ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ފުރަތަމަ ފިލްމު މީ އިޝްޤް: ހަމަ ރަނގަޅަށްވެސް އިޝްގުގައި ޖައްސައިފި

މިއީ އިޝްޤްގެ ތަރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2024ގެ ފުރަތަމަ ދިވެހި ފިލްމު މިއީ އިޝްޤު ބެލުންތެރިން ރަނގަޅަށްވެސް އިޝްޤުގައި ޖައްސައިފިއެވެ.

2024 ވަނަ އަހަރު ދިވެހި ސިނަމާ އަލުން މި ފެށީ އަޒްހާން އިބްރާހީމްގެ “މީ އިޝްޤް” އިންނެވެ. ޝަރަފް އަދި އާޝާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު މިމަހު 6 ގައި ޕްރިމިއާ ކުރިއިރު މިއީ ލީނާޒް ހުސައިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މިޔުޒިކް ހެދީ ޝަހީދު ލެގަސީއެވެ. ސިނަމެޓޯގްރަފަރަކީ ޒިއްޕެ އެވެ. މޭކަޕްތައް ކުރީ ސޭންޑީ އަދި ހަސަން އެވެ.

ފިލްމު ފެށެނީ ސަބާ (އާޝާ) އަދި އާރިޒް (ޝަރަފް) ދިމާވާ ހިސާބުންނެވެ. މި ދެމީހުން ދިމާވަނީ އާ އަހަރުގެ ޗުއްޓީއަށް ގޮސް އުޅެނިކޮށް މާފުށިންނެވެ. ހޮޓެލްގެ ބުކިންގައި އަރާ އޮޅުމެއްގެ ސަބަބުން ދެމީހުން ތިބެން ޖެހެނީ އެއް ރޫމެއްގަ އެވެ. މުޅިން ތަފާތު މިޒާޖެއްގެ މި ދެމީހުން ބައްދަލުވެ އުޅުމުގެ ތެރެއިން އެކަކު އަނެކަކު ދެކެ ލޯބި ވެވެނީ ހީވެސް ނުކުރާ ގޮތަކަށެވެ. މިހާ ހިސާބުން ފިލްމު ބަދަލުވެގެންދާ ގޮތް ޖެހޭނީ ބެލުންެތެރިން ސިނަމާއަށް ގޮސް ބަލައިލާށެވެ.

ވާހަކައާއި ޑައިރެކްޝަނަށް ފަސް ތަރި:

ދިވެހި ސިނަމާގައި އިހުގައި އަޅުވަމުން ދިޔަ ފިލްމުތަކަށް އޮތް ތަރުހީބު ވަނީ ވަރަށް ބޮޑަށް ފަނޑުވެގެން ގޮސްފަ އެވެ. ބެލުންތެރިން އެންމެ ހިތްހަމަޖެހިލައިގެން ބަލަމުންދިޔަ ފިލްމުތައް އަލުން ސިނަމާއަށް ބޭނުންވެފައިވަނިކޮށް އަޒްހާންގެ ލޯބިލޯބި ވާހަކައާއިއެކު އޭނާގެ ޑައިރެކްޝަނުން ގެނަސްދިން މި ފިލްމަކީ މޮޅު ފިލްމެކެވެ. “ކްރިންޖު” ނުވާނެހެން ޑައިލޮގުތައް އަތުރާލައި އެކަމަކު އިޝްގުގައި ޖެއްސި މި ފިލްމަކީ ދިވެހި ސިނަމާގެ ލޯބީގެ ޗޭނަށް އިތުރުވި، ބޮޅެކެވެ.

އާޝާއާއި ޝަރަފްއަށް ތައުރީފު:

މުޅި ފިލްމު ހިފަހައްޓައިލީ ލީޑު ދެ ތަރިންނެވެ. މިފަދަ ފިލްމަކަށް މިހާރު ޝަރަފްއާއި އާޝާ ނޫން ދެ ތަރިއަކު ފިޓުވެސް ނުވާނެ އެވެ. ސަބާއާއި އާރިޒްގެ ކެރެކްޓާ މި ދެތަރިން ދައްކުވައިދިނީ ވަރަށް ފުރިހަމައަށެވެ. ފިލްމުގެ އެންމެ ސީންއެއްގައިވެސް ދެތަރިން ކެރެކްޓާއިން ބޭރެއް ނުވެ އެވެ. ޑައިލޮގުތައް ދީފައިވަނީ ވަރަށް “ނެޗުރަލް” ކޮށެވެ. ފިލްމު ބަލަމުން ދިޔައިރު މިއީ އެކްޓިންކަން އެނގުން ނުވާވަރަށް ހުރިހާ މަންޒަރުތައްވެސް ވަނީ ކުޅެދީފަ އެވެ.

ހާއްސަކޮށް އާޝާގެ “ބޯލްޑް” ކެރެކްޓާއަށް ފަސްތަރި ދޭނަމެވެ. މުޅި ފިލްމުގެ ރޫހާއި ގުޅިފައިވަނީ އާޝާގެ މޫނުމަތީގެ އެކްސްޕްރެޝަންތަކެވެ. ވަރަށް ފުރިހަމައަށް އާޝާގެ އެކްޓިން ފިލްމުގައި ދައްކުވައިދީފައިވެ އެވެ.

ޝާރިފް އާއި އައިންތުގެ މޮޅު ރޯލުތަކެއް:

ފިލްމުގައި ސަޕޯޓިންގް ރޯލުން ފެނިގެންދާ ޝާރިފްގެ މިފިލްމުގައި ވަނީ ތަފާތު ރޯލެކެވެ. މަޑުމައިތިރި މިޒާޖެއްގެ ކެރެކްޓާއެއް ޝާރިފް ކުޅެފަިއވަނީ ވަރަށްވެސް ފުރިހަމައަށެވެ. މިފަދަ ރޯލަކަށް ޝާރިފް ނުގުޅެއޭ ބުނާ މީހުންނަށް ތަފާތެއް ބަލައިލަން މިފިލްމުގައި ލިބޭނެކަން ޔަގީނެވެ. ކެރެކްޓާގެ މަޑުމައިތިރިކަމާއި މާޔޫސްކަން ޝާރިފް ކިތަންމެ ރަނގަޅަކަށްވެސް ދައްކުވައިދިނެވެ.

ދެން އެންމެ ފާހަގަކޮށްލެވުނު ސަޕޯޓިންގް ކެރެކްޓާއަކީ އައިމިނަތު ރަޝީދާ އެވެ. ވެޓެރެން އެކްޓްރެސްގެ މިފިލްމުގައި ވަނީ ފާހަގަކޮށްލެވޭ ރޯލެކެވެ. ފިލްމު ބަލަމުން ދިޔައިރު ބައެއް ފަހަރު އައިންތު ދެކެ ރުޅިވެސް އާދެވެއެވެ. އޭނާ މި ކެރެކްޓާ ކުޅެފައިވާލެއް މޮޅުކަމުންނެވެ.

މިއީ އިޝްގު ގެ ޓީމު: ފޮޓޯ/ ސޯޝަލްމީޑިއާ

މިޔުޒިކާއި ލަވަތަކަށް ފަސް ތަރި:

ލޯބީގެ މި ފިލްމުގެ އެންމެ ބޮޑަށް އަޅައިގަތީ އޭގެ ބެކްސްކޯރިންއާއި ހިމެނުނު ހިތްގައިމު ލަވަތަކުންނެވެ. ޝަހީދު ލެގަސީގެ ބެކްސްކޯރިންއަކީ ދިވެހި ފިލްމެއްގައި މިގޮތަށް ލޯބި ބަޔާންކޮށްދިން ފުރަތަމަ އަދި ފުރިހަމަ މަސައްކަތެކެވެ. މޫޑު ތެރެއަށް މުޅި އޯޑިއެންސް ވައްދައިދިނީ ޝަހީދުގެ މިޔުޒިކް ނޯޓުތަކުންނެވެ.

ފިލްމުގެ ލަވަތަށް އަދި ވަރަށް ރީއްޗެވެ. ހުރިހާ މޫޑުތަކާއިވެސް ގުޅޭގޮތަށް ގެނަސްދީފައިވާ ލަވަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ އެންމެ ފަހު ލަވަ އެވެ. މުޅި ފިލްމުގެ އެންމެ މުހިންމު ލަވައަކީވެސް އެއީ އެވެ.

ޖުމްލަކޮށް ދަންނަވާނަމަ “މީ އިޝްޤް” އަކީ ފަސް ތަރިން ހަތަރު ތަރީގެ ފިލްމެކެވެ. އާ ޑައިރެކްޓަރަކާއި އޭނާގެ ޓީމުން ކުރި މިމަސައްކަތުގައި ރަނގަޅު ކޮށްލެވިދާނެ ކުދިކުދި ކަންކަން ހުއްޓެއް ކަމަކު މިއީ ދިވެހި ސިނަމާއަށް އެންމެ އެކަށޭނަ ފިލްމެކެވެ. ހާއްސަކޮށް އާއިލާއާއިއެކު ގޮސް ބަލާލަން މިއީ ހަމަ އެއްވަނައިގެ ފިލްމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: