ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޫމްކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހާ އަލުން ބަންދަށް!

މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް، 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބޭ އަނީސް ހިލްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 11 އަހަރުގެ ކުޑަކުއްޖެއް ގެސްޓްހައުސްއަކަށް ގެންދިއުމަށް ފަހު ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަނީސް ހިލްމީ ދަށު ކޯޓުން ދޫކޮށްލީ ގޯސްކޮށްކަމަށް ކަނޑައަޅައި އޭނާ އަލުން ބަންދު ކުރަން ހައިކޯޓުން އަމުރެއް ނެރެފި އެވެ.

މާލޭގެ ގެސްޓް ހައުސްއެއްގައި ގްރޫމްކޮށްގެން، 11 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައިގައި ޝަރީއަތް ނިމެން ދެން ހިލްމީ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2020، ޖޫން 20 ގަ އެވެ. މި މައްސަލަ ނިމެން ދެން ހިލްމީ ބަންދުގައި ބެހެއްޓުމަށް އަމަރުކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ.

11 އަހަރުގެ ކުޑަކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ، ގްރޫމްކޮށްގެން އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންދިޔަކަމުގެ ތުހުމަތު ކުރެވޭ އަނީސް ބަންދުން ދޫކޮށްލީ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ބަންދުގައި ހުރިއިރު ގަވައިދާ ހިލާގު އެއްވެސް ކަމެއް ނުކުރާކަށް ނިންމައި ކްރިމިނަލް ކޯޓުން ހިލްމީ ދޫކޮށްލީ މައްސަލައިގައި ހެކި ބަސް ނެގުން ވެސް ނިމިފައިވާކަމަށް ބުނެ އެވެ.

ސިޔާސީ ބައެއް މީހުންނާއި އެކު އަނީސް އުޅޭ މަންޒަރު ފެންނަ ބައެއް ފޮޓޯތަކެއް ވެސް އާންމުވެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ދޫވުމަކީ އެއްވެސް ގޮތަކަށް ބަލައިގަންނަކަމެއް ނޫންކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ އެފަދަ ތުހުމަތު ކުރެވޭ މީހުންތައް ބަންދުން ދޫވުމުން، އިސްތިއުނާފު ކުރުން އަވަސް ކުރަން ޖެހޭކަމަށެވެ.

މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނެރުނު އަމުރުގައި ވަނީ މައްސަލައިގައި ހެކި ބަސް ނަގައި ނިމިފައި އޮތުން އެއީ އޭގެ މައްޗަށް އެކަނި ބިނާކޮށް ދައުވާ ލިބޭ މީހަކު ވަންދުން ދޫކޮށްލަން އެކަށީގެންވާ ސަބަބެއް ނޫންކަމަށެވެ. ހައިކޯޓުގެ ނިންމުމުގައި ވަނީ ބަންދުގައި ބަހައްޓާފައިވާ ހާލަތު ބަދަލުވުމުން، އެ މީހަކު ބަންދުން ދޫކުރެވޭނީ އަސްލު މައްސަލައަށް އަސަރު ނުކުރާ ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި ބަންދުން ދޫކުރުމުގެ ޝަރުތުތަކާއި އެއްގޮތަށް އަމަލު ކުރާކަން ބެލެހެއްޓޭނެ ގޮތެއްގެ މަތީންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހުކުމުގައި ބުނެފައި ވަނީ ގޭބަންދަށް މީހަކު ބަދަލު ކުރާޏަމަ، އެކަން ކުރަން ޖެހޭނީ ގާނޫނީ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެފަދަ އެއްވެސް އުސޫލެއް ނެތި، އެ މޭރުމުން އަމަލު ނުކުރެވޭނެކަމަށް ހުކުމުގައި ވެއެވެ. ގިނަ ނުކުތާތައް ފާހަގަކުރުމަށް ފަހު ހުކުމުގައި ވަނީ އަނީސް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އޭނާ އަލުން ބަންދު ކުރުމާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ދެން ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް އަންގާ ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްކެވީ ފަނޑިޔާރު ދީބަނާޖް ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ. މައްސަލައިގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ދީބަނާޖެވެ.

މި މައްސަލައިގައި އަނީސްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުވެ އިއްވި އެއް މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ. މިހާރު ކުރިޔަށް ދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ބާކީ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ގްރޫމްކުރުމުގެ ކުށުގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތް ލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: