ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްތަގުބަލަށް ވިސްނާ އެކުލަވާލި ޕްލޭނެއް ނެތް، އިތުރުވާ އާބާދިއާއިއެކު މައްސަލަތައްވެސް އިތުރު!

ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް ދައްކަނީ ގައުމުގެ ހާލަތު ގޯސް ވާހަކައެވެ. އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުނުވެ، ލިބެންވާ އަސާސީ ހައްގުތައް ކަށަވަރުނުވުމުގެ ޝަކުވާއަކީ ތާ އަބަދުމެ، އަޅުގަނޑުމެން އަހާ ވާހަކަތަކެވެ. އަބަދުވެސް ދައްކަނީ އަތޮޅު ތެރޭގެ ރަށްތަކުން ތައުލީމުގެ ފުރުސަތާއި، ސިއްހީ ފަރުވާއާއި، ވަޒީފާ ނުލިބޭތީ، ދިރިއުޅުމުގެ ކަންކަން ބައްޓަންކޮށް، ހަރަދު ބަރަދު ފޫބައްދަން މާލެ އަންނަ ވާހަކައެވެ. ރަށުގައި ތިބޭއިރު، މާލެއަކީ އެވަރެއް ނެތް، ހުރިހާ ކަމެއް އެއްތާކުން ފަސޭހަކަމާއިއެކު ލިބޭނެތަނެއްކަމުގައި ހީވެއެވެ. އަތޮޅު ތެރޭގެ ރަށްތަކުގެ ހިތްގައިމު ދިރިއުޅުން ދޫކޮށް މާލެ އަންނަނީ މިހެންވެއެވެ.

180 އަށް ވުރެ ގިނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަށް ބެލިކަމުގައިވީ ނަމަވެސް ހައްލު ނުލިބޭ އެތައް މައްސަލަތަކެއް އެބަހުރިއެވެ. ދެން ހައްލު ލިބޭނީ ވަކި ކޮންތާކުން ހެއްޔެވެ؟

އިންސާނަކު ދިރި ހުރުމަށްޓަކައި ރަނގަޅު ސިހަތެއްގައި ހުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެހެންކަމުން ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި އެކަށީގެންވާ ސިއްހީ ފަރުވާ އޭނާއަށް ލިބޭނެ ގޮތެއް ހުރުމަކީ މުހިންމުކަމެއްކަމުގައިވާއިރު، ރާއްޖެއަށް ބަލާއިރު، ހޮސްޕިޓަލަށް ގޮސް ފަރުވާ ނުލިބޭ އެތައް ބައްޔެއްކެވެ. ސިއްހީ ނިޒާމު ބައްޓަން ކުރެވިފައި އޮތީ، އަދި ހަސްފަތާލުތަކުން ދެމުން އަންނަ ފަރުވާ އަކީ އެންމެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއިއެކު ދެމުން އަންނަ ފަރުވާތަކަކަށް ނުވާތީ އެތައް ބައެއްގެ ކަންބޮޑުވުން އެކަމުގައި އޮވެއެވެ. އަދި ސިއްހީ ނިޒާމަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. އެހެންކަމުން މަޖުބޫރު ވަނީ ބޭރުގެ ކޮންމެސް އެހެން ގައުމަކަށް ދިއުމަށެވެ.

ދެން އޮތީ ތައުލީމުގެ ވާހަކައެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި ތައުލީމުގެ ފުރުސަތު ނެތުމުން މާލެ އައިސް އުޅެން ޖެހޭ ހާލު އަދި މާ ބޮޑެވެ. އުޅެން ޖެހެނީ ދަރިން ސުކޫލަށް ފޮނުވަން ރަނގަޅު ސުކޫލަކުން ޖާގަ ނުލިބެގެންނެވެ. ނޫނީ ކޮންމެސް އެހެން މައްސަލައެއް ފެންމަތިވެގެންނެވެ.

އާންމު އިޖުތިމާއީ ފޭރާން އޮތީ ވީދިފައެވެ. މަގު މައްޗަށް ނިކުމެލަން ނުކެރެއެވެ. ސަލަމާތާއި ރައްކާތެރިކަމާއިއެކު އަނބުރާ ގެއަށް ވަދެވޭނެކަމުގެ ޔަގީންކަމެއް ހަގީގަތުގައި ނޯވެއެވެ. ހިތްހަމަ ޖެހިލަން ދާނެ ވަކި ތަނެއްވެސް ނޯވެއެވެ. އެއަށްވުރެ މާލޭގެ ތޮއްޖެހުމާއި، ހަމަ ނުޖެހުން ބޮޑެވެ. 3 ވެރިން ވެރިކަންކޮށް ފައިބައިވަޑައިގެން ދިޔައިރު، މާލޭގެ މަގުތަކަކީ ދުވަހަކު ކޮޅުން ހައްލު ގެނެސްދެވޭ ތަނަކަށް ނުވެއެވެ. މައި މަގު، މަޖީދީ މަގު އޮތް ހާލަތުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. ހަލާކުވެފައިވާ ގާތަކަށް އެރި، އެކި ވަރުގެ ގެއްލުންތައް ލިބެއެވެ. ދެން އޮތީ ބޭރު މަގާއި، މާރކޭޓު ސަރަހައްދު މަގުތަކެވެ. މީހުން ތަފާތު އެކި ބޭނުންތަކަށް އެ ސަރަހައްދުތަކަށް ދާން ޖެހޭއިރު، ރައްކާތެރިކަން ކަށަވަރުނުވާތާ، ސިއްހީ ނުރައްކަލަށް ހުށައެޅެން އެތައް ސަބަބެކެވެ.

ރާއްޖެއަކީ ދިރިއުޅެން އެކަށީގެންވާ ރައްކާތެރި ތަނެއް ނޫނޭވެސް ދެންނެވިދާނެއެވެ. ސަބަބަކީ ވެރިކަން ކުރާ ސިޓީއިންވެސް ހައްލު ނުލިބޭ އެތައް މައްސަލަތަކެއް ހުރުމެވެ. އެހެން ގައުމުތަކުގައިކަމަށްވާނަމަ، ކުދި ސަރަހައްދުތައް ތަހުޒީބު ނުވީ ނަމަވެސް ވެރިކަން ކުރާ މައި ސިޓީ ތަރައްގީއެވެ. ނަމަވެސް ރާއްޖެއަށް ބަލާއިރު، ހިތްގައިމު ޖަޒީރާ ރަށްތައް ދޫކޮށް ހައްލު ހޯދަން އަންނަ ވެރި ރަށް މާލޭގައިވެސް ޖެހެނީ، ގަނަ ތެޅޭށެވެ. ދިރިއުޅުމުގެ ހަރަދު އެތައް ގުނަ އަކުން އުފުލިގެންދާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުންނާއި، ގައުމުގެ ހާލަތުގެ ސަބަބުން ރަނގަޅު މުސާރައެއް ލިބޭ، ވަޒީފާއެއް ހޯދުމަށް ދަތިވެއެވެ. ވަޒީފާތައް އުފައްދާ މިންވަރު އިތުރުކުރުމަށް ކުރެވޭ މާ ބޮޑު މަސައްކަތެއް ނެތުމުގެ ސަބަބުން، ކޮންމެ އަހަރަކު ސުކޫލު ނިމި މުޖުތަމައުއަށް ނިކުންނަ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ނޯވެއެވެ. އަދި ވަޒީފާއެއްގައި ހުރެ ކުރި އަރައިގެން ދިއުމުގެ ފުރުސަތެއްވެސް ނެތެވެ.

އެހެންކަމުން ވަކި މާލެއަކުން އެ ހައްލެއް ނުލިބެއެވެ. ގައުމު ތަރައްގީކޮށް، ތަހުޒީބުވުމަކީ ލާރި ހަރަދުކުރެވޭނެ އަދި ހަރަދު ކުރަންޖެހޭނެ ގޮތްތައް ފަހި ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މިކަމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުގެ އަމާޒު ހުންނަންޖެހޭނީ ރައްޔިތުންގެ ވިސްނުމާއި، ސިނކުޑި އަދި ފުދުންތެރިކަން އިތުރުކޮށް، ކޮންމެ ރައްޔިތަކީ އެމީހެއްގެ އަމިއްލަ ފައި މައްޗަށް ތެދުވެވޭ، މީހަކަށް ބަރޯސާވާން ނުޖެހޭވަރުގެ މީހަކަށް ހެދުމަށެވެ. އިންވެސްޓް ކުރެވޭނެ އެކި ކަހަލަ، އެކި ފަންތީގެ ފުރުސަތުތައް ހޯދައިދޭން ޖެހެއެވެ. ކޮންމެ ރައްޔިތަކީ، އެ ރައްޔިތެއްގެ ފަރާތުން އެހެން ރައްޔިތުންނަށް ފުރުސަތެއް ފަހިކޮށްދެވޭނެ ވަރުގެ ގާބިލް، ފުދުންތެރި މީހަކަށް ހެދޭނެ މާސްޓަރ ޕްލޭންއެއް ހޯދައިގެން ނޫނީ ރާއްޖެ މި އޮތް ހާލަތުން ސަލާމަތް ކުރެވޭކަން ނެތެވެ.

ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އެކި އެކި މަޝްރޫއުތަކަށާއި، ސަރުކާރުން ބޭނުންވާ ހައްލު ހޯދުމުގެ ފުދުންތެރިކަން ހުރި، ތައުލީމީ ގާބިލް ރައްޔިތުންތަކެއް އުފައްދައިގެން ނޫނީ މައްސަލަތަކަށް ހައްލެއް ނެތެވެ. ކަންކަން ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލުމުން އިސް ނަގާނެ ބަޔަކު ނެތީ މިހެންވެއެވެ. މި މައްސަލައަށް ހައްލު ނުހޯދިއްޖެނަމަ ޒަމާން ކުރި އަރައިގެން ދިޔަ ވަރަކަށް، އިތުރުވަމުންދާ އާބާދީ އާއިއެކު މައްސަލަތައްވެސް ވާނީ އިތުރެވެ. އަންނަން އޮތް ޖީލުގެ ދަރިންގެ މައިންބަފައިންނަކީ ފުދުންތެރި ބަޔަކަށް ނުހެދިއްޖެނަމަ ތާ އަބަދަށް މި މައްސަލަ ކުރިއަށް ދިއުމަކީ އޮތް ބިރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: