ކުށުގެ ރެކޯޑް ސާފުކުރުމަށްޓަކައި ހުށައަޅާ ފޯމުތައް އެދުވަހުން ދުވަހަށް ނިންމައި ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް މީގެ ކުރިން ދޫކުރުމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހު ކަމަށެވެ. އެކަމަކު އޮފީހުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހައިވެސް ލުއިފަސޭހަކޮށް ހަރުދަނާކޮށް އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުންކަމަށެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސައިފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި އެދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑ، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް ޕީޖީ އޮފީހުން މިހާރުވެސް ދެމުން ގެންދާ ކަމަށް ވަނި ބުނެފައެވެ.

