ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާތަކަަށް ހާޒިރު ނުވެ މެންބަރުން، ފޯރިއާއި އެކު ދެވަނަ ދައުރުގެ ކެމްޕެއިންގައި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ލިޔެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ރައްޔިތުން ތަމްސީލު ކުރާނެ މަންދޫބުންތަކެއް ތިބޭ ތަނެއްގެ ގޮތުގައެވެ. އަދި އަމިއްލަ މަސްލަތު އިސްނުކޮށް، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެކަމަށެވެ.

މަޖިލީހަށް އިންތިހާބުވުމަށްޓަކައި، ރައްޔިތުންނާއި ގާތުން ކުރާ ކެމްޕެއިންގައި ކޮންމެ މެންބަރަކުވެސް ދައްކަވަނީ ގެނެސްދެއްވާނެ ތަރައްގިއާއި، ކޮށްދެއްވާނެ ކަންކަމުގެ ވާހަކައެވެ. ދާއިރާގެ ރަށްތަކަށް ބޭނުންވާ ކުރިއެރުމާއި، ހައްލު ނުވެ ހުރި މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ވާހަކައެވެ. ފެނާ، ނަރުދަމާގެ ނިޒާމު ހަރުދަނާކޮށް، ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކޮށް، ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ވާހަކައެވެ.

ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދެއްވާނެކަމުގެ ވާހަކައިގެ ތެރެއިން ހަނދު ނަގާ އަތަށް ލައިދޭ ހިސާބަށް ވާހަކަތައް ދެއެވެ. މި ދަލުގައި ޖެހި ކުރިއަށް އޮންނަ 5 އަހަރު ދުވަހަށް މެންބަރަކު ރައްޔިތުން އިންތިހާބު ކުރަނީ ވަރަށް ފޮނި އުއްމީދުތަކަކާއިއެކުއެވެ. ކުލަ ޖައްސަވާނެކަމަށް އެ ވިދާޅުވީ މަންޒަރު ފުރިހަމަވުމުގެ އުއްމީދުގައެވެ.

ނަމަވެސް އިންތިހާބުވާ ހިސާބުން މަންޒަރު ބަދަލުވީއެވެ. ދެއްކެވި ވާހަކަތައްވެސް ބަދަލުވެއެވެ. އިންތިހާބު ތެރޭގައި އެއް ރިންގުން ފޯނަށް ޖަވާބު ދެއްވި މެންބަރަށް، އެހާ ހިސާބުން ރައްޔިތުންނެއް ނުފެނެއެވެ. ރައްޔިތަކު ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް އޮތް ނަމަވެސް ހިއްސާކުރެވޭނެ ގޮތެއް ނޯވެއެވެ. މެންބަރާއި ޕާޓީއެވެ. ރައްޔިތުން ވީ ހާލެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރަ ލައްކައަކާއި ގާތްކުރާއިރު، އެ މުސާރައަށް ހައްގު މަސައްކަތްތަކެއް މެންބަރުންނަށް ކުރެވޭތޯ، މިއީ އުފަންދަން ރަނގަޅު ސުވާލެކެވެ. މަހެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއް މެންބަރުންގެ މުސާރައަށް ހަރަދުކުރާއިރު، 87 މެންބަރުން ތިބޭ މަޖިލީހުން ކިރިޔާ ކޯރަމް ހަމަވާވަރަށް މެންބަރުންނަށް މަޖިލީހަށް ހާޒިރުނުވެވެއެވެ. ކޯރަމް ހަމަނުވެގެން އެތައް ދުވަހެއްގެ ޖަލްސާތައް ކުރިއަށް ނުގެންދެވެއެވެ.

މަޖިލީހުގައި ފަސް އަހަރުގެ ދައުރެއް ހޭދަ ކުރައްވާ ވަޑައިގަންނަވަން ތިއްބެވި އެތައް މެންބަރެއްގެ ކޮށްފައިވާ ހަމަ އެންމެ މަސައްކަތެއް ނެތިވެސް ދެއެވެ. ހުށައެޅި މައްސަލައެއް، ބިލެއް ގަރާރެއް ނެތް މެންބަރުން ތިއްބެވިއިރު، ހައްގުވާނީ ކޮން މުސާރައެއްތޯއެވެ. ރައްޔިތުންގެ ހައްގުގައި ބަހެއް ނުބުނެ، މަޖިލީހުގެ ދައުރު ނިންމާ ވަޑައިގެން މެންބަރުންވެސް އެބަތިއްބެވިއެވެ. މަޖިލީހަށް މުހިންމު މައްސަލައެއް ހުށައެޅޭ މަދު ފަހަރުވެސް، ކަން އޮތް ގޮތަށް ވިސްނާ ރައްޔިތުންގެ ހައްގުގައި ވޯޓު ދެއްވާ މެންބަރަކު މަޖިލީހުގައި މަދެވެ. ޕާޓީއިން ނެރޭ ވިޕަކަށް ނުވަތަ އަންގާ އެންގުމަކަށް ވޯޓު ދޭ މެންބަރުން ގިނައިރު، ކޮމިޓީއަށް ހުށައެޅޭ ބިިލްތަކާއި، އެހެންވެސް މަސައްކަތްތައް ހަގީގަތުގައި ދިރާސާ ކުރެވެނީ ކިހާ މިންވަރަކަށްތޯއެވެ. ކޮމިޓީ މަސައްކަތުގައި އަމަލީ ސިފައެއްގައި ބައިވެރިނުވާ އެތަކެއް މެންބަރަކު، ކޮމިޓީއަށް ވަދެ ފޮތުގައި ސޮއިކޮށް، ކޮމިޓީ އެލަވަން ނަންގަވާތޯއެވެ.

ދެން އޮތީ އަދަބު އަހުލާގުގެ ވާހަކައެވެ. ތިމާ ބޭނުން ނުވާކަމެއް ތަޅުމުގައި ކުރަނީނަމަ، ދުންމާރި ފުމެ، އަޑުގަދަކޮށް މަޖިލީހުގެ ހުރުމަތް ކަނޑާލާ މަންޒަރު މިއީ، ހަމައެކަނި މި ފަސް އަހަރު ފެނުން މަންޒަރުތަކެއް ނޫނެވެ. ޒަމާނުން ސުރެވެސް މަޖިލީހުގައި އޮތް ސަގާފަތެކެވެ. ކަން ކުރަންޖެހޭ ގޮތަކީ އެއީ އޭ ހީވާ މިންވަރަށް، ބަލައިނުގަނެވޭ ކަންކަން މަޖިލީހުގެ ތަޅުމުގެ ތެރޭގައި އާންމުވެފައިވާއިރު، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލައިފިއެވެ. މިއީ ސަރުކާރެއް، އިދިކޮޅެއް ނެތި ޒިންމާވެ، ހައްލު ކުރަން ޖެހޭ މައްސަލަތަކެވެ. ވެރިކަމުގައި އޮންނަ ޕާޓީވެސް މިފަދަ ކަންކަމުގައި ބައިވެރިވެއެވެ. މިއީ ވަކި ސަރުކާރަށް ޖެއްސުން ކުރަން އިދިކޮޅުން ކުރާ މަސައްކަތެއް ނޫނެވެ.

ކުރިއަށް މަޖިލީސް އިންތިހާބު އޮތްއިރު، ދެވަނަ ދައުރަކަށް ވާދަ ކުރައްވާ މެންބަރުންގެ ތެރޭގައި މިފަދަ ކަންކަން އެންމެ ބޮޑަށް ޕްރޮމޯޓުކޮށް، އެކަންކަމަށް ހިތްވަރުދިން މެންބަރުންވެސް އެބަތިބިއެވެ. ދެވަނަ ދައުރަކަށް ވާދަކުރުމަށް އެފަދަ މެންބަރުންނަށް ޕާޓީތަކުގެ ޓިކެޓު ކާމިޔާބު ކޮށްދީފައިވާއިރު، މިއީ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަންކަމެެވެ.

ކަޅާއި ހުދުން ގާނޫނު އަސާސީގައި މުޅި ރާއްޖެ އިސްލާހު ކުރެވޭނެހާ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން އަމަލު ކުރަންވީ މާއްދާތަކާއި އުސޫލުތައް ހުރިއިރު، އެކަންކަން އެގޮތަށް ނުވީމައި، ޖަވާބުދާރީ ކުރެވޭނެ މެންބަރުންތަކެއް މަޖިލީހަށް ހޮވުމަކީ މުހިންމުކަމެކެވެ. އާރާއި ބާރު ހުރި ވެރިންގެ ނުފޫޒުން އެއްކިބާވެ ގާނޫނުއަސާސީ ތަންފީޒްކޮށް، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ މެންބަރުންތަކެއް ހޮވުމަކީ މުހިންމުކަމެކެވެ. 5  އަހަރުން، 5 އަހަރުން ލިބޭ ފައިސާ ކޮޅަކަށް ނުވަތަ، އާ ކުރެވޭ ގޭގެ ފަރުނީޗަރު ކޮޅަށް ހައްގު ވިއްކާލުމުގެ ކުރިން، ދެން އޮތް ފަސް އަހަރާއިމެދު ވިސްނާލުން މާ މުހިންމެވެ.

މަޖިލީހަށް ވާދަކުރުމަށް މާ ބޮޑެތި ޝަރުތުތަކެއް ނުހުންނައިރު، ކުލައަށް ނުބަލާ، ގާބިލް މެންބަރު ހޮވުމަށް ވޯޓު ދިނުމަކީ ފަރުދީ ޒިންމާއެކެވެ. މެންބަރުން އިންތިހާބު ކުުރުމަށްފަހު، މެންބަރުން ކުރާ ކޮންމެ ކަމަކަށް ފާޑު ކިޔުން އެއީ ހައްލެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: