ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބުދާރީގެ ނަމުގައި އެމްޑީޕީން އުޅެނީ ސަރުކާރަށް އުނދަގޫކޮށް، ޖެއްސުން ކުރަން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން މަސައްކަތް ކުރަމުން ގެންދަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި ވެރިކަމަށް ޖެއްސުން ކުރުމަށްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލު ކުރުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެކި ފަހަރު މަތީން ވޯޓު ނެގުން ތާވަލުކޮށްގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެމްބަރުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމާފަ އެވެ.

އެކަމަކު ހަމަ އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަ އެބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވައި ފަތްކޮޅު އަރުވާފަ އެވެ. ގާނޫނީ ގޮތުން ބަލާއިރު، އެއީ ކުރެވޭނެކަމެއްކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި، ވާގޮތުން ވަޒީރުންގެ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކާއި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރާ ވަޒީރުންނާއި ބަންޑާރަ ނައިބުގެ މައްޗަށެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މެމްބަރުން އެ މަޖިލީހަށް އައްޔަނު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެކަމަށެވެ. އެ މާއްދާގެ (ރ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މީހުންގެ ނަންތައް އެ މީހުން އައްޔަނު ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަންވާނެކަމަށް ވެސް އެވެ.

އެހެންކަމުން ގާނޫނަށް ބަލާއިރު، ވަޒީރުންނަށް ރުހުން ދިނުމުގައި ބަލަން ޖެހޭނީ ޝަރުތުތައް ހަމަވޭތޯކަމަށް ސަރުކާރު މެމްބަރުން ވަނީ ބުނެފަ އެވެ. އަދި އެމްޑީޕީ އާއި ޑިމޮކްރެޓްސް ބޭނުން ވަނީ ވަޒީރުންނަށް ރުހުން ނުދީ ސަރުކާރަށް އުނދަގޫ ކުރުމަށްކަމަށް ވެސް ތުހުމަތު ކުރި އެވެ.

ވަޒީރުންނަށް ރުހުން ދީފައި ނުވަނީ ޒާތީ ގޮތުންކަމަށް ބުނާ ވާހަކަތައް ތަކުރާރު ކުރައްވައި ޝަރީފް ވިދާޅުވީ ރާއްޖޭގައި އޮތީ ބާރުތައް ވަކިވެފައިވާ ނިޒާމެއްކަމަށާއި ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެފައިވާކަމަށް އިދިކޮޅު މެމްބަރުން ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުން ދަނީ، ރިޔާސީ ނިޒާމުގެ އަސާސްތައް ފުނޑާލުމަށްކަމަށާއި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ ބޭފުޅުން އެ ސިފަ ގެނައުމަށް ބޭނުނުން ވާތީ އެގޮތުގެ މަތީން ނޫޅެވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން، ރާއްޖޭގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ވެސް ރައްޔިތޖންގެ ކިބައިގައިކަމަށް ބުނާކަމަށެވެ. އަދި ގާނޫނުތައް ހެދުމުގެ ބާރު މަޖިލީހަށް ލިބިދީފައިވާއިރު ވެރިކަން ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަޣުލަބިއްޔަތުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަށްކަމަށެވެ.

ކަނޑައެޅިގެން ސުޕްރީމް ކޯޓަކީ ޝަރީއަތް ކުރުމާއި ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު.. އެ ބާރުގެ ތެރެއަށް ވަންނާކަށް ރައްޔިތުންގެ މަޖިލީހަށް ނުޖެހޭނެ.. ސުޕްރީމް ކޯޓުގެ އަމުރަށް މި މަޖިލީހުން އިހުތިރާމެއް ނުކުރާނަމަ އާންމު ރައްޔިތުން ކީއްވެގެން ތޯ މި ރާއްޖޭގެ ކޯޓުތަކުން ކުރާ ހުކުމްތަކަށް އަމަލު ކުރަންވީ.. މިއަދު މި މަޖިލީހުން މި ކުރަނީ، ޖަވާބުދާރީ ކުރުވުމެއް ނޫން.. ވެރިކަން ހިންގުމަށް ހުރަސްއެޅުން..

ވަޒީރުން މަގާމުތަކަށް އައްޔަނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރަކަށްވާއިރު ތިމާ ނުރުހޭ ވަޒީރަކަށް ވުމުން އަމިއްލަ ޒާތީ ގޮތްތައް ސަރުކާރުގެ ތެރެއަށް ގެނައުމަކީ އެއީ ޑިމޮކްރަސީއެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ. މިއީ އެއްގޮތަކަށް ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނޫންކަމަށާއި، އެމްޑީޕީން އުޅެނީ ވެރިކަން ހިންގުމަށް ހުރަސްއަޅައި އުނދަގޫކޮށް ޖެއްސުން ކުރުމަށްކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން ރިއާޔަތް ކުރަން ޖެހެނީ އެބޭފުޅުން ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވޭތޯ ބެލުން ކަމަށެވެ. އެހެން ނަމަވެސް ގާނޫނުއަސާސީއާއި ޑިމޮކްރަސީގެ ނަމުގައި “ޗެކް އެންޑް ބެލެންސްޑް” ގެ ނަން ބޭނުންކޮށް އަމިއްލައިން ގާނޫނަށް ގޮންޖެހުން މާ ގޯސް ނޫންތޯ ޝަރީފް ސުވާލު ކުރެއްވި އެވެ.

ގާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ ވަޒީރުންނަށް ވާން ޖެހެއެވެ.

ވަޒީރުންނަށް ރުހުން ނުލިބޭ ހާލަތެއްގައި ދެން ވާނެ ގޮތެއް ގާނޫނުގައި ބަޔާނެއް ނުކުރެ އެވެ. އަދި އެބޭފުޅުން އަލުން އަނެއްކާވެސް މަގާމަށް އައްޔަނު ކުރެވިދާނެކަން ނުވަތަ ނޫންކަން ގާނޫނުގައި ނެތެވެ. ސުޕްރީމް ކޯޓުން 2010 ގައި ގެނެސް ދިން ގާނޫނީ ލަފައަށް ބަލާއިރު އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީގެ 14 އަހަރު ކުރީގެ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: