ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުނުވުމުން ފުލުހުން ތަހުގީގު ހެއްކާއެކު ހާމަކޮށްފި!

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއާއި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވުމުން ފުލުހުން ކުރިއަށްގެންދިޔަ މުޅި ތަހުގީގު ހެއްކާއެކު ހާމަކޮށްފިއެވެ.

ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައިވަނީ މި ނޫސްވެރިންގެ ބައްދަލުވުމަކީ ފުލުހުން ހިންގި ތަހުގީގު ދިވެހި ރައްޔިތުންނާއި ހިއްސާ ކުރުމަށް ހޯމް މިނިސްޓަރު ނިންމެވި ނިންމުމަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ.

ފުލުހުންވަނީ އެކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލުކޮށް ވީޑިއޯ ޕްރެސެންޓޭޝަންއެއް ގައި ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެ ޕްރެސެންޓޭޝަންގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފާރާތްތަކަކީ ގދ. ހޯޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު، ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގޭ އަލީ ޒުބޭރާއި ގދ. ހޯޑެއްދޫ، އިރުމަތީގޭ އަހްމަދު ސުނައިނާއި އަދި ގދ. ހޯޑެއްދޫ ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާން ކަމަށެވެ.

މި މައްްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއިން މާލެ ދެކުނުފާރާތު ބަނދަރު ސަރަހައްދު މޭރީ ބްރައުން ކައިރިން ދެ މީހަކު ރަޖިސްޓްރީ ނަންބަރު “އޭބީ1އޭ/ޓީ 8977” ޓެކްސީއަށް މަސްތުވާތަކެތި އަރުވައިގެން ދިޔަކަމަށް މައުލޫމާތު ދީފައިވާކަމަށެވެ. މިލިބުނު މައުލޫމާތާއި ގުޅިގެން އެ ޓެކްސީ ބުރުޒުމަގު މައްޗަންގޯޅި ބެރިއަންފަރުގޭ ކަންމަތިން ފުލުހުން ހުއްޓުވާ ޓެކްސީ ތެރެއިން ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގޭ އަލީ ޒުބޭރާއި ގދ. ހޯޑެއްދޫ، އިރުމަތީގޭ އަހްމަދު ސުނައިނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

ޓެކްސީ ބަލާ ފާސްކުރިކުރުމުން ޓެކްސީގެ ފަހަތު ޑިކީ ތެރެއިން ފޮއްޓަކާއި ބެކްޕެކެއް ފުލުހުންނަގާ ބެލިއިރު ފޮށި ތެރެއިން ޑައިމޯފިންއަށް ޕޮޒިޓިވް، ބަރުދަނުގައި 23819.8 ގުރާމު ހުރި 24 ރަބަރު ޕެކެޓު އަދި ބެކްޕެކްތެރެއިން ޑައިމޯފިންއަށް ޕޮޒިޓިވް، ބަރުދަނުގައި 3877.20 ގުރާމު ހުރި 4 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މަސްތުވާތަކެތި ހުރި ފޮށްޓަކީ 2021 ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 16:25 ހާއިރު މަޖީދީ މަގުގައި ހުންނަ ހުދުމާ ފިހާރައިން މިމައްސަލައިގައި ތުހުމަތު ކުރެވޭ އަހުމަދު ސުނައިނު ގަނެފައިވާ ފޮށްޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހުދުމާ ފިހާރައިން ސުނައިނު ގަނެފައިވާ ފޮށްޓަކީ މަސްތުވާތަކެތި ފެނުނު ފޮށިކަން ފުލުހުންގެ ޕޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި އިތުރަށް ހޯދި ހޯދުންތަކުން އަލީ ޒުބައިރާއި މިމައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އަކްރަމް އަބްދުލްހަންނާން އާއި ދެމީހުން 20221 ޑިސެމްބަރު 12 ވަނަ ދުވަހުގެ 07:44 ހާއިރު ދުއްވި ޕީސީއެކްސް ސައިކަލް މެރީ ބްރައުން ކުރިމަތިން އޮންނަ ޕާކިން ޒޯނުގައި ޕާކް ކޮށްފައި ހުއްޓާ ފުލުހުން އެ ސައިކަލް ހޯދައި ބަލައި ފާސްކުރި ކުރުމުން ސައިކަލް މަޑިދަށުގައި އޮތް ދަބަހަކުން ޑައިމޯފިން އަށް ޕޮޒިޓިވް ބަރުދަނުގައި 3877.2 ގުރާމް ހުރި ހަތަރު ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މީގެ އިތުރުން މި މައްސަލައިގެ ތެރެއިން ބަލައި ފާސްކުރެވުނު ހުދު ކުލައިގެ ކާރުން، 45754.4 ގުރާމް ހުރި ޑައިމޯފިން އަށް ޕޮޒިޓިވް 46 ރަބަރު ޕެކެޓު ލާފައި ހުރި ފުޅިމަދު ތިން ފޮށިގަނޑާއި ބަރުދަނުގައި 39781 ގުރާމް ހުރި 40 ރަބަރު ޕެކެޓު ލާފައިވާ ދެ ލަގެޖު ދަބަސް ވަނީ ފެނިފައެވެ.

ތަހުގީގުން ހޯދި ހޯދުންތަކުން މަސްތުވާތަކެތި ފެނިފައިވާ ތިން ފޮށިގަނޑަކީ 2021 ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 08:22 ހާއިރު ލޯކަލް މާރުކޭޓުން ގަނެފައިވާ ފުޅިމަދު ފޮށިގަނޑުތަކެއްކަން ހޯދިފައިވެއެވެ. އަލީ ޒުބެއިރު މި ގަތް ފުޅިމަދު ފޮށިގަނޑުތަކަކީ މަސްތުވާތަކެތި ފެނިފައިވާ ފުޅިމަދު ފޮށިގަނޑުތަކެއް ފުލުހުން ގެ ފޮރެންސިކް ތަހުލީލު ތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ ފޮށިތަކުގައި ހުރި މަސްތުވާތަކެތި ލާފައިވާ ރަބަރު ޕެކެޓުން އަލީ ޒުބައިރުގެ އިނގިލީގެ ނިޝާން ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެފައެވެ. އަދި ކާރުން ފެނުނު ދެ ދަބަހަކީ ޗާންދަނީ މަގުމަގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިން އަލީ ޒުބައިރު ގަނެފައިވާ ދަބަސްތަކެއްކަންވެސް ހާމަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހުދު ކުލަކައިގެ ކާރުގެ ތެރެއިން މުޖާހިދުގެ ދަރިފުޅުގެ މުހިންމު ލިޔެކިޔުންތައްވެސް ފެނިފައިވެއެވެ. އަދި މިކާރު އެރޭ ދުއްވާފައިވަނީ އަހުމަދު މުޖާހިދު ކަމަށް ފުލުހުން ވަނީ ސީސީޓީވީ އިން ދައްކާފައެވެ.

މިމައްސަލައިގައި މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ގޮތް ހިއްސާކުރައްވާ ފުލުހުން ބުނެފައިވަނީ ސޮނީސްޕޯޓްސް ފިހާރައިން ދެ ދަބަސް ގަތުމަށްފަހު މއ. ކަނޑޫގެއަށް ގެންދިޔައީ ޒުބައިރު ކަމަށެވެ. އަދި އޭގެ ފަހުން ލޯކަލް މާރުކޭޓުން ފުޅިމަދު ތިން ފޮށިގަނޑު ގަތުމަށްފަހު ކަނޑޫގެއަށް ވެއްދީ ޒުބޭރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއަށްފަހު މި މައްސަލައިގައި ތުހުމަތު ކުރެވުނު އަކުރަމް އާއި މުޖާހިދު މެރީ ބްރައުން ސަރަހައްދަށް މަސްތުވާތަކެތި ބަލައި ވަނީ ގޮސްފައެވެ. އަދި އޭގެ ފަހުން ޒުބައިރު ކަނޑޫގެއަށް ވެއްދި ފުޅިމަދު ފޮށިގަނޑުތަކާއި ދަބަސްތަކާއި އަދި ދަތުރަށް ބޭނުންވާނެ އަސާސީ ތަކެތި ހިފައިގެން ޕިކަޕެއްގައި މޭރީ ބްރައުން ސަރަހައްދަށް ދިޔައެވެ.

މަސްތުވާތަކެތި ބަލައި ދަތުރުކޮށްފައި ވަނީ އަލީ ޒުބައިރާއި އަކުރަމްކަން ތަހުގީގަށް ދެނެގަނެވިފައި ވަނީ، އެ ދެ މީހުންގެ ފޯންކޯލްތަކުގެ އިންޓެލްއަށް ބަލާއިރު އެއްވެސް މުއާމަލާތެއް 2021 ޑިސެމްބަރު 10 ވަނަ ދުވަހުގެ 19:00 އިން ޑިސެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށް ކޮށްފައިނުވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދަތުރު ކޮށްފައިވަނީ އަކުރަމް ގަނެފައިވާ ބަންގާ ނަމަކަށް ކިޔާ ލޯންޗަކުންނެވެ.

އަލީ ޒުބައިރު އާއި އަކުރަމް މަސްތުވާތަކެތި ހިފައިގެން އެނބުރި މާލެ އައީ 2021 ޑިސެމްބަރު 12 ވަނަ ދުވަހުގެ ހަވީރު 4:50 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދުވަހު 5:00 ހާއިރު އަހުމަދު މުޖާހިދު އޭނާ ދިރިއުޅޭ ގެ މއ، ލަކީހައުސްއިން ނިކުމެގެން ސައިކަލުގައި ދުއްވާފައި ގޮސް އައިޖީއެމްއެޗު އޭޓީއެމްއިން 200 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަން އޭނާގެ ބޭންކު ސްޓޭޓްމެންޓުން އެނގޭކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި އޭގެ ފަހުން މުޖާހިދު އިންޑަސްޓްރިއަލް ޒޯނަށް ވަންނަ މަންޒަރު ފެންނަ ކަމަށާއި އޭގެ ފަސް ވަރަކަށް މިނިޓު ފަހުން މުޖާހިދު ސައިކަލު ބަހައްޓާފައި ހުދުކުލައިގެ ކާރެއްގައި ނިކުމެގެން ދާތަން ފެންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކާރު މަޑުކޮށްފައި ވަނީ މޭރީ ބްރައުން ކައިރި ބަނދަރަށް ކަމަށާއި އެކާރަށް އެއްޗިހިތަކެއް އަރުވާ މަންޒަރު ފެންނަ ކަމަށްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

އޭގެ ފަހުން އެ ކާރު ހުޅުމާލެ ރަބަރު ގަސް މަގު ގޯޅި 3 އަކަށް މަޑުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭގެ ފަސް ވަރަކަށް މިނިޓު ފަހުން ކާރު ޕާކުކުރި ގޯޅިން މުޖާހިދު ނިކުމެގެން ދާ މަންޒަރު ރެކޯޑު ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީވެސް އެނާ ނުކުމެގެން އައި މަގުގައި ޕާކުކޮށްފައި ވަނިކޮށްކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

މުޖާހިދު އެއަށްފަހު އޭނާގެ އަވަސް ރައިޑް އެޕް މެދުވެރިކޮށް ޓެކްސީއަކަށް އަރައިގެން އިންޑަސްޓްރިއަލް ޒޯނަށް އައި ކަމަށާއި އަދި އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ދާ މަންޒަރު ވަނީ ރެކޯޑުކުރެވިފައެވެ. އަދި އެއީ މާލެއަށް ބޯކޮށް ވާރޭ ވެހިވެހި އޮތް ވަގުތެއް ކަމަށާއި އެދުވަހުގެ ފަތިހު މުޖާހިދު ބޭރަށް ނިކުތީ މަސްތުވާތަކެތި މާލެ އައުމުން އެތަކެތި ކާރުގައި ރައްކާކުރުމަށް ކުރި ދަތުރެއްގައި ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިއީ މުޖާހިދު ދުއްވާ ކާރެއްކަން ފުލުހުންނަށް އެނގުނީ މިކަން ހިނގައިދިޔުމުގެ ކުރިން މުޖާހިދުގެ އާއިލާގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ކާރުގައި ޓްރީޓޮޕަށް ގޮސްފައިވާތަން ފެނިފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހުދު ކާރުގައި މުޖާހިދު މޭރީ ބްރައުން ކައިރިން ބަނދަރާއި ކައިރި ކުރުމަށްފަހު އެއްޗިތަކެއް ކާރަށް އަރުވާ މަންޒަރު ފެންނަ ކަމަށާއި އަދި އޭގެ ފަހުން ޒުބައިރާއި އަކުރަމް މާފަތްތަކުރުފާނު މަގުން ހިނގާފައި ގޮސް ކަނޑޫގެއަށް ވަންނަަ މަންޒަރު ފެންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން މުޖާހިދު އެއްޗިހި ބަދަލު ކުރުމަށްފަހު ކަނޑުގެ ކައިރިއަށް ސައިކަލުގައި ގޮސްފައިވާ ކަމަށާއި އަދި ސައިކަލް މަޑިދަށުން ކާރެއްގެ ރިމޯޓު އަކުރަމް އަތަށް ދޭތަންވެސް ރެކޯޑުކުރެވިފައިވާ ކަމަށް ފުލުހުން ބުންނެފައިވެއެވެ.

އޭގެ ފަހުން އެ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކުރެވުނު ކަމަށާއި އަކުރަމަށް އެ މައުލޫމާތު ލިބި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށްވެސް ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި މިހާތަނަށްވެސް އޭނާ ރާއްޖެ އައަިސްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ ތެރޭގައި، ހިމެނޭ ޒުބައިރާއި މުޖާހިދު އަދި ސުނައިނު ފުލުހުންގެ ތަހުގީގުގައި ހަނު ހުރުން އިސްކޮށްފައިވާތީ ދިފާއުގައި އެއްޗެއް ބުނެފައިނުވެއެވެ. އެހެން ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އެ މީހުން ދިފާއުގައި ވާހަކަ ދައްކާފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ތަހުގީގީ ބޭނުމަށް މި މައްސަލައިގައި ޝާމިލުވާ މީހުންގެ ފޯނުތައް ބެލުމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން އަމުރު ނުދިންކަން ޗީފް ސުޕަރިޓެންޑެންޓް ޝާކިރު ފާހަގަކުރެއްވިއެވެ. އަދި ތަހުގީގަށް ލިބުނު މުއްދަތުގެ ތެރޭގައި ޑީއެންއޭގެ ނަތީޖާ ނުލިބޭކަމަށް ވިދާޅުވި އެވެ. ޝާކިރު ވިދާޅުވީ މި މައްސަލަ ހައިކޯޓުގައި އެޕީލްކުރެވޭނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގާއި ގުޅޭ އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުޅި ގައުމު އޮތީ ތިކަމަށް ހިއްވަރު ދިނުމުގަ. ކޯޓުތަކާ ޖަމިއްޔާތަކާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: