ފުލުހުންގެ އިންޓެލިޖެންސް ހިދުމަތް ގައުމީ އިންޓެލިޖެންސްގެ ހިދުމަތުގެ ގޮތުގައި ރީބްރޭންޑް ކުރުމަކީ ގޯހެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރީ އޮނިގަނޑަށް އިއްޔެ ގެނައި ބަދަލުތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ނަން ވަނީ ނެޝަނަލް އިންޓެލިޖެންސް ސާވިސްގެ ނަމަށް ބަދަލުކޮށްފައެވެ.
ފުލުހުންގެ އިންޓެޖެންސްގެ އިސްވެރިޔާގެ މަގާމު ވެސް މީގެ ކުރިން އަދާކުރެއްވި ހަމީދު މިއަދު އާންމުކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެގޮތަށް ފުލުހުންގެ އިންޓެޖެންސްގެ ހިދުމަތް ރީބްރޭންޑްކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ހަރުދަނާ އިންޓެލިޖެންސް ހިދުމަތެއް އޮތުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ގައުމީ އިންޓެޖެންސްގެ ހިދުމަތަކީ މުޅިން ތަފާތު ހިދުމަތެއް ކަމަށާއި ފުލުހުންގެ އިންޓެލިޖެންސް ހިދުމަތާއި ގައުމީ އިންޓެޖެންސް ހިދުމަތުގެ ފަރަގެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ސަލާމަތީ ހިދުމަތްތަކުގެ ދާއިރާގައި ނަމަކީ ވަރަށް ބޮޑަށް ބުރަދަން ދެވޭ އެއްޗެއްކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، އެއީ އެ މުއައްސަސާއެއްގެ ޒިންމާއާއި ބާރު އަދި ދައުރު ބަޔާންކޮށްދޭ އެއްޗެއް ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ގައުމީ އިންޓެލިޖެންސްގެ ނަން ދިނުމުން އެކަމުން ދޭހަވަނީ ފުލުހުންގެ އިންޓެލިޖެންސަކީ ދައުލަތުގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ކަމަށެވެ. އެހެންނަމަަވެސް، ރާއްޖޭގައި ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއެއްގެ އޮނިގަނޑާއި ދައުރާއި އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާނެ ގޮތް ބަޔާންކުރާ ވަކި ގާނޫނެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
”ފުލުހުންގެ އޮނިގަނޑަށް ގެންނަ ބަދަލަކުން ގައުމީ އިންޓިލިޖެންސް އެޖެންސީއެއް ނުއުފެއްދޭނެ. އެފަދަ މުއައްސަސާއެއް ގާއިމްކުރަން ވާނީ ގާނޫނެއްގެ ތެރެއިން ސިޔާސަތު ކަނޑައެޅިގެން މަޝްވަރާ ކުރެވި، ޒިންމާދާރުކުރެވޭނެ ނިޒާމެއް އޮވެގެން.“ ހަމީދު ވިދާޅުވިއެވެ.
އެފަދަ ގާނޫނީ ގާނޫނީ ބާރެއް ނެތި ގައުމީ އިންޓެލިޖެންސްގެ ނަން ފުލުހުންގެ އިންޓެލިޖެންސަށް ދިނުމުން ސަލާމަތީ މުއައްސަސާތަކުގެ މެދުގައި އަދި ރާއްޖެއިން ބޭރުގެ އެފަދަ މުއައްސަސާތަކުގެ މެދުގައި ވެސް އޮޅުންބޮޅުން އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަންގެ ވެސް އިންޓެލިޖެންސްގެ ޒިންމާތައް ހުންނައިރު، އެގޮތަށް ބެހިފައި ހުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކޮންމެހެން މުހިންމު ކަމެކެވެ. އަދި މުހިންމީ ހުރިހާ ކަމަކަށް ހަާއްސަ ގައުމީ އިންޓެޖެންސް މުއައްސަސާއެއް ނޫން ކަމަށާއި މުހިންމީ މިހާރު ހުރި އިދާރާތައް ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނޭ ގޮތްތައް ހޯދުން ކަމަށެވެ. ވަކި އިދާރާއެއްގެ އިންޓެލިޖެންސް ހިދުމަތަކީ ގައުމީ އިންޓެލިޖެންސްގެ ހިދުމަތުގެ ގޮތުގައި ހަމަޖެސުމުން މިހާރު މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެއް މުއައްސަސާގެ ނަން އެ މުއައްސަސާއަށް ލިބިގެންވާ ގާނޫނީ ބާރާއި މެންޑޭޓަށް ވުރެ ފުޅާކަމަށް ދޭހަވާގޮތަށް ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެހެން މުއައްސަސާތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި އެންމެ އިސް ފަރާތަކީ ކޮބައިކަމާއި އިންޓެލިޖެންސްގެ ވެރިފަރާތަކީ ކޮބައިކަމާމެދު ސުވާލުތައް އުފެދޭނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. އަދި ގައުމީ އިންޓެލިޖެންސް އޮނިގަނޑަކުން މުއައްސަސާތައް އެއް ގަލަކަށް އެރުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެއް މުއައްސަސާއަށް އަނެއް މުއައްސަސާގެ މައްޗަށް ރަމްޒީ ގޮތެއްގައި އިސްވިޔަދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް، އެންސީޓީސީ، ކަސްޓަމްސް، އިމިގްރޭޝަން، އޭޖީ އޮފީސް، ރައީސް އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކާ މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. އަދި މިއީ ކުޑަ އިދާރީ މައްސަލައެއް ނޫން ކަމަށާއި މިއީ ގައުމީ ސަލާމަތާއި ގުޅޭ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

