ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލު އުފައްދައި ފާޑުކީދާނެ، ކަނޑުގެ މައްސަލައާއި އިންޑިއާގެ ސިފައިން ފޮނުވާލުން ކާމިޔާބު ކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުނު ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމާއި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ކުރަމުން ގެންދާ މަސައްކަތާ މެދު ބަޔަކު ސުވާލެއް އުފެއްދި ނަމަވެސް ނަތީޖާ އޮތީ ފެންނަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމާއި ކަނޑުގެ ސަރަހަދުން ގެއްލުނުބައި އަނބުރާ ހޯދުމެވެ. އެ މަސައްކަތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާއިރު، އިންޑިއާގެ ސިފައިން ތިބި އެ ޕްލެޓޫންގެ އޮފިސަރުން މިހާރު ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އަދި އިންޑިއާ ދެމެދު އެއްބަސްވި ގޮތަށް، އަންނަ މަހުގެ 14 ގެ ކުރިން ބާކީ ތިބި އޮފިސަރުން ވެސް ދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި މައްސަލަ ނިމިގެން ދިޔައީ ރާއްޖެއަށް ގެއްލުންވާ ގޮތަށްކަމަށް ކަމުގެ މާހިރުން ގަބޫލު ކުރެ އެވެ. އެހެންވެ ސަރުކާރުގެ ހަފްތާ 14 ދަށުން ނިންމާފައި އޮތީ ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމަށެވެ. އެ މަސައްކަތަށް ޓީމެއް އެކުލަވާލުމަށް ފަހު، ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީސްގެ ވެބްސައިޓު ދައްކާ ގޮތުގައި މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފަ އެވެ.

ވެރިކަމަށް އައުމަށް ވާހަކަ ދެކެވުނު މިންވަރާ ގާތަށް، މި މަސައްކަތް ކުރެވޭތޯ އާއި އަދި ރައްޔިތުންގެ އުންމީދާ އެއްވަރަށް ކާމިޔާބު ހޯދިފައި ވޭތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ މި ދެކަމުގައި ވެސް ވަރަށް ބޮޑެތި ގިނަ މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި މިއީ ގަދަބާރު ދައްކައި، އެއްވެސް ޑިޕްލޮމެސީގެ ހަމައެއް ނެތި ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސައްކަތާއި މެދު ބައެއް ސުވާލުތައް އަންނަކަމަށާއި، އެހެން ނަމަވެސް ނަތީޖާ އޮތީ ފެންނަން ކަމަށެވެ. މަޝްވަރާތައް ކުރުމަށް ފަހު، އެއްބަސްވި ގޮތަށް އިންޑިއާގެ ސިފައިން އެއްވެސް މައްސަލައެއް ނުޖެހި މި ގައުމު ދޫކޮށް ދާނެކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

އިންޑިއާގެ ސިފައިން ފޮނުވާލުން.. މިއީ ގިނަ މަސައްކަތްތައް ކުރަން ޖެހިފައި އޮތްކަމެއް.. އަޅުގަނޑުމެން އޭގައި ގަދަ ބާރު ދައްކައިގެން.. އެހެން ނޫނީ އެއްވެސް ކަހަލަ ޑިޕްލޮމެސީގެ ހަމައެއް ނުގެންގުޅުނު ނަމަ، ކާމިޔާބު ނުވާނެކަމެއް.. އަޅުގަނޑުމެންނަށް ކްރިޓިސިޒަމް އެބަ އާދޭ، މިކަން ކުރަނީ ރަނގަޅަށް ނޫންކަމަށް.. އެހެން ނަމަވެސް ނަތީޖާ އެބަ ފެނޭ..

ރައީސް ވިދާޅުވީ ވައުދުވި ގޮތަށް ކާމިޔާބީއާ ހަމައަށް ދެވޭނެކަން ރައްޔިތުން ގަބޫލު ކުރާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ތިން ޕްލެޓްފޯމް އޮތް އިރު، އޮފިސަރުން ފޮނުވާލުމަށް ފަހު ބޭނުން ވަނީ ދިވެހިން އެ މަސައްކަތާ ހަވާލުވުމަށް ކަމަށެވެ. އެކަމަކު ތަމްރީނަށް ވަގުތު ނަގާނެތީ، އެ މުއްދަތުގެ ދެމެދު މަދަނީ ބަޔަކު ގެންނަނީކަމަށް ވިދާޅުވި އެވެ.

ދެން އޭގެ ބަދަލުގަ އަންނަނީ މަދަނީ މީހުންނެއް ނޫނޭ.. އެއީ ހަމަ ޔުނިފޯމު ބޭލުމޭ.. މިއީ ހަމަ ހުސް ސްޕެކްޓެކިއުލޭޝަންތައް.. ހަގީގަތެއް ނެތްކަމެއް..

މީގެއިތުރުން ކަނޑުގެ މައްސަލައިގައި ރައީސް ވިދާޅުވީ، ވެރިކަމަށް އައުމަށް ފަހު ބެލި ބެލުމުން ކަނޑު އަނބުރާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މާބޮޑުކަން ދެނެގަނެވުނު ކަމަށެވެ. އެ މަސައްކަތް ބަންޑާރަ ނައިބު އަހުމަދު އުޝާމް އިސްވެ ހުންނަވައި ކުރިޔަށް ގެންދަވާއިރު ކޮންމެ ދެ ހަފްތާއަކުން މަސައްކަތުގެ އަޕްޑޭޓު ހޯއްދަވާކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑުގެ މައްސަލައިގައި ރާއްޖެއާއި، ބޭރުގެ ގާނޫނީ ޓީމުތައް ގުޅިގެން މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން، އެބައޮތްކަމަށާއި އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައް ފެތުރި ނަމަވެސް ނަތީޖާ އޮތީ ފެންނަންކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު އެދަނީ ރާއްޖޭގެ ކަމާ ބެހޭ ލޯޔަރުންގެ ޓީމަކާ، ބޭރުގެ ޓީމަކާ.. ލޯޔަރުންގެ ޓީމެއް ނަގައިގެން އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން.. އަޅުގަނޑުމެން ހަމަ ޔަގީން ކުރަން އެކަން ކާމިޔާބުވާނެކަމަށް. ކްރިޓިސައިޒް ކުރެވިދާނެ، ހަމަ ކޮންމެ ކަމަކަށް ވެސް.. އަޅުގަނޑު ގަބޫލު ކުރަނީ ދެ ކަމުގަ ވެސް ރައްޔިތުން ގަބޫލު ކުރާނެއޭ، އަޅުގަނޑުމެން އެންމެ މެކްސިމަމް އެބަ ދޭކަމަށް..

ރައީސް ވިދާޅުވީ އިންޑިއާގެ ސިފައިން ފޮނުވާލުމަށާއި، ކަނޑުގެ މައްސަލައިގެ މަސައްކަތުގައި ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: