ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ހުވާ ކުރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަކީ ދައުރުން ބޭރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޖަލްސާއެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމާ ހެނދުނު  11:00 ގައެވެ.

ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މައްސަލަ ކުރިއަށް ނުގެންދެވުނީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ޖަލްސާގެ ނިޒާމް ގެއްލުވައިލާ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުންނެވެ. އެގޮތުން ހަތަރު ފަހަރެއްގެ މަތިން ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން މިރޭ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އެހުމުގެ މަސައްކަތަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ހުރަސް އެޅީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމުމާއި ގުޅިގެންނެވެ.

ސާޝަލް މީޑިއާގައި މައުލޫމާތުތައް ފެތުރުމުންދާ ގޮތުން ރުހުން ނުދޭން ދަ ޑިމޮކްރެޓްސްއިން ނިންމި ވަޒީރުންނަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓިސްއިން ނިންމުމާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަދި ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަމަށް ޕާޓީއިން ބުންޏެވެ.

އެގޮތުން ދައުލަތުގެ ވުޒާރަތައް ހިންގެވުމަށް ރައީސް ޑރ މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު އެ ކޯލިޝާނުން ޝައްކު ނުކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެދުވެސް އެ ކޯލިޝަނުން އެއްވެސް ޝައްކެއް ނުކުރާކަމަށްވެއެވެ. އަދި އެބޭފުޅުންނަށް އެ ކޯލިޝަންގެ ފުރިހަމަ އިތުބާރު އޮތްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް އެ ކޯލިޝަނަށް ޤަބޫލު ކުރެވޭތީ، އެމަނިކުފާނުގެ ކެބިނެޓަށް ޢައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އެ ކޯލިޝަނުން ގަބޫލުކުރާކަން ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ. އަދި ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުންކަމަށްވެސް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: