އެމްޑީޕީގެ ސަރުކާރުން އިންތިހާބާއި ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލިކަން މިހާރު ފުލުހުންގެ މުއައްސަސާގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި އަހުމަދު ޝިފާން ހާމަކުރެއްވުމާއިއެކު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައްޗަށްވެސް އެއްފަދަ ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ރާއްޖޭގައި ކުށްތަކަށް އަރައިގަންނަމުންދާ އަދަދުތައް އިތުރުވަމުންދާ މައްސަލައާއިމެދު ނޫހަކުން ކުރި ރިޕޯޓަކަށް ޖަވާބު ދެއްވައި ފުލުހުންގެ މުއައްސަސާގެ ތަރުޖަމާނު ޝިފާންވަނީ ކުރީގެ ސަރުކާރުން އިންތިހާބީ ދުވަސްވަރާއި ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލިކަން ހާމަކުރައްވާފައެވެ.
ކުށްކުރުން އިތުރުވީ ސިޔާސީ މަންފާއަށް ނިމިދިޔަ ވެރިކަމުގެ ދައުރުގައި ގިނަ އަދަދެއްގެ ކުށްވެރިން ދޫކުރުމުންކަމަށް ޝިފާން ދެއްކެވި ވާހަކަ ކުށްވެރިކޮށް ހަމީދު ވިދާޅުވީ އެއީ ފުލުހުންގެ މުވައްސަސާ ތަމްސީލު ކުރާ އެއްވެސް ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ އަމަލެއް ނޫން ކަމަށެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަށް އާންމުންގެ ނަޒަރު އަބަދުވެސް ހުއްޓިފައި ވާނެކަމަށާއި، އެހެންކަމުން ކިރިޔާ ވެސް ދެކެވޭ ވާހަކައަކަށް އިތުރުބާރު ގެއްލިދިއުމަށް މަގުފަހިވާކަމަށެވެ.
ހަމީދު ވިދާޅުވީ، ރާއްޖޭގެ ހިންގުންތެރިކަމުގެ ނިޒާމުގެ އެކި ވަސީލަތްތަކުގެ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުންނަށް ޕެރޯލް އާއި ކްލެމެންސީ ދީގެން ދޫކޮށްލުމަކީ އެމްޑީޕީގެ ސަރުކާރާއި މިހާރުގެ ޕީއެންސީގެ ސަރުކާރުގައިވެސް އޮތް ބޮޑު މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގައި މިކަން އާންމުކަމަކށްވެފައިވާކަމަާއި ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތް ނަމަވެސް މިކަން ކުރާކަމަށް ހާމަކުރެއްވިއެވެ.
ހަމީދު ވިދާޅުވީ، ކުށެއް ކުރުމުން އުމުރު ދުވަސް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހޭދަކުރަންޖެހޭކަމަށް ދެކުމަކީ އުނި ވިސްނުމެއްކަމަށެވެ. އޭނާ ވިދާޅުވީ، ޕެރޯލްއާއި ކްލެމެންސީ ދިނުމަކީ ގާނޫނީ ގޮތުން ހުއްދަ މަސައްކަތްތަކެއް ކަމަށެވެ. އެހެންނަމަވެސް އެއީ ޒިންމާދާރުކަމާއިއެކު ކުރެވެންޖެހޭ ކަމެއްކަމަށާއި އެއީ ދަތި އުނދަގޫ ބޮޑު މަސައްކަތެއްކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ވިސްނުން ހުންނަންވާނީ ކޮންމެ ހާލަތެއްގައިވެސް ޖަވާބުދާރީވެވޭނެ ގޮތުގެ މަތިން އަމަލުކުރުމަށްކަމަށާއި މީހުންގެ ބޮލުގައި އިލްޒާމުތައް އަޅުވައި ކުށްވެރިކުރަން ނޫންކަމަށެވެ. ހަމީދު ވިދާޅުވީ، މުއައްސަސާގެ ފަރާތުން އާންމުނަށް ކަންކަން އޮޅުން ފިލުވައިދިނުމާއި ބަސްބުނުމުގެ ޒިންމާ އެޅިފައިވާ އިސް ފުލުހަކު ނުކުންނާނެ ނަތީޖާއަށް ބެލުމެއް ނެތި މިފަދަ ވާހަކަތަކެއް ދައްކަވާފައިވުމާއިމެދު ހިތާމަކުރައްވާކަަމަށެވެ.
ކުރީގެ ކޮމިޝަނަރު ހަމީދު ވިދާޅުވީ، ޝިފާން ކުރެއްވީ ނުރައްކާތެރި ކަމެއްކަމަށާއި އެކަމަކީ ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އޮންނަ ފުލުހުންގެ މުއައްސަސާއަށް އިތުރު ގެއްލުންތައް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އިސްވެރިންގެ ފަރާތުންވެސް މިފަދަ އަމަލުތައް ފެންނަމުންދާކަމަށާއި އެކަމަކީ ހިތާމައެއްކަމަށް ވިދާޅުވިއިރު، ހަގީގަތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ތަންފީޒީ އިދާރާތަކާއި ސަރުކާރުގެ އެންމެ މަތީ ފަޑީގައިވެސް މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި އެކަށީގެންވާ އަހައްމިއްޔަތުކަމެއް ދެވިފައިނެތުންކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ސަރުކާރަށް ކުރި ތުހުމަތުތަކަށް ރައްދުދީ، އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިންނަށް މައާފު ދިނުމުގައި އަމަލު ކުރައްވާފައި ވާނީ ގާނޫނަށް ކަމަށެވެ. އަދި މައާފު ލިބުނު މީހުންނަކީ މުޖްތަމައުގައި އިތުރު ކުށެއްކޮށް ފުލުހުންނަށް ފާހަގަވާ ހާލަތެއްގައި އަލުން ބަންދަށް ގެންގޮސް ކުރީގެ ހުކުމް އެކްޓިވޭޓުވެ ޝަރީއަތްތައް ހިންގޭނެ ބައެއްކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ކުރީ ސަރުކާރުގެ މައާފު ލިބުނު ބަޔަކު އެގޮތަށް ކުށްކުރާކަމަށް އެނގި، މި ސަރުކާރުން އެ މީހުން ބަންދުނުކޮށް އަދި އެ ވާހަކަ ނުދައްކައި ތިބޭނެކަމަށް ވެސް ގަބޫލު ނުކުރެވޭކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެ ޕާޓީން ތުހުމަތު ކުރީ، މަޖިލިސް އިންތިހާބަށް ކުށްވެރިން ދޫކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށާއި އެމްޑީޕީއިން ދޫކުރިކަމަށް ބުނާ ކުށްވެރިންގެ ތަފްސީލުތައް ލިޔެކިއުމުން އާންމުކޮށް މި ސަރުކާރުގެ ތަފްސީލު ވެސް އެއާއި އެއްކޮށް މީޑިއާތަކަށް ހިއްސާ ކުރުމަށެވެ.

