ބައިނަލްއަގުވާމީ ޖިނާއީ ކޯޓު އައިސީސީގެ މަސައްކަތްތަކަށް އެމެރިކާއިން ހުރަސް ނޭޅުމަށް އެ ގައުމުގެ ރައީސް ޖޯބައިޑެންގެ ސަރުކާރަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ ޖަމާއަތްތަކުން ގޮވާލައިފިއެވެ.
މީޑިއާތަކުން ބުނާގޮތުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ގޮވާލަމުންދަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާފައިވާ ޖަރީމާތަކުގެ މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރެއް ނެރެދިނުމަށް އައިސީސީގެ ޗީފް ޕްރޮސެކިއުޓާރ ކަރީމް ހާން ހުށައަޅާފައިވާ ކަމަށް އެއްވެސް ހުރަހެއް ނޭޅުމަށްކަމަށެވެ. އެގޮތުން ބައިޑެންއަށް އެފަދަ އަމަލެއް ނުހިންގުމަށް ގޮވާލައި ފޮނުވާފައިވާ ސިޓީއެއް އާންމުކޮށްފައިވާކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ އެފަދަ ވުޒާރާއިންވަނީ އައިސީސީގެ މަސައްކަތަކަށް ހީނަރުކަމެއް އަންނާނެ ފަދަ އަމަލުތަކާއި ދެކޮޅަށް ތެދުވުމަށް ގޮވާލާފައިކަމަށްވެސް ބުނެފައިވެއެވެ.
ސިޓީގައިވާގޮތުން އައިސީސީއަށް މައްސަލަ ހުށައަޅާ ފަރާތްތަކަށް އިންސާފު ހޯދައިދެެވޭނީ އެ ކޯޓުގެ މަސައްކަތްތައް މިނިވަންކަންމަތީގައި ކުރިއަށް ގެންދެވިގެންކަމަށެވެ. އަދި ވަކި ފަރާތްތަކެއްގެ މައްޗަށް ވަކި ގޮތަކަށް އަމަލުކުރާނަމަ ކޯޓުގެ އިތުބާރު ގެއްލިގެންދާނެކަމަށާއި ގާނޫނީ ބާރަކީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އޮތް އެއްޗެއްކަމަށްވެސް ބުނެފައިވެއެވެ.
އައިސީސީގެ ޗީފް ޕްރޮސިކިއުޓާރ ހާންވަނީ ނަތަންޔާހޫގެ އިތުރުން އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްވެސް ހައްޔަރުކުރުމަށް އަމުރު ނެރެދިނުމަށް ހުށައަޅާފައިކަމަށްވާއިރު ހަމާސްގެ ތިން ލީޑަރެއްގެ މައްޗަށްވެސް އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ. ހާންވަނީ ފަލަސްތީނުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ޒިންމާ އެ މީހުންގެ މައްޗަށް އެޅިގެންދާކަމަށް ބުނެވޭ މިންވަރަށް އެކަށީގެންވާ ވަރަށް ހެކި ހުރިކަމަށް ގަބޫލުކުރާކަން ހިއްސާކޮށްފައިކަމަށްވާއިރު، ރާއްޖެއިންވެސް ވަނީ އައިސީސީގެ ނިންމުމަށް ތާއީދުކުރާކަން ހާމަކޮަށްފައިަކަން ފާހަގަކުރެވެއެވެ.

