މި ސަރުކާރުން، ހިންނަވަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ފާދިއްޕޮޅު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިންނަވަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ގެދޮރުވެރިކުރުވުމުގެ މަސައްކަތުގެ އިތުރުން، އުމްރާނީ ތަރައްޤީގެވެސް ގިނަ މަޝްރޫޢުތައް ހިންނަވަރުގައި ހިންގަން ޖެހިފައިވާކަމަށެވެ. އެގޮތުން މަގު ހެދުމާއި، ބަނދަރުގެ މަސައްކަތްވެސް ބަދަލުތަކާއެކު ކުރިއަށްގެންދަވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ހިންނަވަރުގެ ހިއްކާފައިވާ ސަރަހައްދުގައި ފެނާ ކަރަންޓު އަދި ނަރުދަމާ ފަދަ އަސާސީ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުތެރޭގައި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ ދިވެހި ރައްޔިތެއްވެސް އެމަނިކުފާނަށް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އަޅުގަނޑު ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ހަމަހަމަ ވާނެ. އެމީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން.

ހަމަ އެއާއެކު ކޮންމެ ދިވެހި ރައްޔިތަކުވެސް ކިތަންމެ އާބާދީ ކުޑަ ނުވަތަ ބޮޑު ރަށެއްގައި ހުއްޓަސް މިހާތަނަށް ހަޤީޤަތަކަށް ނުވެ ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައިދީ އެކަންކަން ހަޤީޤަތަކަށް ހަދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ހިންނަވަރަށްވެސް ލިބެންޖެހޭ ފުރިހަމަ ހައްޤު ހޯއްދަވައިދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިންނަވަރަކީ، ރައީސް ފާދިއްޕޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ދެވަނަ މަންޒިލެވެ.