މި އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންވަނީ އެ ގައުމަށް 31.69 މިލިއަން ޑޮލަރު ފޮނުވާފައިކަން ބަންގްލަދޭޝްގެ ބެންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ރާއްޖެއިންވަނީ އެ ގައުމުގެ މަސައްކަތްތެރިން ގެނައުމުގެ ގޮތުން އައު ވޯކްވިސާ ދޫކުރުން ހުއްޓާލާފައެވެ. އަދި އެކަމުގެ ސަބަބަކީ މިވަގުތު އެއްލައްކައަށްވުރެ ގިނަ އެ ގައުމުގެ ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރަމުންދިއުންކަމަށް ރާއްޖޭގައި ހުންނަ ހައިކޮމިޝަނުން މައުލޫމާތު ދީފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި ރާއްޖޭގައި އެކުލަވާލެވިފައިވާ އައު ގަވައިދުތަކުގެ ދަށުން ކޮންމެ ގައުމަކަށްވެސް ދީފައިވަނީ އެއްލައްކަ މީހުންގެ ކޯޓާއެއްކަަމަށާއި އެ އަދަދަށްވުރެ އިތުރަށް ޖާގަ ނުލިބޭނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އެ ގައުމުގެ ރައްޔިތުންނަށް އައު ވޯކްވިސާ ދޫކުރުން ހުއްޓާލާފައިވާކަން ހައި ކޮމިޝަނުން ހާމަކުރީ މި މަހުގެ 22 ވަނަ ދުވަހުގައިކަމަށްވާއިރު، ރާއްޖޭގެ ހޯމް މިނިސްޓްރީއިން ދާދި ފަހުން ކުއްލި ގޮތަކަށް ބަންގްލަދޭޝްއިން މަަސައްކަތްތެރިން ގެނައުން ރަސްމީގޮތުން ހުއްޓުވާލާފައިކަމަށާއި ސަބަަބަކީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް މަސައްކަތްތެރިން ގެނައުމުގެ މައްސަލައާއިމެދު ސަރުކާރުގެ ކަންބޮޑޫވުންތައް ހުރުންކަމަށާއި މީގެ ކުރިން ހޯމް މިނިސްޓްރީގެ ފަރާތުން ސްޕޯކްސްޕާސަން ފާތިމަތު ރިފާތުވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުން ހުއްޓާލިތާ މަސްދުވަސްވެފައިވާކަމަށް މައުލޫމާތު ދެއްވާފައިކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން އެކަން ކުރެވިފައިވަނީ ރާއްޖޭގައި ކުންފުނިތަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްޓަކައި ލިޔެކިއުން ހުށައެޅުމުގައި ސައްހަ ނޫން މައުލޫމާތުތައް ހުށައަޅަމުންދާކަން ފާހަގަކުރެވުމުންކަމަށްވެސް ރިފާތު ވިދާޅުވެފައިވާކަމަށާއި މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރެވެމުންދާކަމަށް އޭނާ ހިއްސާކުރެއްވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި ރާއްޖޭގެ ސަރުކާރުންދަނީ މިކަމުގެ އިތުރުންވެސް ރާއްޖޭގައި ބޮޑުވަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބިދޭސީންގެ މައުލޫމާތުތައް ދެނެގަތުމުގެ އޮޕަރޭޝަނެއް ހިންގަމުންކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް ހައި ކޮމިޝަނުން ވަނީ މިވަގުތު ވިސާ ދިނުން ހުއްޓާލާފައިވުމަކީ ކޯޓާ ހަމަވުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް މައުލޫމާތު ދީފައިކަމަށާއި ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ރާއްޖެއަށް އައުމަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ކޮމިޝަނުންދަނީ ކޯޓާ އިތުރުކުރުމަށާއި ވިސާ ފުރުސަތު އަލުން ހުޅުވާލުމަށްވެސް ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށް ބުނެފައިވާއިރު، ކޮމިޝަނުން ވަނީ ރާއްޖެއަށް އައުމުން ލިބެނީ ހިލޭ ވިސާއެއް ނޫންކަމަށްވެސް ބުނެފައެވެ.
ކޮމިޝަނުންވަނީ ރާއްޖެއަށް އައުމަށްފަހު ކަނޑައެޅިފައިވާ ވިސާ ހޯދުމުގެ ގޮތުން އެއްބަސްވެވިފައިވާ ކުންފުންނާއިއެކު މަސައްކަތްކުރަން ޖެހޭނެކަމަށާއި އެ ގާނޫނާއި ހިލާފުވެއްޖެ ހާލަތެއްގައި ގާނޫނީގޮތުން ފިޔަވަޅު އެޅިގެންދާނެކަމަށް ބުނެފައިވާއިރު، ހައްޔަރުކުރުކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓުކޮށްލުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި މިހާރުވެސް ރާއްޖޭގައި ތިބި މީހުންގެ ތެރެއިން އެތައް ބަންގްލަދޭޝްއަށް ނިސްބަތްވާ އަންސްކިލްޑް ވޯރކާޒްއެއް އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށް ޑީޕޯޓުކުރެވިފައިވާކަމަށްވެސް ބުނެފައިވާކަމަށާއި އެހެންކަމުން ރާއްޖޭގައި މިވަގުތު މަސައްކަތްކުރަމުންދާ އެ ގައުމުގެ ރައްޔިތުންގެ އިތުރުން ކުރިއަށް އޮތްތާނގައި ދިއުމަށް ކަނޑއެޅިފައިވާ މީހުންވެސް އެކަމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދީފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން ހުއްޓުވާލާފައިކަމަށް ރިޕޯޓުތަކުގައިވާއިރު އަލުން މީހުން ގެނަަން ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންކަމަށާއި ގިނަ ދުވަސްތަކެއް ބަންދުކުރެވިފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައިވުމުން ބައެއް ފަރާތްތަކުންދަނީ ރާއްޖެ ބަންގްލަދޭޝް ލޭބާރ މާކެޓްގެ ނާޖާއިޒް ފައިދާތައް ނަގަމުންކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން މަސައްކަތު ބޭނުމަށް ރާއްޖެއަށް ހިޖުރަކުރި ބައެއް އެ ގައުމުގެ ރައްޔިތުންނަށް ފްރީ ވިސާ ލިބޭނެކަމަށް ބުނެ އޮޅުވާލައިގެން ގެއްލުންތައް ދީފައިވާކަމަށާއި އެ މީހުން ހައްޔަރުކުރުމުގެ ބިރުއޮތްކަމަށްވެސް ބުނެފައިވެއެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 139،220 އަށްވުރެ ގިނަ އެކްޓިވް ވޯކް ޕާމިޓް ދޫކޮށްފައިވާއިރު އައު ކުރުން ފަދަ ކަންކަމަށް ދައްކަންޖެހޭ ފީތައް ގަވައިދުން ދައްކަމުންދަނީ 28 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މީހުންކަމަށް ހޯމް މިނިސްޓަަރު އަލީ އިހުސާން މީގެ ކުރިން މައުލޫމާތު ދެއްވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
އެހެންނަމަވެސް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި މިނިސްޓަރު މި މައުލޫމާތުތައް ދެއްވިއިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ކުއޯޓާތައް ހަމަނުވާކަމަށާއި މިވަގުތުވެސް ރާއްޖޭގައި ތިބީ އޭރު ތިބި އަދަދުކަަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގައި ތިބީ 90،642 މީހުންކަމަށާއި އެއީ އެމްޕްލޮއިމެންޓު އެކްޓުގެ ދަށުން ކަނޑައެޅިފައިވާ ކޯޓާގައި ބަޔާންކޮށްފައިވާ ވަރަށްވުރެ ދަށް އަދަދެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ގިނަ ބަންގްލަދޭޝްގެ މަސައްކަތްތެރިން ހަރަކާތްތެރިވަމުން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޮޓެލް ސްޓާފުންނާއި ވެއިޓަރުން އަދި ޝެފުންގެ ގޮތުގައިކަމަށްވެސް ”ޑާކާ ޓްރިބިއުން“ އިން ރިޕޯޓުކޮށްފައިވެއެވެ. އަދި ރާއްޖެއަށް ހިޖުރަކުރުމުގެ ގޮތުން އެ ގައުމުގެ ހަތަރު ލައްކަ ހަރަދުކުރަންޖެހޭކަމަށް ބުނެފައިވާއިރު މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ތެރެއިން އެއްބަސްވެފައިވާ ގޮތުގެ މަތިން މުސާރައާއި އިނާޔަތްތައް ލިބެމުންދަނީ 53 އިންސައްތަ މީހުންނަށްކަމަށް މިކަންކަން ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާފައިވާ ވުޒާރާއެއްކަމަށްވާ ރެފިއުޖީ އެންޑް މައިގްރޭޓަރީ މޫވްމެންޓް އެންޑް ރީސާރޗް ޔުނިޓުން މައުލޫމާތު ދޭކަމަށާއި އެ މީހުންގެ ތެރޭގައި އެވަރެޖް މަހު މުސާރަ ހުރީ 300 ޑޮލަރާއި ގާތް އަދަދެއްގައިކަމަށް ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން ލިޔެކިއުންތައް ފުރިހަމަކޮށްފައިވާ މީހުންނަށް ލިބޭ އަދަދު އިތުރުކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން ޑޮކިއުމެންޓުތައް ފުރިހަަމަކޮށްގެން އުޅޭ މީހުންނަށް މަހެއްގެ މައްޗަށް 314 ޑޮލަރު ޖެހޭއިރު ލިޔެކިއުންތައް ފުރިހަަމަނުކޮށް ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް ލިބެނީ މަހެއްގެ މައްޗަށް 212 ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިން އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ އަދަދާއި ގުޅޭގޮތުންވެސް ރިޕޯޓުގައި މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން 33 އިންސައްތަ މަސައްކަތްކުރަމުންދަނީ ހޮޓެލްތަކާއި ރިސޯޓުތަކުގައިކަމަށާއި 25 އިންސައްތަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވާއިރު ދުވަހު މަސައްކަތްކުރާ މީހުންގެ ގޮތުގައި 7 އިންސައްތަ މީހުން އަދި ގޭބިސީތަކުގައި މަސައްކަތްކުރާ މީހުންގެ ގޮތުގައާއި މަސްވެރިންގެ ގޮތުގައި 2 އިންސައްތަ މީހުން އުޅެމުންދާކަމަށް ބުނެފައިވާއިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން މި އަހަރުގެ 31.69 މިލިއަން ޑޮލަރު އެ ގައުމަށް ފޮނުވާފައިވާކަމަށް ބަންގްލަދޭޝްގެ ބެންކުގެ މައުލޫމާތަށް ބެލުމުން ފެނިގެންދާކަމަށް ބުނެފައިވެއެވެ.


One Response
މިއަހަރު 31 މިލިއަން ޑޮލަރު ހަމައރކަނި ބަންގްލަދޭޝްއަށް، ރާއްޖޭގެ ޒުވާނުނގެ ކަންނެތް ކަމާ ވިޔާނުދާ އާބާދީ އެއް އޮވެގެން ވާނެ ހުރިހާ ކަމެއް މިފެންނަނީ، ދެން ބަންގއލަދޭޝް ގޮތައް ބަނޑަށް ޖެހޭނީ ރާއްޖޭ މީހުން