ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރިކުރުމަށް ނިންމައިފި

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަޙައްދާއި ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ މިކަމަށް ބޭނުންވާ ތައްޔާރީތައް ސްޓެލްކޯއާއެކު މިހާރު ވަމުންދާކަމަށެވެ. އަދި މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރުމިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމުމަށް ހަމަޖައްސާފައިވާކަމަށެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ސްޓެލްކޯ ގެ މެނޭގިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ގެ އިތުރުން ދެ މުއައްސަސާގެ ކަމާބެހޭ އިސްވެރިން ބައްދަލު ކުރައްވައި މި މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އެ ދެ މުއައްސަސާގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައްވެސް ހިމެނޭ ޚާއްޞަ ކޮމިޓީ އެއްގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފުޅާކޮށް، ހާއްސަކޮށް ތަރިކަ ޙިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ ފަންނީ ދައުރު އިތުރުކުރުމަށް ތަރިކައާ ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށްފައި ވެއެވެ.

ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމަކީ ސްޓެލްކޯ ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތަކަށް ވާއިރު، މިއަހަރު ފަށާ މި ޚާއްޞަ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެތަނުގައި ކުރަން ހުރި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއި، ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރ ނެގުމާއި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. މި މަސައްކަތްތައް ކުރާނީ ސްޓެލްކޯގެ ޚާއްޞަ ފަންނީ ޓީމަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: