ތަރައްގީ ގެނެސްދިނުމަށް ބޭނުންވާ އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވ ކެޔޮދޫގައި ދެއްކެވި ވާހަކައިގައިވެސް ރައީސް ފާހަގަކުރެއްވީ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވާނެކަމުގެ ވާހަކައެވެ. ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކެޔޮދޫގައި ބިމުގެ ޖާގަ އިތުރުކޮށްދެއްވުމަށް ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަވާނެކަމަށާއި، އެއީ ވައުދުވީ ގޮތަށް ފުއްދުމަށް ބަޖެޓުގައިވެސް ހިމަނާފައިވާ މަޝްރޫއުއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެޔޮދޫގެ ކުނީގެ މައްސަލަ ފާހަގަކޮށް ރައީސް ވިދާޅުވީ، މި މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމަށެވެ.
ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށްދެއްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޑޮކްޓަރންގެ ފެންވަރު ރަނގަޅުކުރުމަށް، މިހުރީވެސް ހަމަ މިހާރުން މިހާރަށް މުހިންމުވެފައި ހުރި ކަންކަން.
ރައީސް ވިދާޅުވިއެވެ.
ސުކޫލުގެ ފެންވަރުވެސް ރަނގަޅުކޮށް، ކުޅިވަރު ކުޅުމަށް ބޭނުންވާ ކަންކަންވެސް ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުވެސް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ކަންކަން ކުރެވެން އަންނަނީ އާމްދަނީ އިތުުރުކޮށްގެންކަމަށެވެ. އެހެންކަމުން އެކަމަށް އަމާޒު ހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދަވަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަން ފާހަގަކޮށް، ކެޔޮދޫގައި ލޯކަލް ޓޫރިޒަމް ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ. މަސައްކަތް ފަށާ، ކުރިއަށް ނުދިއުމުގެ ސަބަބުން، މަސައްކަތް ނުނިމި ހުރި ރިސޯޓުތައް ކުރިއަށް ގެންދިއުމަށް އެކި ފުރުސަތުތައް ސަރުކާރުން ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބެން ހުރި ނަފާތައް ހޯދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް، ހުސްކޮށް ހުރި ފަޅު ރަށްތައް ނެގުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މި ރަށްރަށުގައި ވިޔަފާރިތައް ކުރިއަށް ގެންގޮސް، ރަށަަށް ލިބޭ އާމްދަނީ އިތުރު ކުރެވޭނެކަމަށެވެ.
ކައުންސިލްތަކުން ދައްކަން ޖެހޭ މިސްކިތްތަކުގެ ކަރަންޓު ބިލަށް ގެނެސްދެއްވާފައިވާ ލުއިތައް ފާހަގަކޮށް ރައީސް ވިދާޅުވީ މި މަގުންވެސް ކުރާ ހަރަދު މަދުކޮށް، އެހެން ކަންކަމަށް ފައިސާ ރައްކާ ކުރެވޭނެކަމަށެވެ. ސީދާ ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންކަމަށް ރައިސް ތަކުރާރުކޮށް ފާހަގަ ކުރެއްވިއެވެ.

