ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް ފުލުހަށް ހާޒިރު ކުރީ ސިޔާސީ ވިސްނުމެއްގައި ނޫންކަން ހޯމް މިނިސްޓަރު ކަށަވަރުކޮށް ދިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހަށް ހާޒިރު ކުރަން އެންގުމުން އެކަމުގައި، ސިޔާސީ އެއްވެސް ނިޔަތެއް ނެތްކަން ޔަގީންކޮށް ދޭން ހޯމް މިނިސްޓަރ އަލީ އިހުސާންއަށް ދެންނެވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާރުޑީސީގެ އެތެރޭގެ ހިޔާނާތުގެ މައްސަލައިގައި ސުވާލު ކުރުމަށް ފައްޔާޒް ފުލުހަށް ހާޒިރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި އެމްޑީޕީގެ ލީޑާޝިޕް ބުނަމުން ދަނީ، މިއީ އެ ޕާޓީން ބުނި ސިޔާސީ ވެރިން ހައްޔަރު ކުރުމުގެ ސިލްސިލާގެ ފެށުން ކަމަށެވެ.

ތުހުމަތުތައް ދޮގު ކުރައްވައި ފައްޔާޒް ވެސް ވިދާޅުވީ، މަޖިލިސް އިންތިހާބާ ދިމާކޮށް އަބުރު ކަތިލުމަށް މަސައްކަތް ކުރި ނަމަވެސް އޭނާ ފުލުހަށް ދޭން ޖެހޭ އެއްބާރުލުން ދޭނެކަމަށެވެ. އެކަމަކު އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ފުލުހަށް ހާޒިރު ކުރުމަކީ ސަރުކާރު ބަލިކަށިވެފައިވުން ދޭހަވާ ސަބަބެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ވެގެން ދަނީ ސިޔާސީ އިސް މީހުންތައް ފުލުހަށް ހާޒިރުކޮށް ކޯޓަށް ގެންދިއުން ނިމުމަކަށް ގެންނާނެ ވެރިކަމަށް ކަމަށެވެ. އެކަމަކު އެމްޑީޕީގެ އިސް ވެރިއަކު ފުލުހަށް ހާޒިރު ކުރީ ކީއްވެގެން ތޯ ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން އެމަނިކުފާނަށް އެނގުނު ވަގުތު ހޯމް މިނިސްޓަރު އިހުސާން އަލީއަށް ގުޅައި އެކަމުގައި ސިޔާސީ އެއްވެސް ނިޔަތެއް ނެތްކަން ޔަގީންކޮށް ދޭން އެދުނު ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕް ނުވަތަ މާ ހަރަކާތްތެރިކޮށް އުޅޭކަން ފާހަގަކުރެވޭ އެއްވެސް މީހެއް ބަންދު ނުކުރާނެކަމަށާއި، އެއީ ދުވަހަކު ވެސް އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތެއް ނޫން ކަމަށެވެ.

އަޅުގަނޑު ޕާސަނަލީ ހޯމް މިނިސްޓަރަށް ގުޅާފަ ދެންނެވިން.. 100 ޕަސަންޓު ޔަގީންކަން އަޅުގަނޑު ބޭނުންވެޔޭ.. އެއްވެސް ވަރެއްގެ ޕޮލިޓިކަލް ވިސްނުމެއް ނެތްކަމަށް..  ދެން އަޅުގަނޑަށް މިނިސްޓަރ ފުރިހަމަ ޔަގީންކަން ދެއްވި އެކަހަލަ ކަމެއް ނެތް.. ދެން އަޅުގަނޑު ދެންނެވި ގާނޫނީ ހަމަތަކުގެ މަތިން މިނިސްޓަރަށް މިކަން ބެލެން އޮތް އެންމެ ގާތުން ބެއްލެވުމަށް.. ބައްލަވަން ވާނެއޭ. މިކަމުގައި ސިޔާސީ އެއްވެސް ވިސްނުމެއް ނެތި ހަމަ ޕިޔޯލީ.. ބައްލަވަން ވާނޭ،

ރައީސް ވިދާޅުވީ ސިޔާސީ ނިޔަތެއްގައި އެއްވެސް މީހަކާ ސުވާލު ކުރަން ފުލުހަށް ހާޒިރު ނުކުރާނެކަމަށެވެ. އެކަމަކު މައްސަލައެއް ހުށަހެޅުމުން، އެކަމެއް ބެލޭނެކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީއެއް އޮތް ގައުމެެއްގައި ކަން ހިނގަން ޖެހޭ ގޮތަކީ ވެސް އެއީކަމަށް ވިދާޅުވި އެވެ.

ދެން އެގޮތަށް ގެންދާނެ.. އެގޮތަށް ގެންދިއުމަކީ ލޯއެންޑް އޯޑަރ ހިނގާ ގައުމެއްގައި.. ޑިމޮކްރަސީގެ ގާނޫނުއަސާސީ ހިންގާކަމަށް ވާނަމަ ގާނޫނީ ވެރިކަން ހިނަގަން ޖެހޭނެ.. އެކަމަކު ސިޔާސީ ގޮތުން މީހަކު ގެންދިއުމަކީ އަޅުގަނޑު ކުރާނެކަމެއް ނޫން..
މަޖިލިސް އިންތިހާބު ގާތްވެފައިވާ އިރު ފައްޔާޒަކީ މިވަގުތު ޕާޓީގެ ތެރެއިން އެންމެ އެކްޓިވްކޮށް ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރަށް ފާޑުކިއުން އަމާޒު ކުރާ އެކަކެވެ. އެގޮތުން އެންމެ ފަހުން ވެސް ފައްޔާޒް ވަނީ ސިޔާސީ ބޭނުމަށް މަޖިލިސް އިންތިހާބުގެ ވޯޓު ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓާލަން ސަރުކާރަށް ގޮވާލާފަ އެވެ.

އާރުޑީސީގެ ތިން މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލައިގައި މިދިޔަ ވެރިކަމުގައި އެ މައުލޫމާތުތައް އޭރު ފުލުހުން އާންމު ކުރި އެވެ. އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުންފުނީގެ އެއް މުވައްޒަފެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ.

މި މައްސަލައިގައި އާރުޑީސީގެ އޮފީހާއި، މައްސަލައިގައި ގުޅުން ހުރި ބައެއް ތަންތަން ބަލާ ފާސްކޮށް ސުވާލު ވެސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: