ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީމަށް ރުހުން ނުދިނީ ކޮރަޕްޝަނުގެ ޝަކުވާތަކާއި، ހައްޖު ކޯޓާއަށް ދަތިވާގޮތަށް އަމަލު ކުރުމުން: ހަސަން

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާއި، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓަރުކަމުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނު ކުރަން ނުފެންނަކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ނިންމާފައި ވަނީ ކޮރަޕްޝަނާއި ގުޅުން ހުރި ބައެއް ތުހުމަތުތަކާއި ހައްޖު ކޯޓާއާއި މެދު ރައްޔިތުންނަށް ދަތިވާ ގޮތަށް އަމަލު ކުރެއްވުމުންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. އާދީއްތަ ދުވަހު ދައުރުން ބޭރުން ޖަލްސާ ތާވަލު ކުރި ދުވަހު، ރުހުން ނުދިނުމަށް ނިންމިކަމަށް ބުނާ ލިސްޓެއް މީޑިއާތަކުގައި އާންމުވި އެވެ. އޭގެ ތެރޭގައި އެ ތިން ވަޒީރުންގެ ނަމާއި އެކު ދެން ހިމެނެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެކަމަކު ރުހުން ދޭން ނުފެންނަކަމަށް ފާސްވާ އަދަދަށް ވުރެ ސައީދަށް އެމްޑީޕީ ޕީޖީގެ އިތުރު ދެ ވޯޓު ލިބިވަޑައިގެންނެވި އެވެ.

ލިސްޓު އާންމުވުމާއި އެކު ގިނަ ބަޔަކު ވަނީ ޝަހީމަށް ރުހުން ނުދޭ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ކެބިނެޓުގައި ހުރި އެންމެ ގާބިލު އަދި އިލްމީ ބޭފުޅަކީ ޑރ. ޝަހީމްކަމަށްވުމާއި އެކު ގިނަ ބަޔަކު ވަނީ އެމްޑީޕީގެ ނިންމުމަކީ ޒާތީ ނިންމުމެއްކަމަށް ސިފަކޮށްފަ އެވެ.

ރުހުން ނުދޭން މަޖިލީހުން ފާސްކުރުމާއި އެކު ޓުވީޓެއް ކުރައްވައި ޝަހީމް ވެސް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ ރާއްޖެ ދެކެފައި ނުވާކަމަށެވެ. 

އިއްޔެ ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ. އަދި ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އެހެންކަމުން އެއް ވޯޓާއި އެކު ޝަހީމަށް ރުހުން ދޭން ނުފެންނަކަމަށް ފާސްވީ އެވެ.

ޝަހީމަށް ރުހުން ދީފައި ނުވަނީ، ޒަތީ މަސްހަތު އިސްކޮށްގެންކަމަށް ކުރެވޭ ތުހުމަތުގެ ރައްދުގައި ސަންގުޓީވީގެ “ޙަބަރަށްފަހު” ހަސަން ވިދާޅުވީ އެފަދަ ނިޔަތެއްގައި މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ޑިމޮކްރެޓްސް ޕާޓީއަކީ އެއްވެސް އިރެއްގައި، ޝަހީމާއި ޒާތީ ގޮތުން ދިމާކޮށް މައްސަލަތަކެއް ދިމާވެފައި ވާ ބައެއް ނޫންކަމަށް ފާހަގަކޮށް ހަސަން ވިދާޅުވީ އެ ޕާޓީގެ ބައެއް ބޭފުޅުންނާއި ޝަހީމާއި ގާތް ގުޅުމެއް ވެސް އޮންނަކަމަށެވެ.

ހަސަން ވިދާޅުވީ ޝަހީމަކީ ސިޔާސީ ބޭފުޅެއްކަމަށާއި، އެކަން ވަރަށް ރަނގަޅަށް ޝަހީމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ވަޒީރުންނަށް ރުހުން ނުދިނުމުގައި އެކި ސަބަބުތައް ހުރިއިރު، ޑިމޮކްރެޓްސްގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހިނގާފައި ހުރި މައްސަލަތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ކޮންމެ ވަޒީރަކާ ގުޅޭގޮތުން ވެސް ޕާޓީގެ ޕާލިމަންޓު ގުރޫޕުގައި ވާހަކަ ދެކެވުނުކަމަށެވެ. އަދި މެމްބަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވީ ޝަހީމަށް ކުރެވޭ ތުހުމަތުތަކާއި ހައްޖު ކޯޓާގެ މައްސަލަތައްކަމަށެވެ.

ހައްޖު ކޯޓާތަކުގެ މައްސަލަތައްކަމަށް ހަސަން ވިދާޅުވީ ލިބޭ އިތުރު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމެވެ. އޭގެ ސަބަބުން އުމުރު ދުވަހު ފައިސާ އެއްކޮށްގެން ހައްޖަށް ދާން ބޭނުންވާ މީހާއަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާކަމަށް ހަސަން ވުދާޅުވި އެވެ. ހަސަން ވިދާޅުވީ އެއްކުރި ފައިސާއިން، ހައްޖަށް ދެވޭނެކަމުގެ އުންމީދުގައި އެތައް ރައްޔިތުން އެބަތިބިކަމަށާއި އެކަން ހަނިވާ ގޮތަށް ޑރ. ޝަހީމް އަމަލު ކުރެއްވިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާ ކުރެވުނުއިރު މެމްބަރުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮރަޕްޝަނުގެ ޝަކުވާއެވެ.

އެއް ސަބަބެއްކަމަށް ކޮރަޕްޝަނުގެ މައްސަލަތަކެއް.. ޑރ. ޝަހީމާއި ގުޅުން ހުރި.. އަޅުގަނޑު ކޮންމެހެން ނުދަންނަވަން ޝަހީމާއި ގުޅޭގޮތުން ހުރީކީ ކޮންމެހެން އެކަން ހިނގާފައި ހުރީއެކޭ.. ދެން ކުންފުންޏަކަށް ޕްރޮޖެކްޓެއް އެވޯޑު ކުރުމުގައި އޭގައި ކުންފުނީގެ ހިއްސާދާރުންތަކެއްގެ ނަންތައް ބަދަލުވެގެން ދިޔަ ގޮތާ.. އެއަށް ވުރެ ބޮޑަށް ކަންބޮޑުވުންތައް ހުރި ކަންކަން.. ބައެއް މެމްބަރުން ޑިމޮކްރެޓްސްގެ ޕީޖީ ފާހަގަކުރިމެއް އެއީ ދިވެހިންނަށް ހައްޖަށް ދެވެން އޮތް ފުރުސަތު ހަނިވެފައިވާކަން މިވަގުތު.. އަމިއްލަ ފަރާތްތަކަށް ހައްޖަށް ދެވޭނެ ގޮތްތަކެއް ހިންގަމުން.. އެއީ ވަރަށް ޒަމާނުއްސުރެ ހިންގަމުން އައިކަމެއް.. އެކަމަކު އެ ފުރުސަތު ހަނިވެ.. ހަމައެކަނި ހައްޖު ކޯޕަރޭޝަނުން އެކަން ކުރާ ގޮތަށް ބަދަލުކޮށް އެ ސިޔާސަތު… އެހެން އެގޮތަށް ކުރައްވަން ފެއްޓެވިކަން.. އެއީ ޕާލިމަންޓު ގުރޫޕުން ފާހަގަކުރި ވަރަށް ބޮޑު ނުރަނގަޅުކަމެއްކަން..

މިއަދު އޮތް އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ސުވާލު ކުރުމުން އޭނާ ވެސް ނެންގެވި ނުކުތާއަކީ އެއީ އެވެ. ރަޝީދު ވިދާޅުވީ ޝަހީމަށް ރުހުން ނުދޭން ނިންމާފައި ވަނީ އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ޝަކުވާތަކަށް ފަހު ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި ޝަހީމްގެ ހިއްސާ އޮތް ކުންފުންޏަކަށް ހިއްސާ ބަދަލުކޮށް ޕްރޮޖެކްޓެއް ހަވާލު ކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

އަލުން މަގާމަށް އައްޔަނު ކުރުމުން އެކަން ފާހަގަކުރުމަށް، އޮތް ރަސްމިއްޔާތެއްގައި ޝަހީމް ވިދާޅުވީ އޭނާގެ ޒިންމާ އޮތް މިނިސްޓްރީގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހިދުމަތް ދިނުން ކަމަށެވެ.

ސިޔާސީ މަސައްކަތުގައި އުޅޭއިރު ޒާތީ ގޮތުން ދިމާވާ ކަންކަމުގައި އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ރުހުން ނުދޭން ނިންމުމުން އާންމުންގެ ފަރާތުން ފެނިގެން ދިޔަ ކަންބޮޑުވުންތަކުން މަސައްކަތް ކުރުމުގެ އައު ހިތްވަރެއް ލިބިގެން ދިޔަކަމަށް ޝަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: