ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދެއްކެވީ ކެތްތެރިކަމާއި، ކޯޓަށް އަތް ނުބާނާނެ ކަމުގެ ޔަގީންކަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓަކަށް ތާއިދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ދޮރުން ދޮރަށް ހިންގެވިއިރު އާއްމު ރައްޔިތަކު އޭނާގެ ޝުއޫރު ފާޅުކުރަމުން ދިޔަ ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ. އެއް ވީޑިއޯ އިން ފެންނަނީ އަންހެނަކު ގާތްގަނޑަކަށް ދޮޅު މިނެޓް އިރުވަންދެން އޭނާ ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔަމުން ގެންދިޔަ މަންޒަރެވެ. ބައެއް މީހުންނަށް އަޖައިބަކަށްވީ ރައީސުލްޖުމްހޫރިއްޔާ އާއި އެހައި ކައިރީގައި ހުރެ އާއްމު ރައްޔިތަކަށް އެހައިއިރު ވަންދެން ވާހަކަ ދެކެވުމުން ކަމަށް ވެދާނެއެވެ. އެއާއިއެކު ދެން ދައުރުވަމުންދާ އިތުރު ވީޑިއޯއަކުން ފެންނަނީ ރައީސް އާއި ހަމައަށް ޝަކުވާތައް ބަންޑުންކޮށްލި މީހާގެ ވާހަކަތަކަށް ރައީސް ޖަވާބުދާރީވެ ވަޑައިގެންނެވި މަންޒަރެވެ.

ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އާއްމު ރައްޔިތެއްގެ ޝަކުވާތައް ގައުމެއްގެ ރައީސް އާއި ހަމައަށް މިގޮތައް ފާޅުކުރުމުގެ ފުރުސަތު ދިނުން އެއީ ވަރަށް މަދުންނޫނީ ނުފެންނަ މަންޒަރެކެވެ.

ޑިމޮކްރަސީގެ ބައްޕަ އާއި، ހިޔާލު ފާޅުކުރުމުގެ މަންމަ ކަމަށް ދައުވާ ކުރާ އެމްޑީޕީގެ ވެރިކަމެއް ނިމުނުފަހުން އަދި މިއުޅެނީ “މަހާނަ ކަޅުވާހާ ދުވަސް” ވެސް ނުވެގެންނެވެ. އެހެންކަމުން އެވެރިކަމުގައި ކަންތައްތައް ވެގެން ދިޔަގޮތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.

ހަމައެންމެ ހާދިސާއެއް ހަނދާންނަށް ގެންނަވާށެވެ. މިދިޔަ އަހަރުގެ ޖަނަވަރީ 08 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި މުޒާހަރާއެއްގެ ބައިވެރިންގެ ފަހަތުން އެސްއޯ ފުލުހުން ދުވެ މުސްކުޅި އަންހެނަކު ހައްޔަރުކޮށް، އޭނާގެ އަތް އަނބުރާލި އެވެ. އެމަންޒަރުގެ ވީޑިއޯތައް އާއްމުވުމުން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މުސްކުޅި އަންހެނަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ބަލައި، ތަހްގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ. އޭގެ 11 މަސް ދުވަސް ފަހުން ރައީސް ސޯލިހްގެ ވެރިކަން ނިމުނުއިރު ވެސް އެބުނާ މައްސަލައެއް ނުބެލުނެވެ. ތަހްގީގެއް ނުކުރެވުނެވެ. ފިޔަވަޅެއް ނޭޅުނެވެ.

އެދުވަހު މުސްކުޅި އަންހެނަކު ސަރުކާރާއި ދެކޮޅަށް އުފުލި އަޑު ޓީވީން ބަލާލުމުގެ ހިތްވަރު ވެސް ރައީސް ސޯލިހްގެ ނެތެވެ. އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުގެ މުސްކުޅި އަންހެނަކު އަތް އަނބުރާލައި، ހައްޔަރުކޮށްގެން ގެންދިޔަ ޚަބަރު ރައީސް ސޯލިހް އެއްސެވީ އުފަލާއި ހިތްހަމަޖެހުމާއިއެކުއެވެ.

މިއަދު އެހެނެއް ނުވިއެވެ. މިއަދު ސީދާ ރައީސް މުއިއްޒަށް އަމާޒުކޮށް އުފުލި އަޑު އަހާލާ، ޕޯސްޓަރުގައި ލިޔެފައި އޮތް އެއްޗެއް ބަލާލުމުގެ ހިތްވަރު ރައީސް މުއިއްޒު ހޯއްދެވީ އަތް ދިއްކޮށްލުމުން އަތް ފޯރާ ހިސާބު ގާތުގައި ހުންނަވައިގެންނެވެ.

އަދި އެހިސާބުން އެމަނިކުފާނު ނިންމައެއް ނުލައްވައެވެ. އުފުލި ޝަކުވާތަކަށް ޖަވާބުދާރީވެ ވަޑައިގެންނެވިއެވެ. ޕީޕީއެމް/ޕީއެންސީ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ބައެއް ކެންޑިޑޭޓުން ޕްރައިމަރީން ބޭރުކޮށްލި ކޮށްލުމަކީ ރައީސް މުއިއްޒުގެ ބައިވެރިވުން އޮވެގެން ނިންމެވި ނިންމެވުމެއް ނޫނެވެ. އެނިންމެވުން ޕާޓީގެ ލީޑާޝިޕުން ނިންމެވުމުން އެނިންމެވުން ގޯސް ކަމަށް ފާޅުގައި ވިދާޅުވެ އެނިންމުން ބަދަލު ކުރުމަށް ޕާޓީގައި އެދިވަޑައިގެންނެވިއެވެ. އެނިންމެވުން ޕާޓީން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ފަހިކޮށްދެއްވެވިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިން މައްސަލަތައް ނިމުން ލަހެވެ. އެއީ އިއްޔެއަކު މިއަދަކު ކުރިމަތިވެފައި އޮތް މައްސަލައެއް ނޫނެވެ. އަދި ގިނަ މައްސަލަތައް ނިމިގެން ދަނީ އެންމެ އިންސާފުވެރިކޮށް ކަމާއިމެދު ރައްޔިތުން އަބަދުވެސް ސުވާލު އުފައްދައެވެ.

އާނއެކެވެ. ރާއްޖޭގެ ވެރިކަން ބަދަލުވެއްޖެވެ. ނަމަވެސް މިއަދުވެސް ފަނޑިޔާރުންގެ ގޮތުގައި އެތިއްބެވީ އެމްޑީޕީގެ ވެރިކަމުގައި ޕާޓީއަށް ހެޔޮއެދޭނެ މީހުން ބަލައިގެން، ޕާޓީގެ ލީޑާޝިޕުން ގެންގުޅުނު ފުރޭނިން ފުރޭނިގެން ފަނޑިޔާރުކަމަށް ވަޑައިގެންނެވި ބޭފުޅުންނެވެ. ޖޭއެސްސީގައި މިއަދުވެސް އެއޮތީ އެމްޑީޕީގެ ސައްތައިން ސައްތަ ކޮންޓްރޯލެވެ. ރައީސް ބޭނުންފުޅުވި ނަމަވެސް ފަނޑިޔާރުގެ އާއި ކުޅެ އަތްފައި ބޭނުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. އަދި މިއަދު ރައީސް ދެއްވެވި ޔަގީން ކަމަކީ ވެސް ފަނޑިޔާރުގެއަށް، ކޯޓުތަކަށް އެމަނިކުފާނު ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީން ކަމެވެ.

ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުނީ ކަމަށާއި އެކަން މި ނިންމީ ކަމަށް ވިދާޅުވެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް މުއިއްޒުގެ ކިބައިން މިއަދު ވެސް ފެނިގެން ދިޔައީ އެޔަގީން ކަމާއި ކަށަވަރު ކަމެވެ.

ވެރިން ތިބެން ވާނީ ރައްޔިތުންނާއި ހަމައިގައި ކަމަށް ބުނެ ފާއިތުވި ވިއްސަކަށް އަހަރު ދިވެހިން ދެއްކި ވާހަކައަށް އަމަލީ ސިފައެއް އަދި ނާދެވެ. ގައުމުގެ ވެރިޔާ ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އިވޭ ހިސާބަށް ވަޑައެއް ނުގަންނަވައެވެ. ކަޅު ބިއްލޫރި ޖެހި ކާރުކޮޅުގައި ވަޑައިގެން ޕާޓީގެ އެކްޓިވިސްޓުންނާއި ބައްދަލު ކުރެއްވުން ފިޔަވައި އިތުރު ކަމެއް މީގެ ކުރީގެ ރައީސުން ނުކުރައްވައެވެ. ނަމަވެސް މިއަދު އެތާރީޚް ބަދަލުވަމުންދާ މަންޒަރު އެބަފެނެއެވެ. އެއީ ހެޔޮ ފާލެކެވެ. އުއްމީދީ ބަދަލެކެވެ. އުފާވެރި ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: