ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރިފި!

ޓައިވާނަށް ބިން ހެލުން އައުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓައިވާނަށް މިފަހުން އައިސްފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުމާއި ގުޅިގެން ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު އަވަށްޓެރި ބައެއް ގައުމުތަކަށް ސުނާމީގެ ބިރު ކުރިމަތިވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ހެނދުނުގެ ވަގުތެއްގައި ޓައިވާނަށް އައިސްފައިވަނީ 7.4 މެގްނިއުޓިއުޑުގެ ބިންހެލުމެކެވެ. އަދި މިއީ ވޭތުވެދިޔަ ފަންސަވީސް އަހަރުގެ ތެރޭގައިވެސް އެ ގައުމަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުންކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. މި ބިންހެލުމުގެ އަސަރު ޖުމުލަ ގޮތަކަށް މުޅި ޓައިވާނަށްވެސް ކުރި އިރު، ބައެއް ސަރަހައްދުތަކަށް ވަކިން ބޮޑަށް އަސަރުކުރުމުގެ ސަބަބުން އިމާރާތްތައް ބިމާހަމަވެފައިވާކަމުގެ ރިޕޯޓުތައްވެސް ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އަވަށްޓެރި ޖަޕާނަށް ސުނާމީގެ ނުރައްކާތައް އޮތުމުން އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ އަވަސް ފިޔަވަޅުތައް އަޅައި ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންވެސް އެހެނިހެން ސަރަހައްދުތަކަށް ގެންގޮސްފައެވެ. އެގޮތުން ތިން މީޓަރުގެ އުސްމިނުގެ ސުނާމީތައް އަރާފާނުގެ ކަމުގެ ބިރު އޮތުމުން އޮކިނާވާ މިޔާކޯ އަދި ޔައެޔާމާ އައިލެންޑުގެ ވަޒަންވެރި އެހެނިހެން ސަރަހައްދުތަކަށް ގެންގޮސްފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ފިލިޕީންސްއިންވެސް ވަނީ ސުނާމީގެ އިންޒާރު ނެރިފައެވެ. އަދި އެ ގައުމުންވެސް ވަނީ އާންމުން ތައްޔާރީ ހާލަތުގައި ތިބުމަށް އިރުޝާދު ދީފައިވަކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ދާދި ކައިރީގައި އޮންނަ ޗައިނާއިން އަދި އެފަދަ އެއްވެސް އިޝާރާތެއް ކޮށްފައިނުވާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު އެ ގައުމުގެ ބައެއް ސަރަހައްދުތަކަށްވެސް ބިންހެލުމުގެ އަސަރުތައް ފޯރިކަމުގެ ރިޕޯޓުތައް އާންމުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޓައިވާނުގެ 4 ރައްޔިތަކު މިކަމުގެ ސަބަބުން ނިޔާވެފައިވާކަމަށްވެސް މީޑިއާތަކުން ފާހަގަކުރާއިރު އިތުރުވުން އެކަށީގެންވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ މީހުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާކަމަށް ޓައިވާނުގެ އޮފިޝަލުން މައުލޫމާތު ދޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ކަމާއި ބެހޭ މާހިރުން ބުނާގޮތުން 7.0 އަދި 7.9 ދެމެދުގެ ކޮންމެ ބިންހެލުމަކީވެސް ބޮޑު ބިންހެލުމެއްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށެވެ. އަދި އެ ދެމެދުގެ ބިންހެލުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައްވެސް ލިބިގެންދާކަމަށް ބުނެފައިވެއެވެ. ޓައިވާނުގައި އިމާރާތްތައް ބިމާ ހަމަވެފައިވާއިރު، ޖަޕާނުގެ ބައެއް ސަރަހައްދުތަކުން ސުނާމީގެ އަސަރުތައް ފެންނަމުންދާކަމަށް ބުނެފައިވާއިރު ބައެއް އަމިއްލަ ފަރާތްތަކުން ސޯޝަލްމީޑިއާގައި އެފަދަ މަންޒަރުތައް ދައްކުވެފައިދޭ ވީޑިއޯތައްވެސް އާންމުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ރަސްމީގޮތުން ރިޕޯޓުކޮށްފައިވަނީ 30 ސެންޓިމީޓަރުގެ ރާޅެއް ނެގިކަން ކަމަށާއި އެއީ ޖަޕާނުގެ ޔޮނަގޫނީ އައިލެންޑާއި ގާތުންކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

ޖަޕާނުންވަނީ އެ ގައުމުގެ ފްލައިޓުތައްވެސް މިވަގުތު މަޑުޖައްސާލުމަށް އަންގާފައެވެ. އަދި އެ އޮކިނާވާ ސަރަހައްދުގެ ވަޒަންވެރިން ހުރިހާ ސުނާމީ އިންޒާރުތަކެއް ނިމިދާންދެން އުސް ސަރަހައްދުތަކުގައި ތިބުމަށް އިރުޝާދު ދީފައިވެއެވެ. ޓައިވާނުގައިވެސް ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތައް އަޅާފައިވާއިރު ވެރި ރަށް ޓައިޕެއިގައި ޓްރެއިިން ހިދުމަތްތައް ހުއްޓާލާފައިވާކަން މީޑިއާތަކުން ކަށަވަރުކުރެއެވެ.

މިއީ 1999 ވަނަ އަހަރުގެ ތެރޭގައި އެ ގައުމަށް އައި 7.7 މެގްނިޓިއުޑްގެ ބިން ހެލުމަށް ފަހު ވޭތުވެދިޔަ ފަންސަވީސް އަަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ވަރުގަދަ ބިންހެލުންކަމަށް ބުނަމުންދާއިރު، 1999 ގައި އެ ހާދިސާގައި 2400 މީހުން މަރުވެ އެއް ލައްކައަށްވުރެ ގިނަ މީހުންނަށް އަނިޔާތައް ލިބިފައިވެއެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން ޓައިވާނަށް މިފަދަ ބިންހެލުންތައް އައުމަށް ދިމާވަނީ އެ ގައުމު އޮންނަ ސަރަހައްދުގެ ގޮތުންކަމަށެވެ. އެގޮތުން ތައިވާނު އޮންނަނީ ޕެސިފިކް ރިންގް އޮފް ފަޔާރގެ ނަން ދެވިފައިވާ ސަރަހައްދެއްގައިކަމަށާއި އެއީ ސައިސްމިކް ނުވަތަ ބިންހެލުން ފަދަ މައްސަލަތައް ގިނަ ތަނެއްކަމަށްވެސް ބުނެފައިވެއެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ބިންހެލުންތައްވެސް އުފެދެނީ އެ ސަރަހައްދުންކަމަށް ބުނެފައިވެއެވެ.

ޓައޕެއިގައި ހުންނަ ސައިސްމޯލޮޖީ ސެންޓަރުންގެ އިސްވެރިޔާ މީޑިއާތަކަށް މައުލޫމާތު ދޭ ގޮތުން ބިން ހެލުން އައިސްފައިވަނީ ހިކި ފަސްގަނޑާއި ގާތުން ތިލަކޮށްކަމަށެވެ. އަދި މުޅި ގައުމަށް އެކަމުގެ އަސަރުތައް ކުރިކަމަށްވެސް ބުނެފައިވެއެވެ. ބިންހެލުމުގެ ތެރެއިން މަތިން ވެއްޓުނު ތަކެތިން ޖެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުންނަށް ބޮޑެތި އަނިޔާތައް ލިބި ރިޕޯޓުތައް ކުރެވެމުންދާކަން ވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ފިލިޕީންސްގެ މޫސުމީ ވުޒާރާއިންވަނީ މޫދާއި ގާތު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާފައެވެ. އަދި އެ ގައުމަށް އުސް ރާޅުތަކެއް ފެނުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ ސުނާމީ ވޯނިންގް ސިސްޓަމްތަކުން ރިޕޯޓުކުރާގޮތުން ޖަޕާނަށް 1 މީޓަރު އުސްމިނުގެ ރާޅުތަކުގެ އަސަރުކޮށްފާނެކަމަށެވެ. އަދި ޓައިވާނަށް އައިސްފައިވަނީ 7.5 ބާރުމިނުގެ ބިންހެލުމެއްކަމަށް ބުނެފައިވާއިރު ބައެއް ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީގެ އަސަރުތައްކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. ލޮނުގަނޑަށްވުރެ 3 މީޓަރު އުސް ރާޅުގަނޑުތައް ބައެއް ސަރަހައްދުތަކުން ފެނިގެންދިއުމުގެ ފުރުސަތުވެސް އޮތްކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 78%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: