމުގައިވެސް ކޮންމެ މީހަކަށްމެސް ހައްގުތަކެއް ލިބިގެންވެއެވެ. އަދި ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތައް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއިއެކު ގާނޫނު އަސާސީގެ 7 ވަނަ މާއްދާ ބުނާގޮތުން ނަމަ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.

ކުށެއްގެ ތުހުމަތުގައި ހުންނަ މިހެއްގެ ޝަރީއަތްތަށް އަވަސް ގޮތެއްގައި ނިންމުމަށް ގާނޫނު އަސާސީ އާއީ ޖިނާއީ އިޖުރާތުގެ ގާނޫނުވެސް ބާރުއަޅައެވެ. އެހެންކަމުން ގާނޫނު އަސާސީގެ 50 ވަނަ މާއްދާގައި ބަޔާންކުރަނީ ކުށެއްކޮށްފިކަމަށް ތުހުމަތުކޮސް ތަހުގީގުކުރާ ފަރާތަކަށް މައްސަލައެއް ހުށައެޅުމުން ލަސްނުކޮށް އެ މައްސަލަ ތަހުގީގުކޮށް ނިންމާންވާނެކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައިވެސް ޝަރީއަތެއް ކުރިއަށް ގެންދާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

މިހެން ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އަމަލީގޮތުން ކުރަމުންއަންނަ މަސައްކަތަކީ ފަހަރެއްގައި ދެލިކުރެވުފައިވާ އެއްޗަކާއި ގުޅުމެއް ހުރި ކަމަކަށްވީ ނަމަވެސް އެއީ އެކަން ހިނގަންޖެހޭ އުސޫލެއް ނޫނެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ ގަނޫނުގައި ވާގޮތަށް ތަންފީޒު ކުރެވެން ޖެހޭނެ ކަންކަމެވެ. އެހެން ނަމަވެސް މިއަދު ޝަރުއީ ނިޒާމު ބަލިކަށިވެފައިވާ ވާހަކަ ދެއްކުމުން ހަމަ އެކަނި ލިބޭ ޖަވާބަކީ ކޯޓުތަކުގައި ވަސީލަތް ނެތުމުގެ ވާހަކައެވެ.

އެހެންނަމަވެސް ހައްޔަރު ކޮށްފައިވާ މީހާގެވެސް ހައްގުތަކެއް ވާކަން ގާނޫނުން އެގެން އޮތް އިރު އެ ހައްގުތަށް ނިގުޅައިގަތުމަށް ކޯޓުތަކުގެ ވަސީލަތްތަށްނެތޭ ބުނުމަކީ މިއަދު ދެއްކޭނެ ހުއްޖަތެއް ނޫނެވެ. ކުށެއްގެ ތުހުމަތުގައި ހުރި މީހެއްގެ ޝަރީއަތް ނިމިގެން ހުކުމް ނުކޮށް އެތަށް ދުވަހެއް ނުވަތަ އަހަރެއް ވެގެން ދާއިރު އެމީހާގެ ހައްގުތަކުގެ ވާހަކަ ނުދައްކަންވީ ސަބަބެއްވެސް ނެތެވެ. އެކުށުގެ ހައްގު އަދަބަށްވުރެ ގިނަ ދުވަސް ބަންދެއްގައި ހުރުމުން ހަމައެކަނި ދައްކުވައިދޭ މަންޒަރަކީވެސް ޝަރުއީ ނިޒާމް ބަލިކަށިވެފައިވާ މިންވަރެވެ. މީހެއްގެ ހައްގުތަކެއް ނިގުޅައިގަންނަން އެ ފުރުސަތު ފުރިހަމައަށް ހުޅުވާލެވިފައި ވާއިރު ފެންނަމުންދާ މަންޒަރަކީ ކަމާބެހޭ ފަރާތުންވެސް އެދެވޭ މަސައއްކަތެއް ނުކުރާ މަންޒަރަވެ.

ކުށެއްކޮށްފައިވާ މީހަކަށް އަދަބު ލިބެންޖެހޭ މިންވަރަށްވުރެ ގިނަ ދުވަހު ބަންދުގައި ހުރުމާއި، ޝަރީއަތް ފެށޭނެ ދުވަސްތަށްނޭންގި ކޯޓުތަކުގައި މައްސަލަ ފުނިޖެހުން ފަދަކަންކަމުގެ ސަބަބުން ޝަރުއީ ނިޒާމުން މީހަކަށް އިންސާފެއް ނުވަތަ މީހެއްގެ ހައްގެއް ކަށަވަރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ރައްޔިތުން ގިނައެވެ.

ކޯޓުތަކުގައި ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމުނު ނަމަވެސް މައްސަލައިގައި ހުކުމެއް ނުކޮށް ގިނަ ދުވަސްތަކެއް ވެގެން ދަނީ މައްސަލަ ތާވަލު ނުކުރާތީއެވެ. 10 އަހަރު ނުވަތަ 11 އަހަރު ފަހުން މައްސަލަ ތަކުގެ ހުކުމް ކުރާ ކަމަށް އެކި ނޫސް ތަކުގައި ޝާއިއު ކުރަމުންދާ މަންޒަރުވެސް ދެކެމެވެ. އެ ވަހާކަތަކަކީ މިއަދު ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ފޭރާން އަލުން އާކުރަން ޖެހިފައިވާ ކަމުގެ ފުރިހަމަ ހެއްކެކެވެ. އެމީހަކަށް ލިބެންޖެހޭ ހައްގު އަދަބަކީ އެމީހަކު ކުރި ކަމެއްގެ އަދަބުުގައި ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރެވެ. އަދި އެމިންވަރަށްވުރެ އިތުރަށް އެންމެ ދުވަހެއްވެސް އެ ކަމުގައި އެމީހަކު ތަހައްމަލު ކުރަން ޖެހުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތަށް ހަނިވެގެން ދާކަމެކެވެ.

ޝަރުއީ ނިޒާމަކީ އަވަސް ފަރުވާއެއް ބޭނުންނެފައިވާ ނިޒާމަކަށް ވާއިރު މިކަމާ މެދު ވަކާލާތުވެސް ކުރަނީ މަދު މީހެކެވެ. މިއަދު މި މުޖުތަމައު އަމާން ސުލްހަވެރި، އަދުލު އިންސާފު ގާއިމުކުރާ ތަނަކަށް ހެދުމަށްޓަކައި ބޭނުން ވަނީ އުމްރާނީ ތަރައްގީ އެއްނޫނެވެ. ޝަރުއީ ނިޒާމަކީ ވަރުގަދަ ވަކި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކަށް ހެދުމަށް ފައިތިލަ ސާބިތުކުރުމަކީ އެންމެ މުހިންމު އެއްކަންކަމުގައިދެކެމެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: