ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސްފުޅު މަދު އަމަލުފުޅު ގިނަ ލީޑަރު!

ރައީސް ޑރ މުހައްމަދު މުއިްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ އައު ދައުރެއް ފެށުމާއިއެކު ގިނަ ބައެއްގެ ލޯތަށް އަމާޒްވެފައި ހުންނަނީ ވެރިކަމާ ހަވާލުވި މީހުން ވެރިކަމަށް އައުމަށް ވީ ވަޢުދު ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ. ހާއްސަކޮށް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ވަޢުދުވާ ކަންކަން ވަގުތުން ވަގުތަށް ، ދުވަހުން ދުވަހަށް ފުއްދަމުން ދޭތޯ ފާރަލާ ބެލުމަކީ ނޫސްވެރިންނާއި އާންމު ރައްޔިތުން ފޫހިކަމެއް ނެތި ކަރަމުންދާ ކަމެކެވެ.

އެގޮތުން މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރަމުންދާ ގޮތް ބަލަން ތިބި މީހުން މަދެއް ނޫނެވެ. ހާއްސަގޮތެއްގައި ރައީސް މުއިއްޒުގެ ހަފްތާ 14 ތަންފީޒް ކުރަމުންދޭތޯ ނުވަތަ ތަންފީޒް ކުރެވޭތޯ ބަލަން ތިބި މީހުން މަދެއް ނޫނެވެ.

ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވަޢުދުތަކެއް ވެވަޑައިގަތުމަށް ފަހުގައެވެ. ވަޢުދުތަކުގެ މުހިންމު މަސައްކަތްތަކެއް ވެރިކަމުގެ 100 ދުވަސް ނުވަތަ ހަފްތާ 14 އިގެ ތެރޭގައި ފެށުމަށް ނިންމާފައިވާއިރު މިހާތަނަށް ރައީސް މުއިއްޒުއަށް ވަޢުދުތައް ފުއްދުމުގައި ލިބިފައިވާ ކުރިއެރުންތަކަށް ބަލައިލުން މުހިންމެވެ.ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމެވެ.

އެގޮތުން ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބިނަމަ އެ ބަޔަކު ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ވަޢުދެވެ. އެ ވަޢުދު ފުއްދުމަށް ރައީސް މުއިއްޒު ފެއްޓެވި މަސައްކަތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް މުއިއްޒު ވަނީ ފައްޓަވާފައެވެ.ހަމައެހެންމެ ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ވެސް ރައީސް މުއިއްޒު ވަނީ ފައްޓަވާފައެވެ. އިސްލާމްދީނާއި ގައުމިއްޔާތު ދިރުވާ އާލާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށް ބޭނުންވާ މަޝްރޫޢުތައް އެކަށައަޅައި، އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ.ރައީސް މުއިއްޒުގެ އެންމެ ގިނަ އެންމެ ބޮޑެތި ވަޢުދުތައް ގުޅިފައި ވަނީ ގެދޮވެރި ކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއިއެެވެ.

މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ރައީސް މުއިއްޒު ވަނީ ކުޑަކޮށް ދެއްވާފައެވެ.ބައެއް އެހެން ކަންތައްތަކަށް ބަލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ހިއްކަން ކަނޑައަޅާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި، ތިލަމާލެ ބުރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ‘ބަންކަރިން’ ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން ހިމެނެއެވެ.

އިގްތިސާދާއި ތިމާވެށީގެ ދާއިރާއިން ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް އަލުން ޑޮލަރު ޖަމާކުރާގޮތަށް ބަދަލުކުރުމާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ޣައިރު ޒިންމާދާރުކޮށް ފައިސާ ޗާޕުކުރަމުންދިޔަދިޔުން ރައީސް މުއިއްޒު ވަނީ ހުއްޓުމަކަށް ގެންނަވާފައެވެ.ހަމައެހެންމެ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ޤާނޫނު އެކީގައި އިޔާދަކޮށްދިނުމަށް ރައްޔިތުންގެ މަޖަލީހަށް ހުށަހެޅިއެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ” ރީފައިނޭންސް” ކުރުމުގެ މަސައްކަތް ރައީސް މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ވަނީ ފައްޓަވާފައެވެ. ހަމައެހެންމެ ދައުލަތުގެ ބަޖެޓުގައި ދަނޑުވެރިކަމުގެ ދާއިރާޔަށް ކަނޑައަޅާ މިންވަރު މިހާރަށްވުރެ ބޮޑުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް އެއް ދާއިރާއަކާއި ގުޅޭ ގޮތުން އެންމެ މުހިންމު ބޮޑެތި ނިންމުންތައް ނިންމާފައި ވަނީ ސިއްޙީ ދާއިރާއަށެވެ. އެގޮތުން މިހާތަނަށް ސިއްޙީ ދާއިރާއާއި ގުޅޭ ގޮތުން ނިންމާފައިވާ ކަންތައްތަކަށް ބަލާއިރު ‘އެންޑޮމެޓްރިއޯސިސް’ އަދި ‘ޕީސީއޯއެސް’ ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ‘ޕްރިވެންޓިވް ހެލްތު ކެއަރ’ގެ ނިޒާމު ފުޅާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުމާއި، 5 އަހަރުގެ ޒަޢާމަތުގައި، 1000 ފަޤީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުމާގުޅޭ ޚާއްޞަ ސިޔާސަތު އެކުލަވާލައި އިޢުލާނުކުރުން ހިމެނެއެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވަޢުދާ ޚިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތައް ރައީސް މުއިއްޒުގެ ސަރުކާރުން މާފްކޮށްދީފައިވާއިރު ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ނިންމާ އެ ފުރުސަތު މިހާރު ވަނީ ލިބިގެންގޮސްފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ބައެއް އެހެން ކަންކަމަށް ބަލާލާއިރު ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމާއި، ބޭރު ޤައުމުތަކުގައި ހޮސްޕިޓާ ބަދަލުކުރަން ނަގާ ފީ، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުމާއި، “‘އައިވީއެފް ޓްރީޓްމަންޓް’ ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން 1 އަހަރަށް ފަސްކޮށްދިނުން ހިމެނެއެވެ.

މިފާހަގަ ކޮށްލީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯއާއިއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 100 ދުވަސް ނުވަނީސް ކޮށްދެވި މަދު ކަންތައްތަކެއްގެ ވާހަކައެވެ. މި ނޫން ވެސް އެތައް ކަމެއް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން ވަނީ ކޮށްފައެވެ.

ކޮންމެއަކަސް ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ކުރި އަދި ކުރަމުންދާ އަދި ރާވަމުންދާ ޕްލޭންތަކާއި ފަށަމުންދާ މަޝްރޫޢުތަކަށް ބަލާއިރު ދިވެހީންނަށް ދިވެހީންގެ ރާއްޖެއަށް ދެވޭނެ ކަމުގެ އުންމީދު އިތުރަށް ވަނީ އާވެގެން ގޮސްފައެވެ. ހަމަ ހަގީގަތުގައި ވެސް ރައީސް މުއިއްޒުއަކީ ބަސްފުޅު މަދު އަމަލުފުޅު ގިނަ ލީޑަރެކެވެ.

ވަރަށް ގަދަ
28%ވަރަށް ގަދަ 61%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: