ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ އާންމުން ރަފާހުން ބޭރުކުރުމަށް އެންގުމަކީ އައި.ސީ.ޖޭ ގެ އެންގުމަށް އަމަލުނުކުރުން: ދިވެހި ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައްޒާގެ ރަފާހުގައި ހިމާޔަތް ހޯދަމުންދާ ފަލަސްތީނުގެ އެތައް ހާސް އާންމުން ވަގުތުން ބޭރުކުރުމަށް އިސްރާއީލުން އަންގަމުންދިއުމަކީ އިސްރާއީލާއި ދެކޮޅަށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގައްޒާ ސްޓްރިޕް“ މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތަކަށް އިސްރާއީލުން އަމަލުނުކުރާކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައިސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުށެއް ނެތް ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އެހެންކަމުން ގައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި  ކުރާކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ބެރުނު ބަޔާނުގައި ބުނެފައިވަނީ ސަލާމަތީ ފިޔަވަޅުތަކުގެ ނަމުގައި އިސްރާއީލުގެ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ މިފަދަ ޖަރީމާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހި އިންސާނީ އެހީ ގައްޒާގެ އާންމުންނާ ހަމައަށް ފޯރުމަށް ހުރަސް އެޅެމުންދާކަމަށެވެ.

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައި.ސީ.ޖޭ އަށް ހުށައަޅާފައިވާ މައްސަލައަށް ތާއީދުކުރަން ނިންމާފައިވަނީ ”ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް“ އާ އިސްރާއީލުން ހިލާފުވެފައިވާތީ ކަމަށް ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ރަފާހުގެ މިހާރުގެ ހާލަތަށް ބިނާކޮށް އައި.ސީ.ޖޭ އިން މިހާރު ނިންމާފައިވާ ވަގުތީ ފިޔަވަޅުތައް ބަދަލުކުރުމަށް ދެކުނު އެފްރިކާއިން 10 މެއި 2024 ގައި ހުށައަޅާފައިވާ ކުއްލި މައްސަލައަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާތަކަށް ނިމުމެއް ގެނެސް ދާއިމީ ހައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިހުތިޔާރުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކުރާ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: