ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެޓް ކެއަރ ހިދުމަތް: ސަރުކާރުން ހަރަދުކުރަންޖެހޭ؟

ހުޅުމާލޭގައި ބުޅާ ފެސިލިޓީ އަޅާ ބިން ކައުންސިލާ ހަވާލުކުރުން: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވި ހުރިހާ ރައްޔިތުންނަށް އެންމެ ފުރިހަމއަށް އަސާސީ ހިދުމަތްތައް ލިބޭ ގައުމެއް ނޫނެވެ. އަމިއްލަ މަސައްކަތުން ހޯދާ ފައިސާއަށް ވުރެ ބަޖެޓުގައި ގިނައީ ބޭރު ގައުމުތަކުން ސަލާން ޖަހައިގެން ހޯދާ ފައިސާއެވެ. މިއީ މިވަގުތުގެ ހަގީގަތެވެ. އަދި ރާއްޖޭގެ އެއްބަޔަކު މާލީގޮތުން އިންތިހާއަށް ތަނަވަސްއިރު، އަނެއްބަޔަކީ ލޯނު ނަގައިގެން ތަނަސްވަސްކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ބަްއެއްކަން އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަމުންދާ ގޮތުން އެނގެއެވެ.

ހަމަ މިގޮތަށް މިއަދު ރާއްޖޭގައި ގިނަ މީހުން ޕެޓްސް ގޮތުގައި އެކި ބާވަތުގެ ދިރޭ ތަކެތި އެބަ ގެންގުޅެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައިވެސް އެންމެ އަގުބޮޑުކަމަށް ފެނިގެންދާ ބައެއް ޒާތުގެ ތަކެތިވެސް އެބަ ގެންގުޅެއެވެ. އެހެންނަމަވެސް މި ތަކެއްޗަށް ބޭނުންވާ ހިދުމަތްތަކާއި އާލާތްތައްވެސް ރާއްޖެއިން ލިބުމަކީ ދަތިކަމެކެވެ. ލައްކައިން ހަރަދުކޮށްގެން ގަންނަ ތަކެތީގެ ސިއްހީ ހާލަތު ގޯސްވުމުން ފަރުވާ ދިނުމުގައި ދަތިތައް ހުރުމުން މިހާރު އިވެމުންދަނީ ލިބޭ ފަރުވާގެ އަގު ބޮޑު ވާހަކައާއި އާސަންދަ ފަދަ ސްކީމެއް ތަޢާރަފް ކޮށް ފަރުވާ ދޭން ޖެހޭ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ.

އެއްބަޔަކު ބުނާގޮތުން އެއީ ދުނިޔޭގެ ތަހުޒީބު ތަންތަނުގައި ކަން ކުރާ ގޮތެވެ. ތެދަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާ ވަރަށްވެސް ތަފާތެވެ. ބުޅާ ފަދަ ތަކެތި ގިނަވަމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށް ނިއުޓަރިންގް ކަހަލަ ހިދުމަތްތައް ބޭނުން ޖެހުމުން ގައުމީ ފެންވަރުގައި ކުރިއަށް ގެންދާއިރު އެކަން އެގޮތަށް ކުރަނީ ބުޅާ ކުއްތާ އަދި އެހެނިހެން ޖަނަވާރުތައްވެސް އިންތިހާއަށް ގިނަވުމުން އެކަމުގެ ސަބަބުން އެ ސަރަހައްދެއްގައި ދިރިއުޅޭ އެންމެނަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާތީކަން ފާހަގަކުރެވުނެވެ.

އެހެންނަމަވެސް އެފަދަ ހިދުމަތްތައް ދެނީ ގާނޫނީ ގޮތުން އެތައް އުސޫލެއް ތަންފީޒުކުރެވުމުންދާ ގައުމުތަކުގައެވެ. ރާއްޖޭގައި މިވަގުތު އެބަޔަކު ގެންގުޅޭ އެއްޗެއް ގެންގުޅެމުންދަނީ އެބަޔަކު ގެންގުޅޭނެ ގޮތަކަށެވެ. އެންމެން ނޫނަސް ގިނަ މީހުން ޖަނަވާރު ގެންގުޅެނީ ޖަނަވާރެއް ގެންގުޅުމަކީ މަގުބޫލުކަމަކަށް ވާތީއެވެ. ތަހުޒީބު ގައުމުތަކުގައި ވެކްސިން ދިނުން ފަދަ ކަންކަން ކުރުން ބައެއް ބާވަތުގެ ޖަނަވާރު ގެންގުޅޭއިރު މަޖުބޫރު ކުރެވިފައިވާއިރު އެކަމަށްވެސް ހަރަދުކުރަނީ އަމިއްލަ ޖީބުންނެވެ. ކުރަންވެސް ޖެހެއެވެ. ނުކުރާނަމަ ގާނޫނީ ފިޔަވަޅުވެސް އަޅާނެއެވެ.

ހަމަ އެގޮތަށް ނިޔަފަތިކަނޑާ އެތަކެތި ފެންވަރުވައި ތިއްތި ކޮށްދޭކަށް ސަރުކާރަކުން ހަރަދެއް ނުކުރެއެވެ. މަޖުބޫރު ނޫނަސް އެ ހިދުމަތަށް ހަރަދު ކުރަންޖެހުނީ އަމިއްލަ ޖީބުންކަމަށްވާއިރު، ޒަހަމެއް ލިބުމުން ހަދަން ޖެހުނު ޓެސްޓުތަކާއި ދޭންޖެހުނު ފަރުވާ އަދި ގަންނަން ޖެހުނުހާ ބޭހަކަށްވެސް ހަރަދުކުރަންޖެހުނީ އަމިއްލަ އަތުންނެވެ. މިއީ ތަހުޒީބުކަމަށް ބުނާ ޔޫރަޕުގައި ކަން އޮތް ގޮތެވެ. މިއީ މިއަދު ގޫގުލް ކޮށްލިޔަސް ފެންނާނެ ހަގީގަތެކެވެ.

އެނިމަލް ޝެލްޓާރތައްވެސް ހުރެއެވެ. އެހެންނަމަވެސް ގިނައީ ކިލް ޝެލްޓަރ ނުވަތަ ވަކި ދުވަހެއް ގެންގުޅުމަށްފަހު ނައްތާލާނެ ޝެލްޓަރތައްކަމަށްވާއިރު، އެނިމަލް ރައިޓްސް އެކްޓިވިސްޓުންގެ ބުރަ މަސައްކަތުން ނޯކިލް ޝެލްޓަރތައްވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގައެވެ. އެހެންނަމަވެސް އިންތިހާ ބޮޑެތި ހަރަދުތައް ކުރަންޖެހެއެވެ. ރާއްޖޭގައި ސަރުކާރުން ޖަހައިދީގެން އުޅޭ ބުޅާ ބަލަހައްޓައިދޭ ތަނަކީ ގާތް ގަނޑަކަށް މިފަދަ ތަނެކެވެ. އެހެންނަމަވެސް އެ ގައުމުތަކުގައި އެތަންތަން ހިންގަނީ ހެޔޮ އެދޭ ފަރާތްތަކުގެ ޑޯނޭޝަންތަކުންނާއި ސަރުކާރުތަކުގެވެސް އެހީ އަދި ޖަމިއްޔާ ޖަމާއަތްތަކުގެވެސް އެހީއާއިއެކުއެވެ. އެ ގައުމެއްގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަކަށް ނޫނެވެ. ޔަގީނުވެސް މުޅިން ސަރުކާރުންނެއް ރައްޔިތުން ގެންގުޅޭހާ ޖަނަވާރެއް ނުބަލަހައްޓާނެއެވެ.

ގައުމުތަކުގައި ވެޓް ކްލިނިކްތައް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ބެލުމުގެ ދަށުންވެސް ހިންގާއިރު، އާންމު ހާލަތެއްގައި އިމާރާތާއި ވަސީލަތްތައް ގާއިމުކޮށް ހިދުމަތްތައް ލިބޭނެ މަގު އިންތިޒާމުކޮށްދިނުމުން ސަރުކާރުގެ ބަޖެޓުން އަދާކޮށްދޭނެ ދައުރު ނިމިގެންދެއެވެ. އެއަށްފަހު ހިދުމަތްތައް ލިބިގަތުމާއި އެ ހިދުމަތުގެ އަގު ދެއްކުންވެސް އޮންނަނީ ލިބިގަންނަ ފަރާތެއްގެ ޒިންމާގެ ގޮތުގައެވެ. އާހިރުގައި އެންމެން ޖަނަވާރު ނުގެންގުޅޭކަމަށްވުމުން އެކަމަކީ އެންމެނަށް ބޭނުންޖެހޭ ހިދުމަތަކަށް ނުވެއެވެ. އެހެންކަމުން އެންމެނަށް ހައްގު ޓެކްސް ފައިސާއިން އެއް ބަޔަކަށްޓަކާ އެކަނި މުނިފޫހިފިލުވުމާއި ގުޅިފައިވާ ހިދުމަތެއް ދެމުންގެންދިއުމަކީި އިންސާފުވެރިކަމަކަށް ނުވާނެކަން ކަށަވަރެވެ.

ދުނިޔޭގެ ގައުމުތަކުގައި މިފަދަ މަސައްކަތްތައް ކުރަނީ ކުރިންވެސް ދެންނެވި އުސޫލުން ހެޔޮ އެދޭ ފަރާތްތަކާއި މަސްލަހަތު ހިމެނޭ ފަރާތްތަކުގެ އިތުރުން ޝައުގުވެރިވާ ފަރާތްތަކުގެވެސް އެހީ އާއިއެކުއެވެ. ރާއްޖެއަކީވެސް މިއަދު ބައިނަލްއަގުވާމީ މައިދާނުގައި އެދުނު ކަމެއް ހާސިލުކުރަމުންދާ ގައުމެއްގެ ގޮތުގައި ފެނިގެންދެއެވެ. އެހެންކަމުން ރައްޔިތުންގެ ތެރެއިން އެއް ބަޔަކު ނަމަވެސް މިކަމަށް އެދޭކަމަށްވުމުން އެހެން ކަންކަމަށްވެސް ފައިސާ އާއި މަގު ފަހިކުރާ އުސޫލުން މިކަމަށްވެސް ބޭރު ގައުމަކުން ނުވަތަ ޖަމިއްޔާއަކުން ނުވަތަ ޝައުގުވެރިވާ ފަރާތަކުން އެހީ ހޯދުމަކީ ކުރެވިދާނެކެމެކެވެ. އެއީ ޓެކްސް ފައިސާ ހަރަދުކުރާ ދޫނިސޫފާސޫފި އަށް ލޯބިކުރާ މީހުންނަށް ހައްގުވާނެ މިންވަރެއްކަން ކަށަވަރެވެ.

އެހެންނަމަވެސް ރާއްޖޭގައި މި ދާއިރާއަށް އިންވެސްޓުކުރާނަމަ އެންމެ ފުރަތަމަ އިންވެސްޓުކުރަންވީ ދިވެހިރާއްޖޭގައި އުޅެ އާލާވާ ތަކެއްޗާއި ވެށިޠައް ހިމާޔަތްކުރުމާއި މަދުވެފައިވާ ތަކެތި އާލާކޮށް އަލުން އަނބުރާ ވެށިތަކަށް ދޫކުރުމުގެ މަސައްކަތްތަކެވެ. އަދި ރާއްޖެއަށް ގަވައިދުން ޒިޔާރަތްކުރާ ތަކެއްޗަށް ދެމެހެއްޓިނިވި ގޮތެއްގެ މަތިން އެ ދަތުރުތައް ކުރެވެމުންދާކަން ކަށަވަރުކުރުމަށް އެފަދަ ޒިޔާރަތްކުރާ ތަންތަނާއި ތަކެތި ދެނެގަނެ ވެށި ހިމާޔަތްކުރުމާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވާނަމަ ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައްވެސް ކުރަންވީއެވެ. އިމްޕޯޓެޑް ތަކެތީގެ ވާހަކަތައް ދައްކަންވާނީ ވެއްޓަށް ނިސްބަތްވާ ދިރުންތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިވެސް އެކުގައެވެ. ނުވަތަ އެއަށް ފަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: