ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްލިމުނާއިމެދު ނަފްރަތު އުފެއްދި މީހަކަށް އިންޑިއާ ސަރުކާރުން އެވޯޑެއްދިން!

އިންޑިއާގެ ހިންދޫއިން މުސްލިމުންނާއި ދެކޮޅަށް ނަފްރަތުގެ ޝުއޫރުތައް ފާޅުކުރަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމަފޯބިއާ ނުވަތަ މުސްލިމުންނާއި ދެކޮޅު ހަރުކަށި ވިސްނުންތަކާއި ހިޔާލުތަކުގެ ސަބަބުން އިންޑިއާގައި ބޮޑެތި މައްސަލަތައް ޖެހެމުންދާކަމަކީ މީޑިއާތަކުން ކަވަރުކުރަން ބޭނުން ނުވާ ހިތި ހަގީގަތެވެ. މުސްލިމުންނާއިމެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު ފުރުސަތު ފަހިކޮށްގެން ތިބި ސަރުކާރަކާއި ދިވެހި ސަރުކާރަކާއި ގާތް ގުޅުމެއް އޮތްކަމާއިމެދު މީގެ ކުރިން ރާއްޖޭގެ ރައީސްއަކާއިވެސް ސުވާލު ކުރެވިފައިވެއެވެ.

އެ ގައުމުގައި ތިބި މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނާއިމެދުވެސް ގެންގުޅެމުންދާ ދެކޮޅުވެރިކަން ފެނިގެންދާ އެތައް ކަމެއް މިފަހުން ފެންމަތިވެފައިވެއެވެ. ބައެއް ސަރަހައްދުތަކުގައި ހަތިޔާރު އެޅި މީހުން މުސްލިމުންނަށް އަނިޔާތައްކުރާ މަންޒަރުވެސް އާންމުވެފައިވާއިރު، އެ ގައުމުގައި މިހާރު މަގުބޫލުކަން ހާސިލުކޮށްފައިވާ އެންޓި މުސްލިމް ޕޮޕް ލަވަތަކުން ކަން އޮތް ގޮތް ސާފެވެ.

މުސްލިމުންނަށް އިހުތިރާމް ކުޑަކޮށް ސޯޝަލްމީޑިއާގައި ލަވަތައް ހަދައި އާންމުކުރަމުން އެބަދެއެވެ. އާންމުކުރަމުންދާ ލަވަތަކަަކީ އެ ގައުމުގައި ސިޔާސީ ގޮތުން އުފައްދަމުންދާ ނަފްރަތުގެ އޮއެވަރުގައި ޖެހިފައިވާ ސަޕޯޓަރުން އުފައްދަމުންދާ ލަވަތައް ކަމަށްވާއިރު، މި ލަވަތައް ޖަހައި ހަރުކަށި ހިންދޫ ޖަމާއަތްތަކުގެ އެއްވުންތަކުގައި ޖަހާކަން ސޯޝަލްމީޑިއާގައި އާންމުވަމުންދާ ހަތިޔާރު އެޅި މީހުންގެ ވީޑިއޯތަކުން ސާފުވެއެވެ.

ޔޫޓޫބް ފަދަ ސޯޝަލްމީޑިއާ ޕްލެޓުފޯމްތަކުގައި އެފަދަ އެތައް އާޓިސްޓުންނެއްގެ އެތައް ލަވައެއް ފެންނަން ހުރި އިރު ޖުމުލަ ގޮތެއްގައި މި ލަވަތައް ބިނާކުރަނީ ނަފްރަތާއި އަނިޔާވެރިކަން އަދި ނަސްލެއް ނައްތާލުން ފަދަ މައުޟޫތަކުގެ މައްޗަށްކަންވެސް ފާހަގަކުރެވެއެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އިންޑިއާގައި ބައިބައިވުންތައް އިތުރުވެގެންދިޔައީ ބޮޑުވަޒީރު ނަރޭންދްރަ މޯދީގެ ބީޖޭޕީ ސަރުކާރު ވެރިކަމަށް އައުމާއިއެކުއެވެ.

އެހިސާބުން އިންޑިއާގައި މައިނޯރިޓީ މުޖުތަމައުތަކަށް ހަމަލާތައް އިތުރުވެގެންދިޔަކަމަށާއި ހަމަލާތައް އަމާޒުވަމުންދިޔައީ މައިގަނޑު ގޮތަކަށް މުސްލިމުންނަށްކަމަށްވެސް ބުނެފައިވާއިރު، އެފަދަ މައްސަލަތައް އެއީ ކޮންމެ ދުވަހެއްގައިވެސް ފެންމަތިވާ މައްލަތަކަކަަށްވެގެންދިޔަކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާތަކާއި މަސްރަހު ދިރާސާކުރާ ފަރާތްތަކުންވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ. މިހާރު އިންޑިއާގެ ލަވަތަކާއި ސިނަމާތައްވެސް ސިޔާސީ މަސްރަހު ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާކަމަށް މީޑިއާތަކުން ބުނާއިރު، އެ ގައުމުން އުފައްދާ ފިލްމުތަކުގައި އާންމުކޮށް ނުބައިބައި ކެރެކްޓަރުންގެ ގޮތުގައި މުސްލިމުން ދައްކާކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

މިފަދަ ލަވަތައް އުފައްދާ އާޓިސްޓުންނާއި އިންޑިއާގެ މިހާރުގެ ސަރުކާރާއި ގާތް ގުޅުންތަކެއް އޮންނަކަމަށްވެސް ފެނިގެންދެއެވެ. އިންޑިއާގެ އުތަރު ޕްރަދޭޝްގެ ސަރުކާރުން އެފަދަ އާޓިސްޓަކަށް އެކަމަށްޓަކައި އެވޯޑެއްވެސް ދީފައިވެއެވެ. މުސްލިމުންނާއި ދެކޮޅުވެރި ވާހަކަތައް ދައްކާ ލަވަތަކުގައި ބޮޑުވަޒީރު މޯދީ، އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިއްތިޔަނާތް ފަދަ ނެޝިނަލިސްޓުންނަށް ސަނާކިޔާފައި ހުރެއެވެ. ލަވަތަކުގެ ހައިކޮލިޓީ ވީޑީއޯތައް ހަދާއިރު، އާންމުކޮށް ތިބެނީ ކަނޑި ބަޑި ފަދަ ހަތިޔާރުތައް ހިފައިން ތިބޭ މީހުންކަން ފާހަަގަކުރެވެއެވެ. އެހެންކަމުން މި މަސައްކަތްތައް އެ ގައުމުގައި ކުރެވެމުންދަނީ ސަރުކާރުގެ އެނގުމާއިވެސް އެކުކަން ސާފުވެއެވެ.

ޔޯގީ އަދިއްތިޔަނާތު އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރުކަމަށް ހުވާކުރި ރަސްމިއްޔާތުގައި މުސްލިމުންނާއި މެދު ނަފްރަތު އުފައްދާ ލަވަހަދާ އާޓިސްޓަކަށް ސަރުކާރުގެ ފަރާތުން ހިތްވަރުދީ އެވޯޑެއް ދެނީ: ފޮޓޯ/ ސޯޝަލްމީޑިއާ

އިންޑިއާގެ ނިއުދިއްލީގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގެ ޕްރޮފެސާރއެއްކަމަށްވާ ބްރަހްމާ ޕްރަކާޝް ވިދާޅުވާ ގޮތުން ހިންދޫއިންގެ މެދުގައި މަގުބޫލު މި ލަވަތަކާއި 1930 ވަނަ އަހަރު ނާޒީންގެ ބާރުގެ ދަށުގައި ޖަރުމަނުވިލާތުގައި އުފައްދަމުންދިޔަ ލަވަތާކާއި ހައިރާންވަނިވި މިންވަރަށް އެއްގޮތެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހަރުކަށި ފިކުރުގެ މީހުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ސަރަހައްދު ދޫކޮށްދިއުމަށް މަޖުބޫރުކުރި އެތައް މައްސަަލައެއްވެސް ފެންމަތިވެ ބައިނަލްއަގުވާމީ މީޑިއާތަކުންވެސް ރިޕޯޓުކޮށްފައިވެއެވެ. މުސްލިމުންގެ ވިޔަފާރިތައް ހަލާކުކޮށްލުމާއި، ގެދޮރު ސުންނާފަތިކުރުމުގެ އެތައް މައްސަލައެއްވެސް މީޑިއާތަކުން ކަވަރުކޮށްފައިވާއިރު ސަރުކާރުން އެކަން ހުއްޓުމަކަށް ގެނެސްފައިނުވާކަމަށްވުމުން މުސްލިމުންގެ މައްޗަށް އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވެއެެވެ.

މޯދީއަށްފަހު އިންޑިއާގެ ބޮޑުވަޒީރުކަމަށް އައިސްދާނެކަމަށް ލަފާކޮށްފައިވާ ޗީފް މިނިސްޓްރު ޔޯގީ އަދިއްތިޔަނާތަކީ މުސްލިމުންނާއި ދެކޮޅު ފިކުރުތަކާއި ހިޔާލުތައް ގެންގުޅޭކަން އާންމުކޮށް އެނގޭ އިންޑިއާ ސަރުކާރުގެ އިސްވެރިޔެކެވެ. އޭނާ މަޝްހޫރުވެގެންއައީ ހިންދޫ އެންމެ އަންހެން ކުއްޖަކާއި ކައިރިވިޔަސް 100 މުސްލިމު ކުދިން ނަގާނެކަމަށާއި ކޮންމެ ހިންދޫއަކަށް 100 މުސްލިމުން މަރާނެކަމަށް އޭނާ ބުނާ އަޑުއިވިގެންދާ ވީޑިއޯއަކާއި ގުޅިގެންނެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ އެންމެ މަގުބޫލު އެއް ތަރިކަމަށްވާ ރަޖްނީކާންތު ޔޯގީ އަދިއްތިޔަނާތުއާއިއެކު: ފޮޓޯ/ ފައިލް ފޮޓޯ

އޭނާއަކީ ހިންދޫ ޔުވާ ވާހިނީގެ ނަމުގައި ހިންގާ ހަރުކަށި ޖަމާއަތެއް އުފެއްދި މީހާކަމަށްވާއިރު އެ ޖަމާއަތަކީ އެތައް އަނިޔާވެރި އަމަލެއް ހިންގިކަމުގެ ތުހުމަތުކުރެވޭ ބައެއްކަމަށްވެސް މީޑިއާތަކުން ބުނެއެވެ. ޔޯގީ އަދިއްތިޔަނާތަކީ މިހާރުގެ ބޮޑުވަޒީރު މޯދީގެ އަރިހުން ދަރިވަރުވަމުން އަންނަ މީހެއްކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.

ޗީފް މިނިސްޓަރުގެ މަގާމު ލިބުމާއިއެކު ޔޯގީވަނީ އެ ސަރަަހައްދުގައި މިސްކިތްތަކުގައި ލައުޑްސްޕީކަރު ބޭނުންކުރުން މަނާކޮށް ގެރި ކަތިލާ ތަންތަންވެސް ބަންދުކުރުވާފައެވެ. އެކަމުގެ ސަބަބުން ނުތަނަވަސް މާހައުލެއް އުފެދިގެންދިޔަކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ކޯޓުގެ ދައުރެއް ނެތި ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ޔޯގީގެ ބެއްލެވުމުގެ ދަށުން އުއްތަރު ޕްރަދޭޝްގެ ފުލުހުން 100 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށާއި އެ މީހުންނަކީ ކުށްވެރިންކަމަށް ބުނާކަމަށްވެސް މީޑިއާތަކުން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ޔޯގީ މި ތުހުމަތުތަކާއި ދެކޮޅު ހައްދަވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: