ދަރަނި ނުދެއްކޭ ހާލަތު މެދުވެރިވެ ދިވެހިރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު އޮތްކަމަށް ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ ފިޗުން ބުނެފިއެވެ.
މާލީ މަސައްކަތްތަކާއި ގުޅުން ހުރި މުއައްސަސާއެއްކަމަށްވާ ފިޗުންވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް ”ބީ މައިނަސް“ އިން ”ސީސީސީ ޕްލަސް“ އަށް ދަށް ކޮށްފައެވެ. ބީ ރޭޓިންގެ މާނައަކީ މާލީ ހާލަތު ގޯސްވަމުންދާކަމަށް ބެލެވުންކަމަށްވާއިރު، ސީސީސީގެ މާނައަކީ ދަރަނި ނުދެއްކޭ ހާލަތު މެދުވެރިވުންކަން ފާހަގަކުރެވެއެެވެ.
އެ ކުންފުނީގެ ވެބްސައިޓުގައިވާގޮތުން އާންމު ހާލަތެއްގައި ގައުމުތަކަށް ސީސީސީ ޕްލަސްއަށްވުރެ ދަށް ރޭޓިންގް ނުދެއެވެ. އެހެނިހެން ވެބްސައިޓުތަކުން ބަލާއިރު މިއަށްވުރެ ދަށް ރޭޓިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ ”ސީސީ“ ރޭޓިންގްކަން ފެނިގެންދާއިރު، އެ ރޭޓިންގް ދެނީ ބަނގުރޫޓުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވުމުން ކަން ފާހަގަކުރެއެވެ.
ފިޗުން ބުނެފައިވާގޮތުން ރާއްޖޭގެ ރޭޓިންގް ދަށްކޮށްފައިވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދިއުމގެ ސަބަބުން ރިސްކުތައް މަތިވުމުންކަމަށެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވުން ފައިސާ މަދުވަމުންދިއުމާއި ރާއްޖޭގެ ދަރަނީގެ އަދަދުތައް މަތިވަމުންދިއުމުގެ ސަބަބުން ކުރިއަށް އޮތް ތާނގައި އައު ސަރުކާރަށް ދަރަނިތައް އަދާކުރުމުގައި ދަތިތައް އިތުރުވެގެންދާކަމަށް ފާހަގަކުރިއިރު ރާއްޖޭގެ ފައިސާ އަގު ހިފެހެއްޓުމުގައިވެސް ދަތިތައް ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ.
ފިޗުން ބުނެފައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރަނި ނަގަންޖެހޭ މިންގަނޑުތައް ދަށްކުރާނެކަމަށް އުންމީދުކުރާކަމަށް ވީނަމަވެސް މީގެ ކުރިން ނަގާފައިވާ ދަރަނީގެ ސަބަބުން 2025 އަދި 2026ގައިވެސް އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަމަށް ބުނެފަައިވެއެވެ.
ފިޗުންވަނީ ހަމަ މި ރިޕޯޓުގައި ދިވެހިރާއްޖޭގެ ކުރިމަތިގު ރަނގަޅުވެގެންދާނެކަމަށް ބެލެވޭ ބައެއް އަންދާޒާތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރު ދިވެހިރާއްޖެ އިގްތިސާދު ފުޅާވެގެންދާ މިންގަނޑު 5 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވާއިރު 2025 ވަނަ އަހަރު 6.3 އިންސައްތައަށް އިތުރުވެގެންދާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރު 4 އިންސައްތައިގައި ހުރި އަދަދެއްކަމަށްވެސް ބުނެފައިވެއެވެ.
އެ އެޖެންސީއިން ބުނެފައިވާގޮތުން 2025 ގައި ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވޭކަމަށާއި އެއީ އައު ފަސިންޖަރު ޓާމިނަލް ހުޅުވިގެންދާނެކަމަށް ރިއާޔަތްކޮށް ކޮށްފައިވާ އަންދާޒާއެއްކަމަށްވެސް ބުނެފައިވެއެވެ. އަދި އައު ސަރުކާރުން ހާރިޖީ އުސޫލުތައް ކަނޑައެޅުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އިންޑިއާ ފަތުރުވެރިން އައުން މަދުވިނަމަވެސް ޔޫރަޕުން އަންނަ މީހުން ގިނަވެފައިވާކަމަށާއި ޗައިނާ އަދި ރަޝިއާއިންވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

