ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އިންތިހާބު ފަސްކުރަން ބޭނުން ނުވާތީ، އީސީ ވެސް އެގޮތުގައި އޮވެގެން ނުވާނެ: ޔާމީން

ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރި ދުވަހު އެމަނިކުފާނާއި އެކު ރައީސް މުއިއްޒު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް، ފާސް ކުރުމުން ވެސް އެއަށް ބޯ ނުލަނބައި ސަރުކާރު ހިންގާ ޕާޓީގެ ވިސްނުމާއި އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އޮތުމަކީ ބަލައިގަނެވޭނެކަމަށް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދަނީ މިހާރު ގާނޫނު އޮތް ގޮތުން ވޯޓުލުން ރޯދަ މަހު ކުރިޔަށް ގެންދިއުން ނޫން ގޮތަކަށް ތާރީހުތައް ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.

އެ ސަބަބާ ހުރެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅައި، މަޖިލީހުން މަޖިލީހުން ވަނީ ރޯދަ މަހަށް އިންތިހާބު ދިމާވާނަމަ، 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް ފާސްކޮށްފަ އެވެ. ފެބްރުއަރީ 11 ގައި ބިލު ފާސް ކުރިއިރު ރައީސް މުއިއްޒު ހުންނެވީ ދުބާއީ ދަތުރުފުޅުގަ އެވެ. އަދި އެފަހުން ރާއްޖެ ވަޑައިގެންނެވިތާ ހަފްތާއެއް ވިއިރު ވެސް ބިލު ތަސްދީގު ނުކުރައްވަ އެވެ. އަދި އެމަނިކުފާނު ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުން ދޭހަވާ ގޮތުގައި ވިސްނުން ހުރީ ރޯދަ މަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ.

ސަރުކާރުގެ މައި ދެ ޕާޓީ ޕީޕީއެމް/ޕީއެންސީ މިހާރު ބޭނުން ވަނީ ރޯދަ މަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. ކޮމިޓީ މަރުހަލާގައި އާއި، މަޖިލީހުގައި މެމްބަރުން ވޯޓު ދިނީ ބިލާ ދެކޮޅަށެވެ. އެކަމަކު އޭގެ ކުރިން އެބޭފުޅުން ވެސް ވިދާޅުވަމުން އައީ، މަޖިލިސް އިންތިހާބު ފަސް ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. މި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ރޯދައިގެ ފަހަށް ތާރީހެއް ނުދޭނަމަ އީސީގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެކަމަށް ބުނެފަ އެވެ.

މައްސަލަ ހޫނުވެ ރޭ ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ހޮވާފައި ތިބި މަންދޫބުންތަކެއް ނިންމީ، މަޖިލިސް އިންތިހާބު ފަސްކުރުމަށްކަމަށާއި އެކަމަކު އަދިވެސް އިލެކްޝަންސް ކޮމިޝަނުން އެއަށް ބަހެއް ބުނަން ބޭނުން ނުވާ ކަމަށެވެ. ރޯދަ މަހެއްގެ ތެރޭގައި އިންތިހާބެއް ބޭއްވުމުން، ވޯޓުލާން ނިކުތުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެހެންކަމުން އެ ނޫން ތާރީހުތަކެއް ލިބެން ނެތްކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން ވެސް ބަހެއް ނުބުނެ އޮންނަން ވީތޯ ރައީސް ޔާމީން ސުވާލު އުފެއްދި އެވެ.

މުވައްސަސާތަކުގެ ތެރެއިން، އެންމެ ފަހު ބަސް ބުނާނެ އެއްތަނަކީ ރައްޔިތުންގެ މަޖިލީހަށްވާއިރު މެމްބަރުން ފާސް ކުރި ގޮތަށް އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް ނިންމުމުން، އެ ތަސްދީގުކޮށްފައި ނުވާތީ ރައީސް ޔާމީން ކަންބޮޑުވުންފާޅު ކުރެއްވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ މައި ޕާޓީ އިންތިހާބު ފަސްކުރަން ބޭނުން ނުވުމަކީ، އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަން ނުކެރި ތިބެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކު ވެސް އިއްތިފާގުވާ ގޮތުން، ރަމަޟާން މަހު އިންތިހާބު ބޭއްވުން ރަނގަޅެއް ނޫނެވެ. އަދި ސިޔާސީ ގޮތުން ހަރަކާތްތައް ހިންގުމަށް ވެސް އެއީ، އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމީޝަންއަކީ ވެސް ރައްޔިތުންގެ މަޖިލިސްއަށް ޒިންމާދާރުވާން ޖެހޭ ތަނެއް.. ރައްޔިތުންގެ މަޖިލީހުގެ.. ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއްގެ ރައުޔު އެއޮތީ، ބުނެފަ އިންތިހާބު ބާއްވާނެ ދުވަހަކާ ގުޅޭގޮތުން.. އެކަމަކު އަދިވެސް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާނެ ދުވަހެއް ބަދަލެއް ނުކުރައްވާ.. އިލެކްޝަންސް ކޮމިޝަނުން ނުޖެހޭ، ސަރުކާރު ހިންގާ ޕާޓީން ބުނާ ބަހަކަށް މީގަ ބަލާކަށް.. ހުރިހާ ރައްޔިތުން މި ބުނަނީ، ރަމަޟާން މަހު މިކަން ކުރުން އެއީ ތިމަންނާމެން އެދޭ ގޮތެއް ނޫނޭ… ކުރެވޭނެކަމެއް ނޫނޭ.. އަދި އެންމެން ވެސް ގަބޫލު ކުރޭ، މިއީ ސިޔާސީ ހަރަކާތުގައި ފަސޭހަކަމެއް ނޫންކަން..

ރައީސް ޔާމީން ވިދާޅުވީ އީސީން ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް، ބޯ ނުލަނބާ ސަބަބެއް ވެސް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މުއްދަތުގެ ވާހަކަ ތަކުރާރުކޮށް ފާހަގަކުރިނަމަވެސް އެއީ ކޮމިޝަނަށް އޮތް ބަހަނާއެއް ނޫން ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، މަޖިލީހުން ގޮތެއް ކަނޑައެޅުމުން އީސީގެ މެމްބަރުން އެއީ މާ މަތީ ބައެއްކަމަށް ގަބޫލު ކުރެވި ތާރީހު ކަނޑަނަޅާއި ތިބުން ބަލައިނުގަނެވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްވާތާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ވާނެކަމަށެވެ. އަދި ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރަންވާނެކަމަށް ވަނީ ބުނެފަ އެވެ. ނުވަތަ އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު މަޖިލީހަށް ފޮނުވަން ވާނެކަމަށެވެ.

އެ މާއްދާގެ (ށ) ގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށް ފޮނުވާބިލެއް ތަޞްދީޤުކުރާން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެކަމަށް އެ މާއްދާގެ (ނ) ގައި ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 33%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: